ބަނޑޭރިކޮށި އަލުން ތަރައްގީކުރުމަށް ތަން ހުސްކުރަން ތައްޔާރުވަނީ

ބަނޑޭރިކޮށި ސަރަހައްދު: ބަނޑޭރިކޮށި ތަރައްގީކުރަން ތައްޔާރުވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޚިދުމަތުގައި މި ވަގުތު ތިބި ސިފައިންނަށާއި ފުލުހުންނަށް ޚާއްސަކޮށް، ބަނޑޭރިކޮށި އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ބަނޑޭރިކޮށި އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ބަނޑޭރިކޮށި ހުސްކުރަންޖެހޭތީ، އެކަން ކުރާއިރު މިހާރު އެ ތަނުގައި ދިރިއުޅޭ މީހުންނަށް ދިމާވާނެ ދަތިތައް ކުޑަކުރުމަށްޓަކައި އެ މަޝްރޫއު ކުރިއަށް ގެންދާނީ ދެ ފިޔަވައްސަކަށް ބަހައިލައިގެން ކަމަށެވެ.

އެގޮތުން އެ މަސައްކަތުގެ ދަށުން ފުރަތަމަ ތަރައްގީކުރުމަށް ކަނޑައަޅައިފައިވާ ބަނޑޭރިކޮށި 1ގެ މަސައްކަތް ފެށުމުގެ ކުރިން އެ ތަނުގައި އުޅޭ ފުލުހުންނަށާއި ސިފައިންނަށް މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ހިއްސާކުރުމުގެ އިތުރުން، އެ މީހުންގެ ކަންބޮޑުވުންތައް އަޑުއަހައި އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، އެމްއެންޑީއެފުން ބުނި ގޮތުގައި، ބަނޑޭރިކޮށި 1 ތަރައްގީކޮށް ނިމުމުން އެ ތަނުގައި ދިރިއުޅެމުންދިޔަ ފުލުހުންނާއި ސިފައިންގެ އާއިލާތައް އަލަށް ތަރައްގީކުރާ އެޕާޓްމަންޓުތަކަށް ބަދަލުކުރާ ގޮތަށެވެ. އަދި މުޅި މަޝްރޫއު ނިމޭއިރު ބަނޑޭރިކޮށީގައި މިހާރު ދިރިއުޅެމުންދާ ފުލުހުންނާއި ސިފައިންގެ އާއިލާތަކުގެ އިތުރުން ގިނަ ފުލުހުންނަށާއި ސިފައިންނަށް ވެސް ބޯހިޔާވަހިކަން ލިބުމަށް މަގުފަހިވާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ބަނޑޭރިކޮށި އިތުރަށް ތަރައްގީކުރެވުމުގެ ސަބަބުން ސިފައިންނަށް ދޭ ޚިދުމަތްތައް ފުޅާވެ، އިތުރު މީހުން ސިފައިންނާ ގުޅުމަށް މަގުފަހިވެގެން ދާނެއެވެ.

https://sun.mv/221770

ފާހަގަކުރެވޭ ގޮތުގައި ސިފައިންނަށް ޚާއްސަކޮށް، ބޯހިޔާވަހިކަމުގެ ޒަމާނީ މަޝްރޫއެއް ބަނޑޭރިކޮށި ސަރަހައްދުގައި ކުރިއަށް އޮތް އަށް މަސް ދުވަހުގެތެރޭ ފަށްޓަވާނެ ކަމަށް، ސިފައިންގެ ޚިދުމަތަށް 134 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވީ، ސިފައިންނާއި އެ މީހުންގެ އާއިލާތައް ދިރިއުޅެމުން އަންނަ ބަނޑޭރިކޮށި ސަރަހައްދަށް އެއްވެސް ސަރުކާރަކުން ތަރައްގީއެއް ނުގެނެސް، އެއް ގޮތަކަށް އޮންނަތާ ޒަމާންތަކެއް ވެއްޖެ ކަމަށެވެ.

ބަނޑޭރިކޮށި ސަރަހައްދުގެ ފެންވަރު ދަށް ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ، މި ސަރުކާރުން އެކަން ބަދަލުކުރަން ނިންމައިފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ބަނޑޭރި ކޮށީގައި ދިރިއުޅެނީ ސިފައިންގެ ޚިދުމަތުގައި އުޅޭ ބައެއް މީހުންނާއި އެ މީހުންގެ އާއިލާތަކުންނެވެ.

comment ކޮމެންޓް