ޖީޓީއޭ 6 ގެ ވިޔަފާރި އެންމެ ދުވަހެއްގެ ތެރޭގައި 3.8 ބިލިއަން ޑޮލަރަށް އަރައި ތާރީޚީ ރެކޯޑެއް ހަދައިފި

މިހާބޮޑު ކާމިޔާބެއް ހޯދާފައިވާއިރު، ޗައިނާގައި މިގޭމް ވިއްކުން އަދިވެސް އޮތީ މަނާކޮށްފައި ---

މަޝްހޫރު ވީޑިއޯ ގޭމް ސީރީޒް "ގްރޭންޑް ތެފްޓް އޮޓޯ" ގެ އެންމެ ފަހުގެ ބައި ކަމަށްވާ ޖީޓީއޭ 6 ނެރުނު ފުރަތަމަ ދުވަހު އެކަނިވެސް 3.8 ބިލިއަން ޑޮލަރުގެ ވިޔަފާރިކޮށް، މުނިފޫހިފިލުވުމުގެ ދާއިރާގެ ތާރީޚުގައިވެސް އެންމެ ބޮޑު ކާމިޔާބީއެއް ހޯދި އުފެއްދުމަށް ވެއްޖެއެވެ.

ރޮކްސްޓާ ގޭމްސްގެ ބެލެނިވެރި ކުންފުނި ޓޭކް-ޓޫ އިން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، ބުރާސްފަތި ދުވަހުގެ ނިޔަލަށް ލިބިފައިވާ އަންދާޒާ ހިސާބުތަކުން ދައްކާ ގޮތުން މި ގޭމް ރަސްމީކޮށް ނެރުމުގެ ކުރިން ޕްރީ-ސޭލްގައި އެކަނިވެސް 32.5 މިލިއަން ކޮޕީ ވަނީ ވިކިފައެވެ.

މި އަދަދާއެކު ޖީޓީއޭ 6 އިން ވަނީ މިއަހަރު ސިނަމާތަކުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމު "ސްޕައިޑަރ-މޭން: ބްރޭންޑް ނިއު ޑޭ" އަށް މުޅި ދުނިޔޭގެ ސިނަމާތަކުން ލިބުނު 2.5 ބިލިއަން ޑޮލަރުގެ ރެކޯޑު އެންމެ ދުވަހެއްގެ ތެރޭގައި މުގުރާލާފައެވެ.

https://sun.mv/230779

އިންޓަނެޓް އިންފްރާސްޓްރަކްޗާ ކުންފުނި ކްލައުޑްފްލެއާ އިން ބުނި ގޮތުގައި ގޭމް ނެރުމާއެކު އިނގިރޭސިވިލާތުގައި ޕީއެސް5 ޑައުންލޯޑްތައް އާންމު މިންވަރަށްވުރެ 8.6 ގުނަ އިތުރުވިއިރު، ގޭމް އެންމެ ފުރަތަމަ ލިބެން ފެށި ނިއުޒީލެންޑްގައި ޓްރެފިކް ވަނީ 14.8 ގުނައަށް އުފުލިފައެވެ.

މީގެ އިތުރުން ރޮކްސްޓާގެ އޮންލައިން ޚިދުމަތްތަކަށް ބާރުބޮޑުވެ އޮސްޓްރޭލިއާގައި 11.2 ގުނަ އަދި އެމެރިކާގެ އިރުމަތީ އައްސޭރީގައި 9.3 ގުނައަށް އިންޓަނެޓް ޓްރެފިކް އިތުރުވެގެން ދިޔަކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މި ކާމިޔާބީއާއެކު ޖީޓީއޭ 6 އިން ވަނީ މީގެ 13 އަހަރު ކުރިން ނެރުނު ޖީޓީއޭ 5 އިން ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި ހޯދި 1.15 ބިލިއަން ޑޮލަރުގެ ރެކޯޑުވެސް ވަރަށް ބޮޑުތަނުން ފަހަތަށް ޖައްސާލާފައެވެ.

އެމެރިކާގެ ފްލޮރިޑާ ސިފަވާގޮތަށް ފަރުމާކޮށްފައިވާ ލިއޮނިޑާ ކިޔާ ރަށެއްގައި ހިނގާ ކުށުގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ގޭމުގެ މައިގަނޑު ދެ ކެރެކްޓަރުންނަކީ ލޫސިއާ އަދި އޭނާގެ ބައިވެރިޔާ ޖޭސަންއެވެ.

ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރަށްވުރެ ބޮޑު ހޭދައެއް ކޮށްގެން އުފެއްދި މި ގޭމަކީ ދުނިޔޭގެ ތާރީޚުގައިވެސް އެންމެ ބޮޑު ޚަރަދެއް ކޮށްގެން ތައްޔާރުކުރި ވީޑިއޯ ގޭމެވެ.

މާކެޓް ރިސާޗް ކުންފުނި ސެންސާ ޓަވާ އިން ލަފާކުރާ ގޮތުގައި ޖީޓީއޭ 6 ގެ މަގުބޫލުކަމުގެ ސަބަބުން އެހެން ސިންގަލް-ޕްލޭޔާ ގޭމްތަކަށް ގޭމަރުން ހޭދަކުރާ ވަގުތު 10 އިންސައްތަ ދަށްވާނެއެވެ.

މި ގޭމުގެ ޖުމްލަ ވިޔަފާރީގެ ހަތަރުބައިކުޅަ ތިންބައި ހިއްސާކުރަނީ ޕްލޭސްޓޭޝަން 5 ކަމަށްވާއިރު، ބާކީ ބައި ހިއްސާކުރަނީ އެކްސްބޮކްސް ކޮންސޯލްތަކުންނެވެ.

ރޮކްސްޓާ ގޭމްސް އިން އަދި މި ގޭމް ޕީސީއަށް ނެރޭނެ ތާރީޚަކާއި މަލްޓިޕްލޭޔާ އެކްސްޕެންޝަން ތައާރަފުކުރާނެ ދުވަހެއް އިއުލާނު ނުކުރި ނަމަވެސް، ކުރިއަށް އޮތް އަހަރުތަކުގައި މި ގޭމުން އެ ކުންފުންޏަށް އިތުރު ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވެއެވެ.

13 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނޮވެންބަރު 19 ވަނަ ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޖީޓީއޭ 6 ނެރުމާއެކު، 212 ޖީބީގެ މި ބޮޑު ފައިލް ޑައުންލޯޑް ކުރުމަށް ގިނަ ބަޔަކު އަވަސްވެގަތުމުން އިނގިރޭސިވިލާތުގެ ވާޖިން މީޑިއާ އޯ2 ގެ ރޭގަނޑުގެ އިންޓަނެޓް ޓްރެފިކް ރެކޯޑުވެސް ވަނީ މުގުރިފައެވެ.

ގޭމުގައި ހިމެނޭ ބައެއް މަންޒަރުތަކުގެ ސަބަބުން ޖަޕާނުގައި މި ގޭމް ސެންސަރުކޮށްގެން ނެރެފައިވާއިރު، ޗައިނާގައި މި ގޭމް ވިއްކުމުގެ ހުއްދަ ދީފައެއް ނުވެއެވެ.

ގޭމުގެ ފޯރި ގަދަވެފައިވާ ދަނޑިވަޅެއްގައި އެމެރިކާގެ ފުލުހުންގެ އިދާރާތަކުން ވަނީ، ގޭމުގައި ފެންނަ ފަދަ މަގުމަތީގެ ރޭސް ޖެހުމާއި ކާރު ވަގަށް ނެގުމާއި ބަޑި ޖެހުމަކީ ހަގީގީ ދިރިއުޅުމުގައި ކުށްކަން އާންމުންނަށް ހަނދާންކޮށްދީ އިންޒާރު ދީފައެވެ.

comment ކޮމެންޓް