މެންބަރުން ވާހަކަ ދައްކަވަން ޖެހޭނީ ތެދުބަހުން، އެކަމަކު އެ މަންޒަރެއް ނުފެނޭ: ސަލީމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް: ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތެދު ބަހުން ވާހަކަ ދައްކަވާ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށް --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވާހަކަ ދައްކަވަން ޖެހޭނީ ތެދު ބަހުން ކަމަށާއި ނަމަވެސް އެ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ސަލީމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރު މުވައްޒަފުން ވަކި ޕާޓީއެއްގެ މެންބަރަކަށް ވުމަށް މަޖުބޫރުކުރުން ހުއްޓުވުމަށްޓަކައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވީ އީގަލް ހިލްސްއިން ރަސްމާލޭގައި ކުރިއަށް ގެންދަން އުޅޭ މަޝްރޫއަށް މީކާއީލް ތާއީދުކުރައްވާ ކަމަށް އޭނާ ގާތު ވިދާޅުވި ކަމަށެވެ.

"އެހެން ނަމަވެސް [މީކާއީލް ވިދާޅުވީ] ރައީސް ނަޝީދު އެއަށް ތާއީދުކުރާ ހިސާބުން ތިމަންނަގެ ތާއީދެއް އެ ކަމަކަށް ނޯންނާނެއޭ،" ފަލާޙް ވިދާޅުވިއެވެ.

ފަލާޙް އެހެން ވިދާޅުވުމާ އެކު މީކާއީލް ވަނީ ނިޒާމީ މައްސަލައެއް ނަންގަވައިފައެވެ. ނިޒާމީ މައްސަލަ ނަންގަވައި މީކާއީލް ވިދާޅުވީ އޭނާގެ ބޮލުގައި ފަލާޙް އެޅުއްވީ ދޮގު އިލްޒާމެއް ކަމަށެވެ.

"އިއްޒަތްތެރި ރައީސް، ކަނޑައެޅިގެން އިތުރުފުޅު އެ ހެއްދެވީ، ކަނޑައެޅިގެން އިތުރުފުޅެއް، އީގަލް ހިލްސް އައުޓް، އަލްޢައްބާރު އައުޓް، އަދި ޕީއެންސީއާއި ރައީސް [ޑރ. މުޙައްމަދު] މުޢިއްޒު ވެސް އައުޓް،" އެހެން ވިދާޅުވުމަށްފަހު މީކާއީލް ގޮނޑިކޮޅުގައި އިށީނދެވަޑައިގަތެވެ.

ފަލާޙް ބަހުސްކުރެއްވުމަށް ފުރުސަތު ދެއްވުމުގެ ކުރިން ސަލީމް ވިދާޅުވީ ހުރިހާ މެންބަރުން ވެސް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަން ޖެހޭނީ ތެދު ބަހުން ކަމަށެވެ،

"އެކަމަކު އަޅުގަނޑަކަށް ނުފެނޭ އެއްވެސް ބޭފުޅަކު ވަކި ތެދުބަހުން ވާހަކަފުޅު ދައްކަވާ ތަނެއް،" އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ސަލީމް ވަނީ، މެންބަރުން ވާހަކަ ދައްކަވާއިރު އަޚްލާގީ ފެންވަރު ހިފެހެއްޓުމަށާއި ހުރިހާ މެންބަރުންނަށް ވެސް ވާހަކަ ދެއްކެވުމުގެ ފުރުސަތު ދެއްވުމަށް މެންބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ.

comment ކޮމެންޓް