ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި ހިނގި އަލިފާނުގެ ހާދިސާގައި ފަސް ގޭބީސީއަކަށް އަސަރުކުރި ކަމަށާއި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން 33 މީހުން އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފިއެވެ.
ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށްވާއިރު، ވަރަށް ބޮޑަށް އަލިފާންގަނޑު ފެތުރުނެވެ. އެ އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ހެނދުނު 11:58ގައެވެ.
އެންޑީއެމްއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، މި ހާދިސާގައި ފަސް ގޭބީސީއަކަށް އަސަރުކުރި ކަމަށާއި ޖުމުލަ 33 މީހަކު އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް ބުނެފައެވެ.
ށ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި، މި ހާދިސާގައި 20 މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބުނެވެ. އޭގެ ތެރެއިން ދެ މީހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދިންއިރު، އަލިފާން ބުރައިގެން އެކި ތަންތަން ފިހިގެން ވެސް އަށް މީހަކު އެ ހޮސްޕިޓަލަށް ގެންދިޔައެވެ.
ބާކީ 10 މީހުންނަކީ ޕެނިކް އެޓޭކާއި ކުދިކުދި އެހެނިހެން އަނިޔާތައް ލިބިގެން ގެންދިޔަ މީހުން ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ. މިހާރު އެންމެން ވެސް ވަނީ ފަރުވާއަށް ފަހު ދޫކޮށްލާފައެވެ.