ފަަލަސްތީނުގެ 17 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމު ކ. ގުރައިދޫގައި ކޭމްޕުކުރަނީ

މިދިޔަ އަހަރު، ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ރާއްޖެ އައުން -- ފޮޓޯ/ ސްޕޯޓްސް މިނިސްޓްރީ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު މި މަހުގެ 27 ވަނަ ދުވަހު ރާއްޖޭގައި ކޭމްޕުކުރުމަށް ނިންމާފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހާމަކޮށްފިއެވެ.

މި ދަތުރަކީ އޭއެފްސީގެ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންނަށް ޓީމު ތައްޔާރުވުމުގެ ގޮތުން ކުރާ ދަތުރެއް ކަމަށާއި މި ދަތުރުގެ ޚަރަދު ހަމަޖެއްސުމުގައި ދިވެހި ސަރުކާރުގެ ބޮޑު އެހީތެރިކަމެއް ލިބިފައިވާކަން އެފްއޭއެމުން ހާމަކުރެއެވެ. މި ޓީމު ކޭމްޕު ކުރުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

މި ދަތުރުގައި ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ރޭވިފައެވެ. އެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހާއި އަންނަ މަހުގެ ދެވަނަ ދުވަހެވެ.

މި މެޗުތަކަކީ ކޮލިފައިންގައި ވާދަކުރުމަށް ތައްޔާރުވަމުން އަންނަ ދިވެހިރާއްޖޭގެ ޒުވާން ޓީމަށްވެސް ބައިނަލްއަގުވާމީ މުހިންމު ތަޖުރިބާތަކެއް ލިބި، ދެ ގައުމުގެ މެދުގައި އޮތް ގުޅުންތައް ދެމެހެއްޓުމަށް ބޮޑު ބާރަކަށް ވާނެއެވެ.

މި ކޭމްޕު އިންތިޒާމުކުރުމުގައި ދިވެހި ސަރުކާރުންނާއި ކ. ގުރައިދޫ ކައުންސިލުން ވެދެއްވި ބޮޑު އެހީތެރިކަމާއި އެއްބާރުލުމަށް އެފްއޭއެމްގެ ފަރާތުން ވަނީ ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ރާއްޖޭގައި ކުރިއަށްގެންދާ ތަމްރީނު ކޭމްޕު ނިންމާލުމަށްފަހު އެނބުރި ގައުމަށް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހު ފަސްވަނަ ދުވަހެވެ.

މީގެ ކުރިންވެސް ފަލަސްތީނުގެ ޒުވާން ޓީމާއި ސީނިއާ ފުޓުބޯޅަ ޓީމުވެސް ވަނީ ރާއްޖޭގައި ކުޅެފައެވެ. އެގޮތުން ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖޭގައި ކޭމްޕުކޮށްފައެވެ.

comment ކޮމެންޓް