ރާއްޖެއަށް ގެންނަ ޒިންމާދާރު އިންވެސްޓްމެންޓްތައް ކާމިޔާބު ކޮށްދިނުމުގައި މި ގައުމު ސާބިތުވެ އޮންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ޗައިނާ - މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވަނީ، ރާއްޖެ މިހާރު ތަޖުރިބާކުރަމުން އަންނަނީ، ގައުމީ ތަރައްގީގެ ގޮތުން މުހިންމު ދުވަސްވަރެއް ކަމަށް ސިފަކުރައްވައިފައެވެ. އެގޮތުން އަމާޒަކީ 2040 އަންނަންވާއިރަށް، ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުންކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ގައުމުގެ އިގުތިސާދު ސިންދަފާތުކޮށް، އީޖާދީ މަސައްކަތްތައް ހަލުވިކޮށް، އިންވެސްޓަރުންނާ އިތުރަށް ގުޅުން ބަދަހިކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އަޅުގަނޑުމެން ދޭން އޮތް މެސެޖު ސާފު، ރާއްޖެ އޮތީ ޒިންމާދާރު އިންވެސްޓްމެންޓަށް ހުޅުވިފައި، އަދި އެ އިންވެސްޓްމެންޓެއް ކާމިޔާބު ކުރުމަށް ސާބިތުވެ އޮންނާނެ
ރައީސް ޑރ. މުޙައްމަދު މުއިއްޒު
ރައީސް ވަނީ، މި ސަރުކާރުގައި އައު ފޮރިން އިންވެސްޓެމެންޓް ގާނޫނެއް ތައާރަފުކޮށްފައިވާކަން ފާހަގަކުރައްވައި، އޭގެ މަގުސަދަކީ އެފަދަ މުއާމަލާތްތައް ކުރުމުގައި ދެފުށްފެންނަ މިންވަރު އިތުރުކޮށް، ސިޔާސަތުތަކުގައި ހިފެހެއްޓުމާއި، އިންވެސްޓަރުންގެ އިތުބާރު ހޯދުން ކަމަށް ވިދާޅުވެފައެވެ. އަދި އިންވެސްޓެމެންޓް ބިނާވަނީ އިތުބާރާއި، ދެމެހެއްޓޭ ސިޔާސަތުތަކަށްކަން ގަބޫލުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭން އޮތީ، އެ ހުރިހާ ކަމެއް ވެސް އިތުރަށް ވަރުގަދަ ކުރުމަށް ތައްޔާރަށް ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭން ތަރައްގީއަށް ކުރާ މަސައްކަތުގައި ބައިވެރިވެވޭނެ ގޮތްތަކަށް އެ މަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ. އޭގެ ތެރޭގައި އިޔާދަކުރަނިވި ހަކަތައާއި، ކާނާގެ ޔަގީންކަން ކަށަވަަރު ކުރުމާއި، ލޮޖިސްޓިކްސްއާއި، މަސްވެރިކަމުގެ ދާއިރާގެ ޒަމާނީ ޕްރޮސެސިން މަސައްކަތްތަކާއި، ޑިޖިޓަލް ޓެކްނޮލޮޖީއާއި، އާޓިފިޝަލް އިންޓެލިޖެންސްއާއި، ސިއްހީ ދާއިރާއާއި، މާލީ ޚިދުމަތްތަކާއި، ބިނާރުގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީ ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވަނީ، ރާއްޖޭން އިންވެސްޓްމެންޓްތައް ހޯދުމުގައި ބަލަނީ ހަމައެކަނި އޭގެއިން ފުރަތަމަ ލިބޭ ފައިސާއަށް ނޫން ކަމަށާއި، އޭގެ ބަދަލުގައި، އެ އިންވެސްޓްމެންޓުން އުފެދޭ ސިނާއަތާއި ތަރައްގީ ކުރެވޭ ހުނަަރުތަކާއި ވަޒީފާތަކާއި ފުރުސަތުތަކަށް ވެސް ބަލާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވި ގޮތުގައި ޗައިނާއިން ރާއްޖޭގައި ކޮށްފައިވާ އިންވެސްޓްމެންޓުތަކުން ދިގުދެމިގެންދާ އިގުތިސާދީ ފައިދާއާއި، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތައް އައިސްފައިވާކަން ފާހަގަކުރެވިފައިވެއެވެ. އެހެންވެ، ޗައިނާގެ އިންވެސްޓްމެންޓުތަކަކީ، ރާއްޖޭން އެހެން އިންވެސްޓްމެންޓުތައް ހޯދުމުގައި ބަލާނެ މިންގަނޑެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.
ރާއްޖޭގައި އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކައް ރައީސް މެސެޖެއް ދެއްވިއިރު، އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ޖުމްލަ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ލަފާކުރާ މި ބޮޑު މަޝްރޫއާއެކު، އިސްރާއީލުގެ މީހުންނަށް އެ ސަރަހައްދުން ޕްރޮޕަޓީ ގަނެވިދާނެ ކަމުގެ ކަންބޮޑުވުން ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން ވަނީ ފާޅުކޮށްފައެވެ.
އެހެންނަމަވެސް، ރަސްމާލެއިން އިސްރާއީލާ ގުޅުންހުރި އެއްވެސް ފަރާތަކަށް ޕްރޮޕަޓީ ނުގަނެވޭނެ ގޮތް ހަދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.