ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި އެންމެން ފަރުވާއަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ށ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.
ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ހިފާފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.
މި ހާދިސާއާ ގުޅިގެން 'ސަން' އިން ސުވާލުކުރުމުން ށ. އަތޮޅު ހޮސްޕިޓަލުން ބުނީ، އެ ހާދިސާގައި އެކިވަރުގެ އަނިޔާތައް ލިބިގެން އެ ހޮސްޕިޓަލަށް 20 މީހަކު ގެންދިޔަ ކަމަށެވެ.
އެގޮތުން ދެ މީހަކު ދުމުގެ އަސަރުކޮށްގެން ގެންދިޔަ ކަމަށާއި އަށް މީހަކު އަލިފާން ބުރުމުގެ ސަބަބުން ގައިގެ އެކި ތަންތަން ފިހިގެން ގެންދިޔަ ކަމަށެވެ. އަދި ބާކީ 10 މީހުންނަކީ ޕެނިކް އެޓޭކާއި ކުދިކުދި އެހެނިހެން އަނިޔާތައް ލިބިގެން ގެންދިޔަ މީހުން ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ. އަދި މިހާރު އެންމެންވެސް ފަރުވާއަށްފަހު ދޫކޮށްލާފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިނެވެ.
"20 މީހަކު ގެނައީ. އަނެއްހެން އެއްވެސް މީހަކަށް އެއްވެސް ސީރިއަސް އަނިޔާއެއް ލިބިފައެއް ނެތް،" ށ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދިނެވެ.
އޭގެ ކުރިން ފުނަދޫ ކައުންސިލް ރައީސް ވަނީ 18 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިގެން ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ބުނެފައެވެ.
ށ. އަތޮޅު ހޮސްޕިޓަލުން ވަނީ އަލިފާނުގެ އެ ހާދިސާއާ ގުޅިގެން އެ ވަގުތަށް ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައި، އެގަޑީގައި އެމެޖެންސީ ފަރުވާތައް ފޯރުކޮށްދީފައެވެ.
ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރެޓީ، އެންޑީއެމްއޭއިން ވަނީ އެ ހާދިސާގައި އެ ސަރަހައްދުގައި ހުރި އެއް ގެއެއް އަނދައި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި ކައިރީގައި ހުރި އިތުރު ތިން ގެއަކަށް އަލިފާނުގެ ސަބަބުނަ އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ބުނެފައެވެ.