ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށާއި އިގުތިޞާދަށް ގެއްލުންހުރި އަމަލުތައް ކުރުން ކުށަކަށް ހެދޭ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބިލުގެ މަސައްކަތް، މިއަދުގެ ޖަލްސާއަށް އެޖެންޑާކުރުމަށްފަހު އުނިކޮށްފައި ވަނިކޮށް އަލުން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ރާއްޖޭން ބައިވެރިވެފައިވާ ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ އެއްގޮތްވާ ގޮތުގެ މަތިން ގަތުލު އާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅުމަށް، ސަރުކާރުގެ ފަރާތުން، މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވަނީ ބިލެއް ހުށަހަޅުއްވައިފައެވެ.
އެ ބިލުގެ މަސައްކަތްތައް މިއަދު ކުރުމަށް، މަޖިލީހުގެ ވެބްސައިޓުގައި ރޭ ޝާއިއުކުރި އެޖެންޑާގައި ވަނީ ހިމަނައިފައެވެ. އެ އެޖެންޑާއަށް ފަހުން ބަދަލުގެނެސްފައިވާކަން މަޖިލީހުން "ސަން"އަށް މައުލޫމާތު ދިން ނަމަވެސް، ބަދަލު ގެނައި ސަބަބު ޖެހޭނީ ކަށަވަރުކުރަން ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ކަން އެހެން އޮއްވައި މާދަމާގެ ޖަލްސާއަށް އެ ބިލުގެ ފުރަތަމަ ކިޔުން އިއްވަން އޮތީ އެޖެންޑާކޮށްފައެވެ.
އެ ބިލުގައި ވަނީ، ގާނޫނުގެ 140 ވަނަ ބާބުގެ ފަހަތަށް ގަތުލުއާންމުގެ ނަމުގައި މާއްދާއެއް ހިމެނުމަށް ހުށަހަޅާފައެވެ. އެގޮތުން، ވަކި ގައުމަކަށް ނުވަތަ ނަސްލަކަށް ނުވަތަ ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކާ ދެކޮޅަށް އަމަލުކުރުމަކީ ކުށެއް ކަމުގައި ކަނޑައަޅަން ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި އެ ފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް ބޮޑެތި ޖިސްމާނީ ނުވަތަ ނަފުސާނީ އަނިޔާ ދިނުން ފަދަ ކަންކަން ހިމަނައިފައިވެއެވެ.
ހަމައެއާއެކު، ދައުލަތުގެ އިގުތިޞާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ ނުވަތަ ފަރުވާލެއް ނެތި ކުރާ ހަތަރު ކަމެއް ކުރުމަކީ ކުށެއް ކަމުގައި ހަދަން ވެސް ވަނީ ބިލުގައިވެއެވެ. އޭގެ ތެރޭގައި، މުހިންމު އުމްރާނީ ވަސީލަތަކަށް ނުވަތަ އެ ފަދަ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރު ސިސްޓަމަށް ގެއްލުންދިނުމަކީ ކުށެއް ކަމުގައި ކަނޑައަޅަން ހިމަނާފައިވެއެވެ.
އެ ބިލު ހުށަހަޅައިފައިވަނީ، ރަސްމާލޭގައި ބިޔަ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސްއިން ހަވާލުވެފައިވާ ދަނޑިވަޅެއްގައެވެ. އެ މަޝްރޫއާ ދެކޮޅަށް ބައެއް އާންމު ރައްޔިތުންނާއި ސިޔާސީ އިސްވެރިން ޚިޔާލު ފާޅުކޮށް، އެ މަޝްރޫއާއެކު އިޒްރޭލުގެ މީހުންނަށް ރާއްޖޭގައި ދިރިއުޅެވޭނެ ކަމަށް ބުނެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ، ރަސްމާލެ މަޝްރޫއުގެ ދަށުން އިސްރާއީލުގެ ރައްޔިތުންނަށާއި އެ ގައުމާ ގުޅުންހުރި ކުންފުނިތަކަށް ޕްރޮޕަޓީ ނުގަނެވޭނެ ގޮތް ހަދާނެ ކަމަށް މީގެ ކުރިން ބުނެފައެވެ.
އިއްޔެ ހުށަހަޅައިފައިވާ ބިލާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ، އެއީ ރަސްމާލެ މަޝްރޫއާ ގުޅުންހުރި ފާޑުކިޔުންތައް ހުއްޓުވުމަށް ގެންނަ އިސްލާހުތަކެއް ކަމަށް ތުހުމަތުކޮށްފައެވެ.
އެ ބިލު ހުށަހެޅި ސަބަބާ ގުޅޭ ގޮތުން ބަންޑާރަ ނައިބު އަޙުމަދު އުޝާމް ރޭ ވިދާޅުވެފައިވަނީ، އެއީ ރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާއަކުން ލާޒިމްކުރާ އިސްލާހެއް ގެނައުމަށް ހުށަހެޅި ބިލެއް ކަމަށެވެ.