ތިން ވަނަ ކުއާޓަރުގައި އެސްޓީއޯއަށް 281 މިލިއަން ރުފިޔާގެ ފައިދާ ލިބުނުއިރު އާމްދަނީ 7 އިންސައްތަ ދަށަށް

އެސްޓީއޯ އޭޖީއެމްގައި އެ ކުންފުނީގެ ޗެއާމަން އާމިރު މަންސޫރާއި އެމްޑީ ޝިމާދު -- ފޮޓޯ: އެސްޓީއޯ

މި އަހަރުގެ ދެވަނަ ކުއާޓަރަށް ވުރެ މިދިޔަ ކުއާޓަރުގައި ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއަށް ލިބުނު އާމްދަނީ ހަތް އިންސައްތަ ދަށްވެއްޖެ ކަމަށް ކުއާޓަލީ ރިޕޯޓުން ދައްކައިފިއެވެ.

އެސްޓީއޯގެ ކުއާޓަލީ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 6.48 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އެއީ މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު 6.98 ބިލިއަން ރުފިޔާގެ އާމްދަނީއަށް ވުރެ ހަތް އިންސައްތައިގެ ދަށްވުމެކެވެ.

ނަމަވެސް ތިންވަނަ ކުއާޓަރުގައި އެ ކުންފުނީގެ ހިންގުމުގެ ފައިދާއާއި ސާފު ފައިދާ އިތުރުވެފައިވެއެވެ.

އެގޮތުން ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި އެސްޓީއޯއަށް 400 މިލިއަން ރުފިޔާ ލިބުނުއިރު، އެއީ ދެވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނު 324 މިލިއަން ރުފިޔާއަށް ވުރެ 23 އިންސައްތައިގެ އިތުރުވުމެކެވެ.

ކުއާޓަލީ ރިޕޯޓުގައިވާ ގޮތުން ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ތިންވަނަ ކުއާޓަރުގައި ލިބުނީ 281 މިލިއަން ރުފިޔާއެވެ. އެއީ މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު 280 މިލިއަން ރުފިޔާއަށް ވުރެ ބައި އިންސައްތަ އިތުރު އަދަދެކެވެ.

އެސްޓީއޯއިން ބުނީ ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އައި ބަދަލާއެކު ތެލުގެ އަގު މި ކުއާޓަރުގައި ދަށްވުމުން ކަމަށެވެ. ތެލުގެ އަގު ދަށްވި ނަމަވެސް، ތެޔޮ ވިކުނު އަދަދު ދެވަނަ ކުއާޓަރަށް ވުރެ އިތުރު ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވެ، މިދިޔަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި 738.10 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

އެހެންކަމުން އެއީ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ޖުމުލަ ފައިދާގެ ގޮތުގައި ލިބުނު 757.03 މިލިއަން ރުފިޔާއަށް ވުރެ 18.93 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

comment ކޮމެންޓް