އެމެރިކާއިން އެޅި އޭއައި ޗިޕް ފިޔަވަޅުތަކުން ޗައިނާގެ ޓެކްނޮލޮޖީ ކުންފުނިތަކުގެ ހިއްސާގެ އަގުތައް ބޮޑުތަނުން ވައްޓާލައިފިއެވެ.
ޗައިނާގެ ކުންފުނިތަކަށް ކުރިމަތިވި މި އާ ފިއްތުންތަކުގެ ތެރޭގައި، ޒަމާނީ އޭއައި ޗިޕްތައް ދުރުން ބޭނުންކުރުން ހުއްޓުވުމަށް އެމެރިކާއިން އެޅި ފިޔަވަޅުތަކާއި، އެންވިޑިއާއިން ޗައިނާއަށް ފޮނުވާ ބައެއް ޗިޕް ޝިޕްމަންޓްތައް މެދުކަނޑާލުން ހިމެނެއެވެ. މީގެ އިތުރުން، އަލީބާބާއާ ދެކޮޅަށް ހިއްސާދާރުން ހުށަހެޅި ދައުވާއަކާއި، ޗައިނާގެ އޭއައި މޮޑެލްތައް ބޭނުންކުރާ ނަމަ އެކަން ހާމަކުރުމަށް އެމެރިކާގެ ކުންފުނިތަކަށް މަޖުބޫރުކުރުމަށް އެ ގައުމުން ހުށަހަޅާފައިވާ ހުށަހެޅުމެއް ވެސް މި ފިއްތުންތަކުގެ ތެރޭގައި ހިމެނެއެވެ.
މި ކަންކަމުން ދައްކައިދެނީ އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ކުރިއެރުން ހޯދުމަށް އެމެރިކާއާއި ޗައިނާއާ ދެމެދު އޮތް ވާދަވެރިކަން، ސެމީކޮންޑަކްޓަރު އެކްސްޕޯޓް ކުރުމުގެ އިތުރުން ކްލައުޑް ކޮމްޕިއުޓިން، ސޮފްޓްވެއާ އަދި ކުންފުނިތަކުގެ މައުލޫމާތު ހާމަކުރުމާ ހަމައަށް ފުޅާވެފައިވާ ކަމެވެ.
ޗައިނާގެ ބާޒާރަށް ވާސިލުވުމުގެ ފުރުސަތު ދެމެހެއްޓުމަށް މަސައްކަތްކުރެއްވި އެންވިޑިއާގެ ކޯ-ފައުންޑަރު ޖެންސެން ހުއާންގް، ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ މީހަކު ހިމެނޭހެން ކައިވެނީގެ ބޭރުން ގުޅުންތަކެއް ބޭއްވެވި ކަމަށް ބުނާ ރިޕޯޓުތަކަކާ ގުޅިގެން ސީއީއޯގެ މަގާމުން އިސްތިއުފާދެއްވުމާ އެކު، ޗައިނާގެ ކުރިއަރާފައިވާ ޓެކް ކުންފުނިތަކުގެ ހިއްސާގެ އަގުތައް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން ޒެޑް.އޭއައިގެ ހިއްސާ 22 އިންސައްތަ އަދި މިނީމެކްސްގެ ހިއްސާ 34 އިންސައްތަ ވަނީ ވެއްޓިފައެވެ.
އެންވިޑިއާގެ ކުރީގެ ސީއީއޯ ޖެންސަން ހުއާންގް ---އެމެރިކާގެ ފިޔަވަޅުތަކުން ޗައިނާގެ އޭއައި ސިނާއަތަށް ކުރާނެ އަސަރުތަކާ ގުޅޭ ގޮތުން ކައުންޓަޕޮއިންޓް ރިސާޗްގެ ރިސާޗް ވައިސް ޕްރެޒިޑެންޓް ނީލް ޝާހް ވިދާޅުވީ، 2028 ވަނަ އަހަރުގެ ކުރިން ނުވަތަ 2030 ވަނަ އަހަރާ ހަމައަށް ވެސް އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ފަރަގު ކުޑަކުރުމަކީ އުނދަގޫ ކަމެއް ކަމަށް ފެންނަ ކަމަށެވެ. އަދި މި ފިޔަވަޅުތަކުގެ އަސަރު އިންފަރެންސަށް ވުރެ ބޮޑަށް ފްރޮންޓިއާ މޮޑެލް ތަމްރީނުކުރުމަށް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އަލީބާބާއާއި ޓެންސެންޓް ފަދަ ބޮޑެތި ކުންފުނިތަކަށް ވުރެ، މޫންޝޮޓް އޭއައި، ޒެޑް.އޭއައި، މިނީމެކްސް އަދި ޑީޕްސީކް ފަދަ އޭއައި ސްޓާޓްއަޕްތަކަށް މީގެ އަސަރު މާ ބޮޑަށް ކުރާނެ ކަމަށް ވެސް ޝާހް ފާހަގަކުރެއްވިއެވެ.
ޒަމާނީ ކޮމްޕިއުޓިން ބާރު ހޯދުމަށް އެމެރިކާއިން އަޅާ ފިޔަވަޅުތައް ހަރުކަށިކުރަމުންދާއިރު، ޗައިނާގެ ކުންފުނިތަކުން ދަނީ އެމެރިކާގެ ޓެކްނޮލޮޖީއަށް ބަރޯސާވުން ކުޑަ، އަމިއްލަ އޭއައި ނިޒާމެއް ބިނާކުރުމަށް އަވަސްވެގަންނަމުންނެވެ. ޗައިނާގެ އެންމެ ބޮޑު ދެ އޭއައި ކުންފުނި ކަމަށްވާ ޓެންސެންޓާއި އަލީބާބާގެ އިސްވެރިން ވިދާޅުވި ގޮތުގައި، އެމެރިކާގެ ފަހުގެ ފިޔަވަޅުތަކުގެ ސަބަބުން ކޮމްޕިއުޓިން ދަތިތައް އިތުރުވާނެއެވެ. ނަމަވެސް ކުރު މުއްދަތުގައި ކުރާނެ އަސަރުތަކާ މެދު ދެ ކުންފުނީގެ ހިޔާލު ތަފާތެވެ. ޓެންސެންޓުން ބުނީ އެ ކުންފުނީގެ އޭއައި ހިދުމަތްތައް މައިގަނޑު ގޮތެއްގައި ބަރޯސާވަނީ އެ ގައުމުގައި އުފައްދާ ޗިޕްތަކުން ހިންގޭ އިންފަރެންސް މަސައްކަތްތަކަށް ކަމަށް ވާތީ، ކްލައުޑް ވިޔަފާރިއަށް މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށެވެ.
އެހެން ނަމަވެސް، އެ ކުންފުނީގެ ރައީސް މާޓިން ލޯ ވިދާޅުވީ އެމެރިކާގެ ފިޔަވަޅުތަކުގެ ސަބަބުން ކުރު މުއްދަތުގައި ޓެންސެންޓްގެ ކުރިއަށް އޮތް ޖީލުގެ އޭއައި މޮޑެލް ތަރައްގީކުރުން ލަސްވެ، އަމިއްލަ ގައުމުގެ ޗިޕްތަކަށް ބަދަލުވުމުގެ މަސައްކަތް އަވަސްވެގެންދާނެ ކަމަށެވެ.
އަލީބާބާގެ ސީއީއޯ އެޑީ ވޫ ވިދާޅުވި ގޮތުގައި، އެމެރިކާގެ އާ ގަވާއިދުގެ ސަބަބުން އަންނަ އަހަރު އެ ކުންފުނީގެ އުފެއްދުންތަކާއި ހިދުމަތްތަކަށް އަސަރުކުރާނެއެވެ. އަދި 20 ގިގަވޮޓްގެ ކޮމްޕިއުޓިން ކެޕޭސިޓީ ގާއިމުކުރުމަށް ކަނޑައަޅާފައިވާ ދުރު ރާސްތާގެ އަމާޒު ދަށްކުރުމަށް ކުންފުންޏަށް މަޖުބޫރުވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ދެހާސް ތިރީސް ވަނަ އަހަރާ ހަމައަށް ބޭރުގެ ކްލައުޑް އާމްދަނީގެ ގޮތުގައި 100 ބިލިއަން ޑޮލަރު ހޯދުމުގެ ދުރު ރާސްތާގެ އަމާޒު އަލީބާބާއިން ދެމެހެއްޓި ނަމަވެސް، މި ފިޔަވަޅުތަކަށް ހޭނެމުންދާއިރު، އެންމެ ފަހުގެ ކުއާޓަރުގައި 53 އިންސައްތައިގައި ހުރި ކްލައުޑް އާމްދަނީގެ ކުރިއެރުން އަންނަ އަހަރު 30 އިންސައްތައާއި 45 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ބެއިޖިންގައި މަސައްކަތްކުރައްވާ ޓެކްނޮލޮޖީ ސިނާއަތުގެ މިނިވަން މުހައްލިލެއް ކަމަށްވާ ލިއު ޝިންގްލިއާންގް ވިދާޅުވީ، އޭއައި ތަމްރީނުކުރުމުގެ މަރުހަލާތައް ދިގުލައިގެން ގޮސް ނުވަތަ އިތުރު ކޮމްޕިއުޓިން ކެޕޭސިޓީ ގާއިމުކުރުން ލަސްވެއްޖެ ނަމަ، އުފެއްދުންތައް އިތުރަށް ފުރިހަމަކުރުމާއި ވިޔަފާރީގެ ބޭނުމަށް ނެރުން ލަސްވެގެން ހިނގައިދާނެ ކަމަށެވެ.
ކޮމްޕިއުޓިން ބޭނުންތައް ފުއްދުމުގައި ގައުމުގައި އުފައްދާ ޗިޕްތަކުގެ ދައުރު ބޮޑުވާނެ ކަމަށް ޓެންސެންޓާއި އަލީބާބާއިން ބުނި ނަމަވެސް، އޭއެސްއެމްއެލްގެ އިމާޝަން ލިތޯގްރަފީ މެޝިންތަކާއި އެހެނިހެން އާލާތްތަކަށް އެމެރިކާއިން އަޅާފައިވާ އެކްސްޕޯޓް ކޮންޓްރޯލްތަކުގެ ސަބަބުން، ޒަމާނީ ޗިޕް އުފެއްދުމަށް ޗައިނާގައި ހުރި ގާބިލުކަން ވަނީ ހަނިވެފައެވެ.
ބައިޓްޑާންސަށް ޗިޕް ފޯރުކޮށްދޭ އިލުވާޓާ ކޯއެކްސްގެ ހިއްސާ 17 އިންސައްތަ ވެއްޓުމާ ގުޅިގެން ބާޒާރުގައި އުފެދިފައިވާ ކަންބޮޑުވުންތައް ކުޑަކުރުމަށް، އެ ކުންފުނީގެ ރަސްމީ ވީޗެޓް އެކައުންޓުގައި މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަޕްލައި ކަށަވަރުކުރުމަށްޓަކައި ޗައިނާގެ ސެމީކޮންޑަކްޓަރު ސަޕްލައި-ޗެއިންގެ ބައިވެރިންނާ އެކު ގާތް ގުޅުމެއް ގާއިމުކޮށްފައިވާ ކަމަށެވެ.
ޗައިނާގައި ކޮންޓްރެކްޓް އުސޫލުން ޗިޕް އުފައްދާ އެންމެ ބޮޑު ކުންފުނި ކަމަށްވާ އެސްއެމްއައިސީއަކީ ހަތް ނެނޯމީޓަރުގެ ޕްރޮސެސް ބޭނުންކޮށްގެން ފުޅާ ދާއިރާއެއްގައި ޒަމާނީ ޗިޕް އުފައްދާ އެ ގައުމުގެ ހަމައެކަނި ފައުންޑްރީއެވެ. އޭގެ ބޮޑު ބައެއް ހުވާވޭގެ އެސެންޑް އޭއައި ޗިޕްތަކަށް ހާއްސަކޮށްފައިވާއިރު، ހުއާ ހޮންގް ސެމީކޮންޑަކްޓަރުގައި ޒަމާނީ ޗިޕް އުފެއްދުމުގެ ގާބިލުކަން ހުރީ ނިސްބަތުން މަދު މިންވަރަކަށެވެ.
އަލީބާބާގެ ވޫ ވިދާޅުވީ ބާޒާރުގައި ސަޕްލައިގެ ދަތިކަން އަދިވެސް އެބަހުރި ކަމަށާއި، ކްލައުޑް އާމްދަނީގެ ކުރިއެރުމަށް އެހީތެރިވެދޭ މައިގަނޑު ބާރަކަށް ވާނީ ގައުމުގެ އެތެރޭގެ ކޮމްޕިއުޓިން ކެޕޭސިޓީ ކަމަށެވެ. މި ފިޔަވަޅުތަކުގެ އަސަރު ބޭރުގެ ސަޕްލަޔަރުންނަށް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން، ޗައިނާގެ އޭއައި ކުންފުނިތަކަށް ހިދުމަތްދޭ ބޭރުގެ ޑޭޓާ ސެންޓަރުތަކަށް އެމެރިކާއިން އިއުލާންކުރި ލައިސަންސް ނެގުމުގެ އާ ޝަރުތުތަކާ ގުޅިގެން، ޗައިނާގެ ކަސްޓަމަރުން ދީފައިވާ ޒަމާނީ ޗިޕް އުފެއްދުމުގެ ބައެއް އޯޑަރުތައް، ކުރިން ހުއްދަ ލިބިފައި އޮތް ނަމަވެސް ޓައިވާނުގެ ޓީއެސްއެމްސީން އިއްޔެ ވަނީ މެދުކަނޑާލާފައެވެ.