"އާޒިމް ވަކިކުރީ ސިޔާސަތާ ޚިލާފުވެގެން"؛ އީގަލް ހިލްސް މައްސަލައިގައި އެމްޑީޕީ މެންބަރުން ސަމާލުވާން ނަޝީދުގެ ނުސީދާ މެސެޖެއް

އެމްޑީޕީގެ ފަސް ވަނަ ކޮންގްރެސް ފެށުން: މި ކޮންގްރެސްގައި އެ ޕާޓީގެ މުސްތަގުބަލަށް މުހިންމު ނިންމުންތަކެއް ނިންމާނެ-- ސަން ފޮޓޯ: ހާފިޒު

ރަސްމާލޭގައި މަޝްރޫޢެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ގަރާރާ ގުޅިގެން، ޕާޓީގެ ސިޔާސަތާ އެއްގޮތަށް ބަސްމަގު ބެހެއްޓުމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީގެ މަޖިލިސް މެންބަރުންނަށް ހަނދާންކޮށްދެއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި މެންބަރު މީކާއީލް ހުށަހެޅުއްވި ގަރާރުގައި ބަޔާންކޮށްފައިވަނީ، ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު އެކުލަވައިލާފައިވާ ކޮމާޝަލް ޓަރމްސް އެގްރީމަންޓުގެ ތަފުސީލުތައް މިހާތަނަށް ވެސް ސަރުކާރުން ހާމަކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން، ޤާނޫނުއަސާސީގެ 29 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ މަޢުލޫމާތު ހޯދުމުގެ ޙައްޤުގެ ދަށުންނާއި، 70 ވަނަ މާއްދާގެ (ށ)ގެ 3 ވަނަ ނަންބަރުން މަޖިލީހަށް މަތިކޮށްފައިވާ ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމުގެ ވާޖިބުގެ ދަށުން މި އެއްބަސްވުން ހާމަކުރުމަށް ގަރާރުގައި ގޮވާލާފައިވެއެވެ. މީގެ އިތުރުން ދެން ހިމެނޭ ކަންކަމަކީ:

  • ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ހުރިހާ ތަފުސީލުތައް ސިއްރުކޮށްފައި އޮތުން.
  • ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކުމަށްފަހު، އެ ޚަރަދު ދައުލަތަށް އަނބުރާ ނުލިބޭ ގޮތަށް އެއްބަސްވުން އެކުލަވައިލާފައި އޮތުން.
  • ރަސްމާލެއިން ހިއްކާފައިވާ 500 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް، އެއްވެސް އެކުއިޒިޝަން ކޮސްޓެއް ނުވަތަ
  • ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް 99 އަހަރުގެ މުއްދަތަށް އެ ކުންފުންޏަށް ދީފައި އޮތުން.
  • އެ ބިމުގައި ތަރައްޤީކުރާ ތަންތަން ތިންވަނަ ފަރާތަކަށް ކުއްޔަށް ދޫކުރުމުގެ ރޯލިން ލީސް އިންޓަރެސްޓް
  • އުފެއްދުމުގެ ހައްޤު އީގަލް ހިލްސްއަށް ލިބިގެންވާ ގޮތަށް އޮތުން.
  • މިފަދަ ބޮޑު މަޝްރޫޢެއްގެ އެއްބަސްވުން ސިއްރުކޮށްފައި ބޭއްވުމަކީ ކޮރަޕްޝަނަށް މަގުފަހިވެ، ދައުލަތުގެ މާލިއްޔަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށް ވުން.

އެއާއެކު ރައީސް ނަޝީދު މެންބަރުންނަށް ނުސީދާ މެސެޖެއް ދެއްވައި، ހަނދާންކޮށްދެއްވީ، މީގެކުރިން ޕާޓީގެ ސިޔާސަތާ ޚިލާފުވެގެން މަޖިލީހުގެ ކުރީގެ މެންބަރު އަލީ އާޒިމް ޕާޓީން ވަކިކުރި ހާދިސާ މިސާލަކަށް ނަންގަވަމުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އަލީ އާޒިމް އެމްޑީޕީން ވަކިކުރީ މަޖިލީހުގެ މެންބަރަކަށް ހުންނަވައިގެން ޕާޓީގެ ސިޔާސަތާ އިދިކޮޅަށް ވާހަކަދައްކަވައިގެން ކަމަށެވެ. އަދި އީގަލް ހިލްސް ކުންފުންޏާ ގުޅޭގޮތުން ޕާޓީން މިހާރު ވެސް ރަސްމީ ބަޔާނެއް ނެރެފައިވާނެކަން މެންބަރުންގެ ސަމާލުކަމަށް ގެންނެވިއެވެ.

"މެންބަރުންނަށް ދަންނަވާލަން ބޭނުން. އަލީ އާޒިމް ޕާޓީއިން ވަކިކުރީ މަޖިލިސްގެ މެންބަރަކަށް ހުންނަވާ ޕާޓީގެ ސިޔާސަތާ އިދިކޮޅަށް ވާހަކަދައްކަވައިގެން. އީގަލް ހިލްސް ކަންތަކާ ގުޅޭ ގޮތުން ޕާޓީން ވަނީ ބަޔާނެއް ނެރެފައި،" ރައީސް ނަޝީދު ގްރޫޕަށް ފޮނުއްވި މެސެޖުގައި ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި ރައީސް ނަޝީދު އެ މިސާލު ދެއްކެވީ، އީގަލް ހިލްސްގެ މައްސަލައިގައި މަޖިލީހުގެ ތަޅުމުގައާއި އާންމު ތަންތަނުގައި މެންބަރުން ވާހަކަދައްކަވާއިރު ޕާޓީގެ ރަސްމީ ނިންމުމާ ދެކޮޅަށް އެއްވެސް ވާހަކައެއް ނުދެއްކުމަށް ނުސީދާ ގޮތެއްގައި މެންބަރުންނަށް އިންޒާރުދެއްވައި، ސަމާލުކަން ދެއްވުމުގެ ގޮތުންނެވެ.

https://sun.mv/177446

މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް އެމްޑީޕީގެ މެންބަރުކަމުން ވަކިކުރަން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމީ 2023 ވަނަ އަހަރުގެ މެއި މަހުގެ 15 ގައެވެ. އެއީ ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައިގައި 'އިޓްލޮސް' އިން ނިންމި ނިންމުމާ ދެކޮޅަށް، އިދިކޮޅު ޕީޕީއެމާއި އެމްއެންޕީއާ ގުޅިގެން މަސައްކަތް ކުރެއްވި މައްސަލައިގައެވެ.

ނަޝީދު މި މޭރުމުން އިންޒާރު ދެއްވި ނަމަވެސް، މަޖިލީހުގެ ތަޅުމުގައި މިހާތަނަށް އެމްޑީޕީގެ އެއްވެސް މެންބަރަކު ޕާޓީގެ ނިންމުމާ ޚިލާފަށް ވާހަކަދައްކަވާފައިނުވާ ކަމަށް އެ ޕާޓީގެ ބައެއް މަޖިލިސް މެންބަރުން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް