ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހިލޭ ގުޅޭނެ ހާއްސަ ހޮޓްލައިނެއް ކަމަށްވާ "1456" ޔޫތު މިނިސްޓްރީން ތައާރަފުކޮށްފިއެވެ.
ޔޫތު މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ހޮޓްލައިންގެ މައިގަނޑު ބޭނުމަކީ ކޮންމެ ޒުވާނަކަށް ވެސް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ކައުންސިލިންއާއި ނަފްސާނީ ސިއްހަތުގެ އެހީތެރިކަން އަދި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އިރުޝާދު ފޯރުކޮށްދިނުމެވެ. އެގޮތުން މި ހޮޓްލައިން މެދުވެރިކޮށް ވަކިވަކި ފަރުދުންނަށާއި އާއިލާތަކަށް ބޭނުންވާ ކައުންސިލިންގެ ޚިދުމަތާއި، ނަފްސާނީ ކުއްލި އެހީތެރިކަމުގެ އިތުރުން ސިއްހީ ސްކްރީނިން ޚިދުމަތްތައް ލިބޭނެއެވެ.
މީގެ އިތުރުން ދިރިއުޅުމުގެ ހުނަރުތަކާއި ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކާއި، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ ގުޅުންހުރި އެހެނިހެން އެހީތެރިކަން ވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޚިދުމަތްތައް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 14:00 އާ ދެމެދު އެ ނަމްބަރަށް ގުޅައިގެން ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
https://x.com/MoYSF_mv/status/2100070946786979860
ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ހެލްޕްލައިނެއް ގާއިމްކުރިއިރު ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިން "1677" މެދުވެރިކޮށް ވެސް 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.
މި ހެލްޕްލައިން ތައާރަފު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ، އާއިޝަތު ސާމިޔާ އޭރު ވިދާޅުވީ، ރާއްޖޭގައި ވެސް ނަފުސާނީ ބަލި ތަހައްމަލުކުރަމުންދާ މީހުން ވަރަށް ގިނަ ކަމަށެވެ. އެގޮތުން އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި ކޮންމެ ފަސް މީހަކުން އެކަކު ނަފުސާނީ ބަލި ތަހައްމަލު ކުރާ މީހެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޔޫތު މިނިސްޓްރީގެ ދަށުން ހިންގާ ޔޫތު ހަބުގައި ގާއިމުކޮށްފައިވާ "ހެޕިނެސް ލައުންޖު" މެދުވެރިކޮށް ވެސް ކައުންސިލިންގެ ޚިދުމަތް ހިލޭ ލިބެން ހުރެއެވެ.