ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ، ނަމަވެސް އާންމުންނަށް ނުލިބޭ ހެލްތު އިންޝުއަރެންސް ކަނޑައިލުމަށް ގޮވައިލައި ހުށަހެޅި ޕެޓިޝަނާ ގުޅިގެން، އާންމުންނަށް ދަތިނުވާނެހެން ދެމެހެއްޓެނިވި ގޮތެއްގައި އިންޝުއަރެންސް ދޭނެ ގޮތެއް ބަލަން ދިރާސާއެއް ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.
މިދިޔަ އޮގަސްޓު މަހުގެ 12ވަނަ ދުވަހު ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުޢަމް ސަޢުދު ހުށަހެޅި ޕެޓިޝަން ބަލައިގަތީ 7،225 މީހުންގެ ސޮޔާއެކުއެވެ. ރައްޔިތުންގެ މަޖިލީހުގައި އެ ޕެޓިޝަނަށް ބަހުސްކުރުމަށްފަހު ޕެޓިޝަން އިތުރަށް ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު އަޒާން މަރްޒޫޤް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި ވަޒީރުންނަށާއި ފަނޑިޔާރުންނަށާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް ވަކި ގާނޫނުތަކެއްގެ ދަށުން ޚާއްސަ އިންޝުއަރެންސެއް ލިބޭއިރު އާންމުންނަށް ލިބެނީ އާސަންދަކަން ފާހަގަކުރައްވައިފައެވެ.
"އާސަންދައިގެ ބޭރުން ދައުލަތުން ޚަރަދުކޮށްގެން [ޚިދުމަތްތަކާއި މުއައްސަސާތަކުގެ ވެރިންނަށް] އިންޝުއަރެންސް އެބަ ލިބޭ، މިއީ ކަނޑައެޅޭ ވަކި ނިޒާމެއްގެ ތެރެއިން ވަކި ފްރޭމްވޯކެއްގެ ތެރެއިން ދެމުން ގެންދާ އެއްޗެއް، އެހެންވީމާ މިހެން މިކަން އޮންނައިރު ހަމައެކަނި ރައްޔިތުންގެ މަޖިލީސް މެންބަރުންގެ އިންޝުއަރެންސް މިގޮތަށް ކަނޑައިލުމަށް ވުރެ ދެމެހެއްޓެނިވި ގޮތަކަށް މިކަންތައް އަޅުގަނޑުމެން ކުރަން ޖެހޭނީ،" އަޒާން ވިދާޅުވިއެވެ.
އެގޮތުން އިންޝުއަރެންސް ދޭ ގޮތަށް ބަދަލު ގެންނަ ނަމަ ގެންނަން ޖެހޭނީ ހުރިހާ ފަރާތްތަކެއްގެ ކަމަށް ވިދާޅުވެ އަޒާން ވިދާޅުވީ، މަޖިލީހުގެ މެންބަރުންނާއި މިނިވަން މުއައްސަސާތަކާއި ދައުލަތުގެ ޚިދުމަތްތަކުގައި މަސައްކަތްކުރައްވާ ވެރިންގެ އިންޝުއަރެންސް ކަނޑައިލާ ނަމަ ކަނޑައިލަންވީ ކަމަށާއި ނޫނީ ބަދަލު ކުރާ ނަމަ ބަދަލު ކުރަންވީ ކަމަށެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން: މެންބަރުންގެ އިންޝުއަރެންސް ކެނޑުމުގެ ބަދަލުގައި، ދެމެހެއްޓެނިވިކޮށް އެންމެންނަށް އިންޝުއަރެންސް ދޭން ދިރާސާކުރަން ކޮމިޓީން ވަނީ ފާސްކޮށްފައި --- ފޮޓޯ: މަޖިލިސްއެކަމަކު އެކަން ކުރަންވާނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު އެންމެ ޚަރަދު ކުޑަ ގޮތަކީ ކޮބައިތޯ ބެލުމަށްފަހު ކަމަށް އަޒާން ވިދާޅުވިއެވެ.
އެހެންކަމުން އޭނާ ހުށަހެޅުއްވީ ދެމެހެއްޓެނިވި ގޮތެއްގައި އިންޝުއަރެންސް ދޭނެ ގޮތެއް ބަލަން މާލިއްޔަތު ކޮމިޓީން ދިރާސާއެއް ކުރުމަށެވެ.
"އެއީ އަޅުގަނޑުމެން ބަލައިލާއިރު މިސާލަކަށް ބައެއް މުއައްސަސާތަކުގެ ބޭފުޅުން ރިޓަޔާކުރެއްވުމަށް ފަހު ވެސް އެ ބޭފުޅުންގެ މައިންބަފައިން މަރުވަންދެން ވެސް އެބަ ލިބޭ އިންޝުއަރެންސް، އެހެންވީމާ މިއީކީ އެހާ ހަމަޖެހޭ އުސޫލެއްނޫން ބައެއް މުއައްސަސާތަކުގެ ބޭފުޅުންނަށް އެގޮތަށް ދިނުން،" އަޒާން ވިދާޅުވިއެވެ.
އެއާއެކު ވެސް ހަގީގީ ހައްލަކީ އާސަންދަ އިސްލާހުކުރުން ކަމަށް ވިދާޅުވެ އަޒާން ވިދާޅުވީ ހަމަހަމަ އުސޫލަކުން ހުރިހާ ރައްޔިތުންނަށް ވެސް ބޭސްފަރުވާއަށް ސަލާންޖަހަން ނުޖެހޭ ދިރިއުޅުމެއް ހޯދައިދޭން ޖެހޭ ކަމަށެވެ.
އަޒާންގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވައި ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވީ އިންޝުއަރެންސް ދޭނެ ރަނގަޅު ގޮތެއް ބަލަން މާލިއްޔަތު ކޮމިޓީން އިސްނަގައިގެން ވިޔަސް ދިރާސާއެއް ކުރުން ރަނގަޅު ކަމަށެވެ.
އަޒާންގެ އެ ހުށަހެޅުއްވުން މިއަދުގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ، ނަމަވެސް އަންމުންނަށް ނުލިބޭ ހެލްތު އިންޝުއަރެންސް ކަނޑައިލުމަށް ގޮވައިލައި ހުށަހެޅި ޕެޓިޝަނަށް ފަހު، މެންބަރުންނަށް ދޭ އިންޝުއަރެންސް އާންމުންނަށް ދިނުމަށް ގޮވައިލައި ވެސް ޕެޓިޝަނެއް ހުށަހެޅިއެވެ.
އެ ޕެޓިޝަން ވެސް ހުށަހެޅީ މިދުޢަމް ކަމަށްވާއިރު، ޕެޓިޝަންގައިވަނީ ދައުލަތާއި އާންމުންނަށް ފައިދާ ބޮޑު ގޮތެއް އޮއްވައި ދައުލަތާއި އާންމުންނަށް "ގެއްލުން ބޮޑު އާސަންދަ" އާންމުންނަށް ދިނުމަކީ ސަބަބުވެރި ގޮތެއް ނޫން ކަމަށެވެ. ދައުލަތުގެ ޚަރަދު ކުޑަކޮށް ފައިދާ ބޮޑުވާނެހެން ހެލްތު އިންޝުއަރެންސް ސްކީމް ހިންގުމަކީ ސަރުކާރުގެ ގާނޫނީ ޒިންމާއެއް ކަމަށް އެ ޕެޓިޝަންގައިވެއެވެ.
އެހެންކަމުން މަޖިލީހުގެ މެންބަރުންނަށް ލިބޭ، "ދައުލަތާއި އާންމުންނަށް ފައިދާ ބޮޑު" އިންޝުއަރެންސް ޕެކޭޖު ހުރިހާ ދިވެހީންނަށް ލިބޭނެ ގޮތް ހެދުމަށް އެ ޕެޓިޝަންގައި ވަނީ ގޮވައިލައިފައެވެ.