ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، އެ ލޯންޗުގެ ކެޕްޓަނަށް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ، ކ. އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ލޯންޗުގެ ކެޕްޓަނަށް އަނިޔާތަކެއް ލިބުނު ކަމުގެ މައުލޫމާތު މިއަދުގެ ފަތިހު 05:30 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 03:00 އެހައިކަންހާއިރު ކަމަށާއި މި ހާދިސާ ހިނގިއިރު ލޯންޗުގައި ހުރީ ކެޕްޓަން އެކަނި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އަލިފާނުގެ ހާދިސާގައި އޭނާގެ ކަރާއި މޭމަތި ފިހިފައިވާ ކަމަށާއި އޭނާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި އެއީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން ވަނީ އަލިފާނުގެ ސަބަބުން ލޯންޗަށްވެސް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް ލޯންޗަށް ލިބިފައިވާ އެއްވެސް ގެއްލުމެއްގެ ތަފުސީލެއް، އަދި އެ ލޯންޗަކީ ކޮން ރިސޯޓެއްގެ ލޯންޗެއް ކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާއާއި ގުޅިގެން މިހާތަނަށް އަދި އައިޖީއެމްއެޗުގެ ބަހެއް ލިބިފައެއް ނުވެއެވެ. ފުލުހުން ވަނީ މި ހާދިސާ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ.
އަލިފާނުގެ މިފަދަ ހާދިސާތައް މަދުން ނަމަވެސް އަންނަނީ ފެންމަތިވަމުނެވެ. އެމްއެންޑީއެފްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން ނިމުނު ހަފުތާގައިވެސް އަލިފާނުގެ ހަތަރު ހާދިސާއެއް ވަނީ ހިނގާފައެވެ.