ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ކަނޑުގެ އިން ވަކިކުރުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ދިވެހިރާއްޖެއަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް މި ސަރުކާރުން ދެކޭތީ، އެ މައްސަލައިގައި ކުރީ ސަރުކާރުން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ޚާއްސަ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން އުފެއްދެވި މި ކޮމިޝަނަށް ނަންދެއްވާފައިވަނީ "އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން އަމަލުކުރި ގޮތް ތަޙުގީގުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" ގެ ނަމުގައެވެ.
މިފަދަ ކޮމިޝަނެއް އުފައްދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް އިއުލާނުކުރައްވާފައެވެ.
ރައީސް އޮފީހުން ބުނީ މި ކޮމިޝަން އުފައްދަވާފައިވަނީ، އިޓްލޮސްއިން ނިންމި މައްސަލަ ދިރާސާކޮށް ރާއްޖެއިން ކުރިޔަށްދާނޭ ގޮތެއް ހޯދުމަށް އައްޔަނުކުރެވުނު ބައިނަލްއަގްވާމީ ޚަބީރުންގެ ރިޕޯޓުތަކުގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލުނީ ދިވެހިރާއްޖެއިން ކަންކުރިގޮތުން ކަމުގައި ލަފާދެއްވާފައިވާތީ ކަމަށެވެ. އަދި މިއީ ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑުގެ އަދި ކަނޑުއަޑީގެ ބިމުގެ މުއްސަނދިކަމަށް ލިބުނު ފޫނުބެއްދޭނެވަރުގެ ބޮޑު ގެއްލުމަކަށްވާތީ، މި މައްސަލަ ވަށައިގެން ބައްލަވައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމުގެ ގޮތުންނެވެ.
މި ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ 7 މެންބަރުންނަކީ:
- އަޙްމަދު ޝާކިރު (ނ.ދ.ޝ.އ) - ކޮމިޝަނުގެ ރައީސް
- އަބްދުލްއަޒީޒް ޔޫސުފް
- ޑރ. އާމިނަތު ޝާފިޔާ އާދަމް
- ޑރ. އަބްދުލްމުޙްސިން މުޙައްމަދު
- ޑެޕިޔުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔަޑް މުޙައްމަދު ޞާދިގް
- އަޙްމަދު އަލީމަނިކު
- ފާޠިމަތު މިންހަތު އިއްޒަތު
ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިޓްލޮސްގެ ކޭސް ނަންބަރު 28 ހުށަހެޅުމާ ހަމަޔަށް އަދި މައްސަލަ ކުރިއަށްދިޔަ ގޮތާއި، މައްސަލައަށް ދިވެހިރާއްޖެއިން ޖަވާބުދާރީވުމުގައި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި، ސީދާ އަދި ނުސީދާކޮށް ޝާމިލުވި މަސްއޫލުވެރީން އަމަލުކޮށްފައިވާ ގޮތް ބަލައި ތަޙުގީގުކުރުން ހިމެނެއެވެ.
މީގެއިތުރުން އެ ފަރާތްތަކުގެ އެއްވެސް ގާނޫނީ އިހުމާލެއް އޮތްތޯ ބަލައި، އިހުމާލެއްވާނަމަ އެ އިހުމާލުގެ އިންތައް ކަނޑައެޅުމާއި، މައްސަލައާ ގުޅޭ ލިޔެކިޔުންތައް ބަލަހައްޓައި ރައްކައުކުރެވިފައިވާ ގޮތް ތަޙުގީގުކުރުން ވެސް މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.
ހަމައެއާއެކު، ޒިންމާކުރުވަންޖެހޭ ފަރާތްތަކާމެދު އެޅުމަށް ފެންނަ ފިޔަވަޅުތައް ކަނޑައެޅުމާއި، ކުރިޔަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް ފެންނަ ހުށަހެޅުންތައް ހުށަހެޅުން ވެސް ކޮމިޝަނަށް ވަނީ މަތިކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2026/17 ގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ކޮމިޝަނަކީ ކޮމިޝަނާ މަތިކޮށްފައިވާ އެންމެހައި މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންދެން ދެމިއޮންނާނެ ކޮމިޝަނެކެވެ.
ޗާގޯސް، މޮރިޝަސްއާ ހަވާލުކުރުމަށް ބައިނަލްއަގުވާމީ އިދާރާތަކުން މީގެ ކުރިން ގޮވާލައިފައިވެއެވެ. އަދި، 2019ގައި މޮރިޝަސްއިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ މޮރިޝަސްއާ އެއްކޮޅަށް ނިމި އެ ކޯޓުން ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގައިފައެވެ.
އެ ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފައެވެ. އަދި މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ބައިކޮށްފައެވެ.
އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށްވާއިރު، ޗާގޯސް މައްސަލަ ކުރިއަށްގެންދަން ސަރުކާރުން ކޮމިޓީއެއް އެކުލަވައިލައިފައިވެއެވެ.