ބޯހިޔާވަހިކަމުގެ މައްސަލަ މާލެ ސަރަހައްދުގައި ބޮޑުއިރު، މި ސިޓީއަށް މަދުވެގެން 25،000 ހައުސިން ޔުނިޓު ބޭނުންވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މާލޭގައި ގިނަ ބަޔަކު ދިރިއުޅެނީ ކުއްޔަށް ކަމަށްވާއިރު، ބިމުގެ ދަތިތައް ވަރަށް ބޮޑެވެ. އެ މައްސަލަ ހައްލުކުރުމަށް އެކި ސަރުކާރުތަކުގައި ހައުސިން ޔުނިޓުތަކުގެ މަސައްކަތް ކުރިޔަސް އެދެވޭ ހައްލެއް ނާދެއެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް ވަނީ، އެ މައްސަލައަށް ކުރު ގޮތަކަށް އިޝާރާތްކުރައްވާފައެވެ.
"މިހާރު ވެސް މާލެ ސިޓީއަށް 25،000 ހައުސިން ޔުނިޓު މަދުވެގެން ބޭނުންވޭ. އެކަމަކު، މާލޭގެ ދަފުތަރުގައި ތިބި މީހުންނަށް ބަލާއިރު، 40އަށް ވުރެ ގިނަ ހައުސިން ޔުނިޓު ބޭނުންވޭ" އާޒިމް ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްޑީޕީއޭނާ ވިދާޅުވި ގޮތުގައި، ބޯހިޔާވަހިކަމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ލިބެން ޖެހޭ އަސާސީ ހައްގެކެވެ. ނަމަވެސް، މިއަދު އެ ހައްގު ނުލިބޭކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ 5،000 ހައުސިން ޔުނިޓެއް ނޫން ކަމަށެވެ.
ސާޅީހަށް ވުރެ ގިނަ ބިން ދޭނެ ކަމަށް ބުނެ، ސަރުކާރުން ހިއްކަން ފެށި ރަސްމާލެ ވެސް ހިލޭ އެހެން ބަޔަކަށް ދޭން ނިންމީ ކަމަށް އާޒިމް ތުހުމަތުކުރެއްވިއެވެ. އެހެންވެ، މުޅި ސަރުކާރު އެއްކޮށް ފެއިލްވެފައިވާ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
ފާހަގަކުރެވޭ ގޮތުގައި، މި ސަރުކާރުން ވަނީ މިދިޔަ ނޮވެންބަރު މަހުގެ މެދުތެރޭ "ބޯހިޔާވަހިކަން އެންމެންނަށް"ގެ ނަމުގައި ބޯހިޔާވަހިކަމުގެ ސިޔާސަތު ތައާރަފުކޮށް، މިދިޔަ ޖަނަވަރީ މަހު 7،900 ފުލެޓަށާއި 15،000 ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލައިފައެވެ.
އޭގެ ތެރެއިން 3،000 ފުލެޓެއް އަޅަން ހަވާލުކުރީ ބީއެމްއެލުން ބޯހިޔާވަހިކަމަށް ޚާއްސަކޮށް އުފެއްދި ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ބީއެމްއެލް އެފޯޑެބުލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑަށެވެ. އޭގެއިތުރުން، ހުޅުމާލޭގައި އަގުހެޔޮ 1،000 ހައުސިން ޔުނިޓު އަޅަން ދިވެހި 5 ކުންފުންޏަކާ މިދިޔަ ޖުލައި މަހު ވަނީ ހަވާލުކޮށްފައެވެ.
ވެރިކަމުގެ ދައުރުގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.