ފައިރިޝްގެ މައްސަލަ ފަދަ ކަންކަމުގައި ދައުލަތް ފެއިލްވެއްޖެނަމަ ގޭންގުތަކުގެ ބާރު ގަދަވެދާނެ: ޝަމީމް

ކުރީގެ ޕީޖީ ހުސައިން ޝަމީމު: -- ސަން ފޮޓޯ/ މޫސާ ނަދީމް

މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ ފައިރިޝް ނަމަކަށް ކިޔާ މީހެއްގެ އުނދަގޫ ބޮޑުވެގެން ފުލުހުންގެ އިދާރާ ކުރިމަތީގައި މިދިޔަ މަހު މީހަކު ކުރި ބަނޑުހައިހޫނުކަމުގެ ހަޅުތާލަކީ، ރާއްޖޭގެ މުޅި ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިގެން ހިނގައިދާނެ ނުރައްކާތެރި ކަމެއް ކަމަށް ކުރީގެ ޕްރޮސިކިއުޓަރު ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ އޭނާގެ އަމިއްލަ ބްލޮގްގައި ލިޔުއްވި މަޒުމޫނެއްގައެވެ.

ޝަމީމް ލިޔުއްވާފައިވާ ގޮތުގައި، ވޭތުވެދިޔަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ޒިންމާދާރު މަގާމެއްގައި ހުންނެވި މުޙައްމަދު ސައީދު މި ހަޅުތާލު ފެށީ، އޭނާއާއި އޭނާގެ ޢާއިލާއަށް ދިމާވެފައިވާ މި ބޮޑު ތުރާލަށް ޙައްލެއް ހޯދުމަށް ދައުލަތުގެ އެކި މުއައްސަސާތަކުގައި އާދޭސް ދަންނަވާތާ ދޮޅު އަހަރު ވެގެން ދިޔައިރުވެސް އެއްވެސް އަލިމަގެއް ނުފެނި ގޮތް ހުސްވުމުންނެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އިސް މަގާމެއް ފުރުރަމުންދާ، ތަޢުލީމީ އަދި ހަރުދަނާ މިޒާޖެއްގެ ޒުވާނަކު މިފަދަ ހަރުކަށި ފިޔަވަޅެއް އެޅުމުން ދޭހަވަނީ ނިޒާމުގެ ނާކާމިޔާބީ ކަމަށް ޝަމީމް ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި ކަމާބެހޭ މުއައްސަސާތަކުން އެއްބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރުން ފިޔަވައި އެދެވޭ ކަމެއް ނުކުރާކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ، ދާޚިލީ ވަޒީރު އިސްނަންގަވައިގެން ފައިރިޝް ހައްޔަރުކުރުމަކީ ދާއިމީ ޙައްލެއް ނޫން ކަމަށެވެ. އެގޮތުން، ތިރީހަކަށް ފަހަރު އޭނާ ހައްޔަރުކޮށްފައިވާއިރު، އެންމެ ފަހުން ހިންމަފުށިން ފިލައިގެން ދިޔަ ޚަބަރުން ވެސް އެކަން ސާބިތުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ކަސްޓަމަރުންނަށް ޚިދުމަތްދޭ އުސޫލުން، ކަންކަމަށް ޙައްލު ހޯދައިދިނުމުގެ ސަގާފަތެއް ދައުލަތުގެ އިދާރާތަކުގައި ނެތްކަމަށް ވެސް ފާޑުވިދާޅުވިއެވެ.

ގާނޫނީ ގޮތުން މިކަމަށް ޙައްލު އޮތްކަން ތަފްސީލުކޮށްދެއްވަމުން ކުރީގެ ޕީޖީ ވިދާޅުވީ، ފައިރިޝް އާންމު ތަންތަނުގައި މީހުންގެ ގައިގައި ތެޅުމާއި ޢައުރަ ކަޝްފުކުރުން ފަދަ ޢަމަލުތަކަކީ ގާނޫނުލްއުގޫބާތުގެ ދަށުން ކުށްތަކެއް ކަމަށެވެ.

އެހެންކަމުން، އޭނާ ކުރާ ކޮންމެ ކުށަކަށް ވަކިވަކިން ކޯޓަށް މައްސަލަ ހުށަހަޅައި، 3 މަސް ދުވަހުގެ އަދަބު ޖަމާކުރަމުން ގޮސް، މަދުވެގެން 6 އަހަރު ދުވަހަށް އޭނާ ޖަލުގައި ބެހެއްޓޭނެ މަގު މިހާރު އޮތް ގާނޫނުގެ ތެރެއިން ވެސް ފަހިވެފައިވާ ކަމަށް ވިދާޅުވިއެވެ.

ނުވަތަ އިޢުތިރާފުގެ އެއްބަސްވުމެއް މެދުވެރިކޮށް ކައުންސިލިން ދީގެން އިސްލާޙުކުރެވެން އޮތް ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް، މައްސަލައަކީ ގާނޫނުގައި އޮތް އެއްޗެއް ކިޔަން އެނގުނަސް، އޭގެ ތެރެއިން ޙަގީގީ މައްސަލަތަކަށް ޙައްލު ހޯދައިދޭނެ "ގާނޫނީ ޢިލްމުވެރިން" ތިބުމުގެ ބަދަލުގައި، ހަމައެކަނި "ދަންނަ މީހުން" ތިބުން ކަމަށް ޝަމީމް ސިފަކުރެއްވިއެވެ.

އަމަންއަމާންކަން ބެލެހެއްޓުމަކީ ހަމައެކަނި ދައުލަތަށް އޮންނަ ބާރަކަށް ވާއިރު، އެކަން ރައްޔިތުންނަށް ފޯރުކޮށްނުދެވި، މީހުން މާޔޫސްވެއްޖެނަމަ، އޭގެ ނަތީޖާ ވަރަށް ހިތިވާނެ ކަމުގެ އިންޒާރު ވެސް ޝަމީމް ދެއްވިއެވެ. އެގޮތުން، ރައްކާތެރިކަން ހޯދުމަށްޓަކައި ޢާންމު ރައްޔިތުން ގޭންގުތަކާއި ކުށްކުރާ ގްރޫޕްތަކުގެ އެހީތެރިކަން ހޯދަން މަޖުބޫރުވެ، ގާނޫނުން ބޭރުން ހިންގާ ނުރައްކާތެރި ނިޒާމެއް އުފެދިދާނެ ކަމަށް ޝަމީމްގެ މަޒުމޫނުގައި ވަނީ ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް