ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން، ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު ދެ މީހަކު ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިއަދު ހާމަކުރި ގޮތުގައި، މި ތަކެތި އަތުލައިގެންފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.
އެ އޮޕަރޭޝަންގައި އަތުލައިގެންފައިވަނީ ތައިލެންޑުން ރާއްޖެ އައި ނޭޕާލަށް ނިސްބަތްވާ ދެ ފަސިންޖަރުންނެވެ. އެ ދެ މީހުން ހިފަހައްޓައި ބަލައިފާސްކުރީ އެއާޕޯޓުގައި އެ މީހުންގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން ސުވާލުކުރުމަށް ފަހުގައެވެ.
އެ ދެ މީހުން އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި، ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން ގެނައި މަސްތުވާތަކެތި އަޅާފައިވާ ޖުމްލަ 142 ބުލެޓް ވަނީ ފެނިފައެވެ. ކަސްޓަމްސްއިން ބުނި ގޮތުގައި އެ ތަކެތީގެ ޖުމްލަ ބަރުދަނަކީ 1.1 ކިލޯ އެވެ.
މި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 708.2 ގުރާމްގެ ހެރޮއިންނާއި، 424 ގްރާމްގެ ކޮކެއިންގެ އިތުރުން 51.6 ގުރާމްގެ މޯފިން ކަމަށް ވެސް ކަސްޓަމްސް އިން ވަނީ މައުލޫމާތު ދީފައެވެ.
ކަސްޓަމްސްއިން ވަނީ މިމަހުގެ 12 ވަނަ ދުވަހު ގަވައިދާ ޚިލާފަށް ބޭރުކުރަން އުޅުނު ނުވަލައްކައަށް ވުރެ ގިނަ ދިވެހި ރުފިޔާއަށް އަގުއަރާ ބޭރު ފައިސާ، ރާއްޖޭން ބޭރުކުރަން އުޅެނިކޮށް އަތުލައިގެންފައެވެ.
މީގެ އިތުރުން ނިމުނު މަހުގެ 29 ގައި ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަށް މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ވެސް ސްޓިކްސް ވަނީ އަތުލައިގެންފައެވެ.