މިޞްރުގެ ވެރިރަށް ކައިރޯގެ އެންމެ ބާރުބޮޑު އެއް ހައިވޭގައި ހުރި ބޮޑު އިލެކްޓްރޯނިކް އިޝްތިހާރު ބޯޑެއް ހެކްކޮށް، އޭގައި ބޭއަދަބީ އަދި ބަދު އަޚްލާޤީ މަންޒަރު ފެންނަ ވީޑިއޯއެއް ދައްކާފައިވާ ކަމަށް ސީއެންއެން އިން ރިޕޯޓްކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް އެ ޤައުމުގެ ސަރުކާރާއި ޚަބަރު ފަތުރާ ވަސީލަތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހާދިސާ ހިނގާފައިވަނީ ކައިރޯގެ މަޝްހޫރު '26 ޖުލައި އެކްސިސް' މަގުގައި ހުރި ބިލްބޯޑެއްގައެވެ. މަގުމަތިން ދަތުރުކުރި ގިނަ ޢަދަދެއްގެ މީހުން ކާރުތައް ހުއްޓައި، މި މަންޒަރު ފޯނުތަކުން ރެކޯޑުކޮށް ސޯޝަލް މީޑިއާއަށް ދޫކޮށްލުމާ ގުޅިގެން މިކަން ވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައެވެ. ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ވީޑިއޯއާއެކު ޓެލެގްރާމް ޗެނަލެއްގެ ނަން ހިމަނާފައިވެއެވެ. އަދި ޖެހިގެން އައި ހުކުރު ދުވަހު އެ ޓެލެގްރާމް އެކައުންޓުން ވަނީ މިޞްރުގެ ސަރުކާރަށް ފާޑުކިޔައި ސިޔާސީ މެސެޖެއް ވެސް އާންމުކޮށްފައެވެ.
މިޞްރުގެ އިންޓީރިއާ މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި އިޝްތިހާރު ބޯޑަކީ ބައިނަލްއަޤްވާމީ ކުންފުންޏަކާއެކު އެއްބަސްވުން ހަދާފައިވާ އިޝްތިހާރު ކުރާ ކުންފުންޏެއްގެ ބޯޑެކެވެ. މިނިސްޓްރީން ބުނީ މިއީ އެ ބައިނަލްއަޤްވާމީ ކުންފުނީގެ ވެބްސައިޓަށް ދިން ސައިބާ ހަމަލާއެއްގެ ސަބަބުން ހިނގި ކަމެއް ކަމަށާއި، މިފަދަ ހަމަލާތަކެއް އެއްވަގުތެއްގައި އެހެން ބައެއް ޤައުމުތަކަށް ވެސް އަމާޒުވެފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ޤާނޫނީ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
އިސްލާމީ ރިވެތި އުޞޫލުތަކާއި އަޚްލާޤީ މިންގަނޑުތަކަށް އިސްކަންދޭ މިޞްރުގެ މުޖުތަމައުގައި މި ޢަމަލު ގިނަ ބަޔަކު ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިން އިރާޤު، މެލޭޝިއާ އަދި ބްރެޒިލް ފަދަ ގައުމުތަކުގައި ވެސް މިފަދަ ޑިޖިޓަލް ބޯޑުތައް ހެކްކޮށް ބޭއަދަބީ މަންޒަރުތައް ދެއްކުމުގެ ހާދިސާތައް ހިނގާފައިވުމާ ގުޅިގެން، އެފަދަ ބޯޑުތައް ނިއްވާލަން ކަމާބެހޭ ފަރާތްތަކަށް ވަނީ މަޖުބޫރުވެފައެވެ.