އެމްޑީޕީ މެންބަރުން މަޖިލީހުގައި ''ރުޅި ބާލަނީ'' ނަޝީދަށް، ރަސްމާލެ މަޝްރޫއަކަށް ނޫން: ފަލާޙު

ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ރަސްމާލެ މަޝްރޫއާ ގުޅުވައިގެން އަޑުގަދަކުރައްވަނީ އެ މަޝްރޫއާ މެދު ނުރުހުންވެގެން ނޫން ކަމަށާއި، އެއީ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކުރާ ރުޅިވެރިކަން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު މިއަދު ވިދާޅުވެއްޖެއެވެ.

ފަލާޙު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން އެ ގަރާރެއް ބަލައިގަތުމާ މެދު ވޯޓަކަށް އަހަންޖެހޭ ގޮތަށާއި، ގަރާރު ބަލައިގަތުމަށް ފާސްނުވެއްޖެ ނަމަ ވަގުތުން ބާތިލުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެންނަން ހުށަހަޅައިފައިވާ އިސްލާހުގެ ބަހުސްގައެވެ.

މި ބަހުސްގައި ފަލާޙުގެ ކުރިން ވާހަކަދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވަނީ، އެ އިސްލާހުން ހާމަވަނީ، ރަސްމާލެ މަޝްރޫއާ ހަވާލުވެފައިވާ ޔޫއޭއީގެ އީގަލް ހިލްސްއިން ދިވެހި ދައުލަތަށް ނުފޫޒު ފޯރުވާފައިވާ މިންވަރު ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން މަޖިލީހުގެ މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް --- ފޮޓޯ; މަޖިލިސް

މީކާއީލްގެ ވާހަކަތަކަށް ރައްދުދެއްވަމުން ފަލާޙު ވިދާޅުވީ، މަޖިލީހަށް ހުށަހަޅައިފައިވަނީ ވަރަށް ކުޑަކުޑަ އިސްލާހެއް ކަމަށާއި، ކޮންމެ ކަމަކަށް ރަސްމާލެ މަޝްރޫއާ ގުޅުވައި ވާހަކަދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ފަލާޙު ވިދާޅުވީ މަޖިލީހަށް ހުށަހަޅާ ކޮންމެ އިސްލާހަކަށް އިދިކޮޅު އެމްޑީޕީ މެމްބަރުން ރަސްމާލެ މަޝްރޫއާ ގުޅުވައި ވާހަކަދެއްކިޔަސް ހަގީގަތުގައި އެ މެމްބަރުން އެ ރުޅި އަމާޒުކުރަނީ އެ މަޝްރޫއަށް ނޫކަމަށެވެ. އޭގެ ބަދަލުގައި އެ ރުޅި އަމާޒުކުރަނީ ނިމިދިއަ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކަންތައްތަކަށް ކަމަށް ފަލާޙު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ މެންބަރުންގެ ހުރިހާ ރުޅިއެއް ވެސް އަމާޒުކުރަނީ ނަޝީދަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިހާރު ހުށަހަޅައިގެން މިއުޅެނީ ވަރަށް ކުޑަކުޑަ އިސްލާހެއް. މި އިސްލާހުވެސް މި ގުޅުވައިގެން މިއުޅެނީ ރަސްމާލެ މަޝްރޫއާ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މެމްބަރު މީކާއިލް ނަސީމް ރައީސް ނަޝީދު ދެކެ ރުޅިއަޔަސް ތީ ތަންފުކެއް ބޮޑުވަރު. ރަސްމާލޭ މަޝްރޫއަކަށް ނޫނޭ މި ރުޅި ބާލަނީ. މި ހުރިހާ ރުޅިއެއް ވެސް މި ބާލަނީ ނިމިދިއަ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކަންތައްތަކަށް. މިތާނގަ މި ހުރިހާ ރުޅިއެއް މި ބާލަނީ ރައީސް ނަޝީދަށް." ފަލާޙު ވިދާޅުވިއެވެ.

އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު-- ސަން ފޮޓޯ

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަލާޙު ވިދާޅުވީ، ރަސްމާލޭގައި ހިއްކާފައި އޮތް ބިމަކީ މިހާތަނަށް ރާއްޖޭގެ ވެރިޔަކު ހިއްކާފައިވާ އެންމެ ބޮޑު އަދި އެންމެ އަގުބޮޑު ބިން ކަމަށެވެ. އެމްޑީޕީން "ތާކުންތާކު ނުޖެހޭ" ބިމެއްގެ ގޮތުގައި ދެކެމުން އައި ބިން މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ބޮޑު ރަންގަނޑަކަށާއި ޖަވާހިރަކަށް ހައްދަވައިދެއްވުމުން އިދިކޮޅު މެންބަރުން ތިބީ "ސޮނިވެއްޓިފައި" ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ވިޔަފާރިވެރިން އިންވެސްޓްކުރަނީ އެންމެ ފަހި ގޮތްތަކަށް ބަލައިގެން ކަމަށާއި، ރަސްމާލެ މަޝްރޫއު ރާއްޖެއަށް ލިބުނީ މި ގައުމުގައި އަމާންކަމާއި ރައްކާތެރިކަން އޮތުމުން ކަމަށް ވެސް ވިދާޅުވިއެވެ.

ފަލާޙު އިތުރަށް ވިދާޅުވީ، މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ މި ގައުމަށާއި ރައްޔިތުންނަށް ގެއްލުންހުރި ޒައްރެއްގެ މިންވަރުގެ ކަމެއް ވެސް ނުކުރައްވާނެ ކަމުގެ 1،000 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެމްޑީޕީން މި މަޝްރޫއާ ގުޅުވައިގެން ހަދަނީ ދޮގު ކަމަށާއި، އެ ދޮގުތައް ހުއްޓުވަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް