އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ"ގެ އެއްބަސްވުމާ ގުޅޭ ތަފުސީލުތައް ހާމަކުރުމަށް ގޮވައިލައި ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވި ގަރާރު ބަލައިގަންނަން ފާސްނުވީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ ތެރެއިން ނުފެންނަ ކަމަށް 45 މެންބަރަކު ވޯޓު ދެއްވުމުންނެވެ. ފެންނަ ކަމަށް ވޯޓުދެއްވީ 10 މެންބަރުންނެވެ.
މީކާއީލް ހުށަހެޅުއްވި ގަރާރުގައި ވަނީ، ސަރުކާރުން އީގަލް ހިލްސްއާއެކު ސޮއިކުރި އެއްބަސްވުމުގެ މައުލޫމާތުތައް މިހާތަނަށް ސިއްރުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކުމަށްފަހު، އެ ޚަރަދު ދައުލަތަށް އަނބުރާ ނުލިބޭ ގޮތަށް އެއްބަސްވުން ހަދައިފައިވާ ކަމަށާއި، ރަސްމާލޭން ހިއްކައިފައިވާ 500 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސްއަށް ދީފައިވަނީ އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް ކަމަށް، ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
ހަމަ އެހެންމެ އެ ބިމުގައި ތަރައްގީކުރާ ތަންތަން ތިންވަނަ ފަރާތްތަކަށް ކުއްޔަށް ދޫކުރުމުގެ ރޯލިން ލީސް އިންޓްރެސްޓް އުފެއްދުމުގެ ހައްގު ވެސް އެ ކުންފުންޏަށް ދީފައިވާކަން ގަރާރުގައި ވަނީ ފާހަގަކުރައްވައިފައެވެ. އެފަދަ ބޮޑު މަޝްރޫއެއްގެ މައުލޫމާތު ސިއްރުކުރުމަކީ ދައުލަތުގެ މާލިއްޔަތަށް ބޮޑެތި ގެއްލުންތަކެއް ލިބި، ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ކަމަށް ވެސް ގަރާރުގައި ސިފަކޮށްފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި އެ ގަރާރަށް ބަހުސްކުރެއްވި ވެރިކަންކުރާ ޕީއެންސީގެ ގިނަ މެންބަރުން ވަނީ ގަރާރާ ދެކޮޅަށް ވާހަކަ ދައްކަވައި ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދަން މަސައްކަތްކުރަނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ވިދާޅުވެފައެވެ.
އެގޮތުން އެ ގަރާރަށް ބަހުސްކުރައްވަމުން މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް ވަނީ ރަސްމާލެ މަޝްރޫއާ ދެކޮޅަށް ވާހަކަ ދައްކާ ކޮންމެ މީހަކީ މި ގައުމުގެ އަދުއްވެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
ރަސްމާލޭގެ ބިމުން ބޮޑު ބައެއް ދިނުމަށް ޔޫއޭއީގެ އީގަލް ހިލްސްއާ އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އެ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް މިމަހުގެ ފަސް ވަނަ ދުވަހު ކުއްލި މައްސަލައެއް ވެސް ހުށަހެޅިއެވެ. ނަމަވެސް ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން އެ މައްސަލަ ބޭރުކޮށްލީއެވެ.
އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލް އަލްޢައްބާރު ވަނީ، ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ތަފުސީލީ ފަހު އެއްބަސްވުމުގައި އަންނަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ފާހަގަކުރާ، ރާއްޖޭގެ ޖުމްހޫރީ ދުވަހު ސޮއިކުރަން އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.