ހަ ކިލޯގެ ޑުރަގު އެތެރެކުރި މައްސަލައެއްގައި ހަތަރު ބިދޭސީން ހައްޔަރުކޮށްފި

ފުލުހުން މީގެ ކުރިން މަސްތުވާތަކެތީގެ ޕެކޭޖެއް ހޯދުން: ހަ ކިލޯގެ ޑުރަގު އެތެރެކުރި މައްސަލައެއްގައި ހަތަރު ބިދޭސީން ވަނީ ހައްޔަރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް ހަ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ހަތަރު ބިދޭސީން ހައްޔަރުކޮށްފިއެވެ.

ކަސްޓަމްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އިއްޔެ ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6.75 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ބުނެފައެވެ. އެ ތަކެތި އަތުލައިގަނެފައިވަނީ ވައިގެމަގުން ރާއްޖެ ގެނެސްފައިވާ އެއާފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުވެގެން، އިތުރަށް ބެލުމުން ކަމަށް އެ އިދާރާއިން ބުންޏެވެ.

ކަސްޓަމްސްއިން އެ މައުލޫމާތު ހާމަކުރިއިރު، ކްރިމިނަލް ކޯޓުން މިއަދު ވަނީ، 6.75 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ހަތަރު ބިދޭސީންނަށް ބަންދު މުއްދަތު ޖަހައިފައެވެ. އެއީ:

  • މިރްޒާ އަލް އަމީން، 30 އަހަރު، ބަންގްލަދޭޝް
  • އެމްޑީ މިޒަންނޫރު ރަހްމާން، 41 އަހަރު، ބަންގްލަދޭޝް
  • އެމްޑީ ޖިހާދު ބިން އަރީފް، 20 އަހަރު، ބަންގްލަދޭޝް
  • އެމްޑީ އަރްމާން އަލީ، 21 އަހަރު، ބަންގްލަދޭޝް

އެ ކޯޓު އަމުރުތަކުގައި ވަނީ، މަސްތުވާތަކެތި އެތެރެކުރިކަން އެނގުމުން، އެ ތަކެތީގެ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގައިފައިވާ ކަމަށެވެ. އަދި ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ ވެސް އެ ތަކެތި ބަލައި ދިޔުމުން ހައްޔަރުކުރި މީހުން ކަމަށް އަމުރުތަކުގައިވެއެވެ.

އެހެންވެ، އެ ހަތަރު މީހުންނަށް ވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ޓްރެފިކް ކުރުމުގެ ތުހުމަތުކޮށްފައެވެ. އަދި އެ މީހުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަޅާމަތަށް ނުރައްކާ އޮތް ކަމަށް ފެންނަ ކަމަށް ކޯޓު އަމުރުގައިވެއެވެ.

އެ މައްސަލައިގައި އެމްޑީ މިޒަންނޫރު ރަހްމާނު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އަނެއް ތިން މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.

comment ކޮމެންޓް