ހުޅުމާލޭގެ ވިނަރެސް ފްލެޓެއްގައި ހުންނަ ފިހާރައެއްގެ ޑިޖިޓަލް އިޝްތިހާރު ބޯޑަކުން ބޭއަދަބީ އަދި ބަރަހަނާ މަންޒަރުތަކެއް ދެއްކި މައްސަލައެއް ފެންމަތިވެފައިވާއިރު، ހަމަ އެ ރޭ އެހެން ބައެއް ގައުމުތަކުގެ މަގުމަތީ ސްކްރީންތައް ވެސް ހެކްކޮށް މިފަދަ އަމަލުތަކެއް ހިންގާފައިވާކަމުގެ ރިޕޯޓްތަކެއް ހާމަވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވި ގޮތުގައި، ވިނަރެސް ތިނެއްގައި ހުންނަ ފިހާރައެއްގެ ބިލްބޯޑުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް އަޅުވާފައި ހުރި ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ދަންވަރު 03:23 އެހައިކަންހާއިރުއެވެ. މިފަދަ މަންޒަރެއް ޑިސްޕްލޭވާން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ރާއްޖޭގެ ޤާނޫނުލްޢުޤޫބާތާއި ޢާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު މިފަދަ ބޭއަދަބީ ތަކެތި ފެތުރުމަކީ ޖަލު ޙުކުމް އަންނަ ބޮޑު ކުށެކެވެ.
މި ހާދިސާ ރާއްޖޭގައި ހިނގި ވަގުތާ ދިމާކޮށް، މެލޭޝިއާގެ ޖޮހޯރު ސްޓޭޓްގެ ކުލުއާންގް ސަރަޙައްދުގައި ހުރި މުނިސިޕަލް ކައުންސިލް (އެމްޕީކޭ) ގެ އާންމު މެސެޖުތައް ދައްކާ އެލްއީޑީ ސްކްރީންތަކެއް ވެސް ވަނީ ހެކްކޮށްފައެވެ. އެ ހާދިސާގައި ވެސް ސްކްރީންތަކުން ބޭއަދަބީ ވީޑިއޯތަކެއް ދެއްކުމާ ގުޅިގެން، ކައުންސިލުން ވަނީ ރައްޔިތުންގެ ކިބައިން މައާފަށް އެދި، މައްސަލަ ފުލުހުންނަށް ހުށަހަޅައި، އެ ސަރަޙައްދުގެ ހުރިހާ ސްކްރީންތަކެއް ވަގުތީ ގޮތުން ނިއްވާލާފައެވެ.
އެ ކައުންސިލުން ބުނެފައިވަނީ މިއީ ސިސްޓަމްގެ ސެކިއުރިޓީ ފޫއަޅުވާލައި ދީފައިވާ ހަމަލާއެއް ކަމަށެވެ.
މީގެ އިތުރުން، މިދިޔަ ބުރާސްފަތި ދުވަހު މިޞްރުގެ ވެރިރަށް ކައިރޯގެ އެންމެ ބާރުބޮޑު އެއް ހައިވޭގައި ހުރި ބޮޑު އިޝްތިހާރު ބޯޑެއް ހެކްކޮށް ވެސް ވަނީ މިފަދަ ވީޑިއޯއެއް އަޅުވާފައެވެ. މިޞްރުގެ ދާޚިލީ ވުޒާރާއިން ހާމަކުރި ގޮތުގައި އެކަން ހިނގާފައިވަނީ އެ ބޯޑު ބަލަހައްޓާ ބައިނަލްއަޤްވާމީ ކުންފުނީގެ ސިސްޓަމަށް އެއްވަގުތެއްގައި ދުނިޔޭގެ އެކި ގައުމުތަކަށް އަމާޒުކޮށް ދިން ސައިބާ ހަމަލާއެއްގެ ސަބަބުންނެވެ. އަދި ބްރެޒިލްގައި ވެސް މިފަދަ ހާދިސާތަކެއް ހިނގާފައިވާ ކަމުގެ ރިޕޯޓްތައް ވަނީ ލިބިފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެއް ދަނޑިވަޅެއްގައި މިފަދަ ހާދިސާތަކެއް ހިނގުމުން، ހުޅުމާލޭގެ ފިހާރައިގެ ސްކްރީނަށް ދިމާވި މައްސަލައަކީ ވެސް ބައިނަލްއަޤްވާމީ ފެންވަރުގައި ޑިޖިޓަލް ސްކްރީންތަކުގެ ސެކިއުރިޓީ ނިޒާމުތަކަށް އަމާޒުކޮށްގެން ދިން ސައިބާ ހަމަލާއެއްގެ ބައެއްތޯ މިވަނީ ސުވާލު އުފެދިފައެވެ.