ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން 19 ބުލެޓްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ކަމުގެ ތުހުމަތުގައި 62 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ވ. ފުލިދޫ، ހަޒާރުމާގެ، އަޙްމަދު ނަޞީރު (62އ) އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ގާޒީ ޢަލީ ނަދީމް ވަނީ އޭނާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށްވެސް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާ ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން ބޮޑުކަމުދިއުމުން ބެލިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 19 ބުލެޓް ވަނީ ފެނިފައެވެ.
ފުލުހުންގެ ބަޔާނާ ޙަވާލާދީ ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ ތަކެތީގެ ބަރުދަނުގައި 427 ގްރާމް ހުއްޓެވެ.
މީގެ އިތުރުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރަށް ހެކި ހުށަހެޅިފައިވާ ކަމަށާއި، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ބަންދުގައި ބެހެއްޓުމަށް ނިންމީ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އެހެން މައްސަލައެއްގައި އިއްޔެ ވަނީ ވައިގެމަގުން އެތެރެކުރަން އުޅުނު 6.75 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައެވެ.
އެ ތަކެތި އަތުލައިގަތީ އެއާފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައިކަމަށް އެ އިދާރާއިން ބުންޏެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު ބިދޭސީންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެ މީހުންނަށް ބަންދު މުއްދަތު ޖަހައިފައެވެ.
މީގެއިތުރުން، މިދިޔަ މަހުގެ 25 ވަނަ ދުވަހު ތައިލެންޑުން ރާއްޖެ އައި ނޭޕާލްގެ ދެ ފަސިންޖަރަކު ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު 1.1 ކިލޯގެ މަސްތުވާތަކެތިވެސް ކަސްޓަމްސް އިން ވަނީ އަތުލައިގެންފައެވެ.
އެއާޕޯޓުގައި އެ މީހުންގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން ބަލައިފާސްކުރުމުގެ ތެރޭގައި އެ ދެ މީހުންގެ ހަށިގަނޑުގެ އެތެރެއިން މަސްތުވާތަކެތި އަޅާފައިވާ 142 ބުލެޓް ފެނިފައިވާކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
މި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 708.2 ގުރާމްގެ ހެރޮއިންނާއި، 424 ގްރާމްގެ ކޮކެއިންގެ އިތުރުން 51.6 ގުރާމްގެ މޯފިން ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.