އަރުމީނިއާގެ ޝިރަކް އާވިއާއިން އަންނަ މަހު ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ޝިރަކް އާވިއާއިން އާންމުކޮށްފައިވާ ޝެޑިއުލްއިން ދައްކާ ގޮތުގައި، އަންނަ މަހުގެ 14އިން ފެށިގެން އެ އެއާލައިންގެ ދަތުރުތައް ފަށާއިރު، އެ ދަތުރުތައް އޮންނާނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހެވެ.
މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ، އަރުމީނީއާގެ ވެރިރަށް ޔެރެވާންއިން ފުރައިގެން އޮމާނުގެ މުސްކަޓުގައި މަޑުކުރުމަށް ފަހު ސީދާ މާލެއަށެވެ.
އަރްމީނިއާގެ ޝިރަކް އާވިއާއިން ރާއްޖެއަށް ކުރާ ދަތުރުތަކަކީ ފިނި މޫސުމާ ދިމާކޮށް އިތުރު މަންޒިލްތަކަށް ކުރާ ދަތުރުތަކުގެ ތެރޭގައި ހިމެނޭ ދަތުރުތަކެކެވެ. އެ ދަތުރުތަކުގައި އެއާލައިނުން ބޭނުންކުރާނީ ބޮއިން 800-737 މަރުކާގެ ބޯޓެކެވެ.
މި ފަހަރުގެ ފިނި މޫސުމާ ދިމާކޮށް ރާއްޖެއަށް ގިނަ އެއާލައިންތަކެއް ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، ބައެއް އެއާލައިންތަކަށް ޚިދުމަތް ދިނުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ބޭނުންކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން 10 އެއާލައިނެއް ދަތުރުތައް ފިނި މޫސުމާ ދިމާކޮށް ބަދަލު ކުރާނެ ކަމަށް އެމްއޭސީއެލުން ވަނީ އިއުލާންކޮށްފައެވެ.
ކުރިއަށް އޮތީ ފަތުރުވެރިކަމުގެ ޕީކް ސީޒަން ކަމަށްވާއިރު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 1.7 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ މިދިޔަ އަހަރާ އަޅައިބަލާއިރު 3.2 ޕަސެންޓްގެ ދަށްވުމެއް ނަމަވެސް، އެއީ 2024 ވަނަ އަހަރާ އަޅައިބަލާއިރު އިތުރު އަދަދެކެވެ.