ހައުސިންއިން 120 މިލިއަން ހޭދަ ކުރިގޮތް, އެ މިނިސްޓްރީގައި ރޯވުމުން ނުހޯދުނު: އޮޑިޓް

އަލިފާން ރޯވި އިމާރާތް އަނދާ ހުލިވެފައި: މިނިސްޓްރީގައި އަލިފާން ރޯވުމުން 120 މިލިއަން ހޭދަކުރި ގޮތް ނުހޯދުނު -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި، މިނިސްޓްރީގެ ސާވާ އެއްކޮށް އަނދައި ހުލިވުމުން އެ މިނިސްޓްރީއިން 2023 ވަނަ އަހަރު ޚަރަދުކުރި، 120 މިލިއަން ރުފިޔާއާއި ގުޅޭ ލިޔެކިޔުންތައް ލިބިފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް އޮފީހުން އާންމުކޮށްފައިވާ ހައުސިން މިނިސްޓްރީގެ 2018 ވަނަ އަހަރުން ފެށީގެން 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވަނީ، 2024 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ބައެއް ޚަރަދުތަކާ ގުޅޭ ލިޔެކިޔުންތައް ލިބިފައިނުވާކަން ފާހަގަކޮށްފައެވެ.

މާލިއްޔަތު ގަވާއިދުގެ ދަށުން، ދައުލަތުގެ އޮފީސްތަކުގެ ހިސާބުތަކުގެ ރިކޯޑުތައް އިދާރީ ބޭނުންތަކަށާއި އޮޑިޓްކުރަން ފަސޭހަ ވާނޭހެން ތަރުތީބުން ރައްކާތެރިކަމާއެކު، ރައްކާތެރި ތަނެއްގައި ބަހައްޓަންވާނެ ކަމަށް ބަޔާންކޮށްފައިވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި ލިޔުންތައް ބެލެހެއްޓުމުގައި ޚަރަދުކުޑަކުރުމުގެ ގޮތުން، އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ރައްކާކުރެވިދާނެ ކަމަށްވެސް ބަޔާންކޮށްފައިވާއިރު، އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރުމުގައި އަބަދުވެސް އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެކަން ވަނީ ފާހަގަކޮށްފައެވެ. އަދި އިލެކްޓްރޯނިކް ޒަރީއާއިން ބަލަހައްޓާ ލިޔުންތަކުގެ ބެކްއަޕް ފައިލު މާލީ ޒިންމާދާރު ވެރިޔާ ކަނޑައަޅާ ތަފާތު ދެ ތަނެއްގައި ރައްކާކޮށްފައި ބަހައްޓަންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

"ނަމަވެސް 12 ޑިސެމްބަރު 2024 ވަނަ ދުވަހު ވުޒާރާގެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވުޒާރާގެ ސާވާ އެއްކޮށް ހަލާކުވެ، އޭގައި ރައްކާކޮށްފައިވާ މާލީ ރިކޯޑްތައް ވަނީ އިޔާދަނުކުރެވޭ މިންވަރަށް ނެތިގޮސްފައެވެ. އަދި މި ހާދިސާ ހިނގިއިރު، ވުޒާރާގެ އިމާރާތުން ބޭރުގައި މާލީ ރިކޯޑްތަކުގެ ބެކަޕް ކޮޕީއެއް ބަލަހައްޓާފައި ނުވުމުން ސާވާގައި ރައްކާކޮށްފައިވާ ލިޔެކިޔުންތައް ރިކަވާ ކުރެވިފައިނުވާކަން ފާހަގަކުރަމެވެ." އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އެ ހާދިސާއާގުޅިގެން 2023 ވަނަ އަހަރު މިނިސްޓްރީއާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ކޮށްފައިވާ 6,591,878 ރުފިޔާގެ ޚަރަދުތަކާއި ގުޅޭ ބިޑް ޕްރޮޕޯސަލްތަކާއި ބިޑް އިވެލުއޭޝަން ޝީޓްތަކާއި ބިޑް ކޮމިޓީގެ ނިންމުންތައް ފަދަ ލިޔެކިޔުންތަކާއި 2023 ވަނަ އަހަރުގެ މުސާރައިގެ ގޮތުގައި މިނިސްޓްރީއިން ޚަރަދުކޮށްފައިވާ 114,205,149 ރުފިޔާއާ ގުޅޭ ލިޔެކިޔުންތައް އޮޑިޓަރުންނަށް ލިބިފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން މި ޚަރަދުތަކަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކޮށްފައިވާ ޚަރަދުތަކެއްކަން ކަށަވަރުކުރެވިފައި ނުވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓު ރިޕޯޓުގައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް މިނިސްޓްރީގެ ހިސާބުތަކުގެ ރިކޯޑްތައް އިދާރީ ބޭނުންތަކަށާއި އޮޑިޓްކުރަން ފަސޭހަވާނެގޮތަށް ތަރުތީބުން ރައްކާތެރިކަމާއެކު ރައްކާތެރި ތަނެއްގައި ބެލެހެއްޓުމަށް ލަފާދީފައެވެ.

މީގެ އިތުރުން އިލެކްޓްރޯނިކް ޒަރީއާއިން ބަލަހައްޓާ ލިޔުންތަކުގެ ބެކަޕް ފައިލު މާލީ ޒިންމާދާރު ވެރިޔާ ކަނޑައަޅާ ތަފާތު ދެތަނެއްގައި ރައްކާކޮށްފައި ބެލެހެއްޓުމަށްވެސް ވަނީ ލަފާ ދީފައެވެ.

comment ކޮމެންޓް