ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީގެ މެންބަރުކަމުން ވަކިކުރަން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން މިއަދު ނިންމައިފިއެވެ.
ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ބަހަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުން ކަމުނުގޮސްގެން އިދިކޮޅު ޕީޕީއެމާއި އެމްއެންޕީއާއި ގުޅިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވައި މެންބަރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެ މަަސައްކަތުގައި އިސްކޮށް އުޅުއްވާ އެއް ބޭފުޅަކީ އަލީ އާޒިމެވެ.
އެހެންވެ، އޭނާ ހިމެނޭ ގޮތަށް އިތުރު ހަތަރު މެންބަރެއްގެ މައްޗަށް ފިޔަވަޅު އަޅަން އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ.
އެނގިފައިވާ ގޮތުގައި މިއަދު ބޭއްވި ފިޔަވަޅު އަޅާ ކޮމެޓީގެ ބައްދަލުވުމުގައި ވަނީ އިމުގެ މައްސަލައިގައި އާޒިމް އަމަލުކުރައްވަމުން ގެންދަވާ ގޮތުން އޭނާ ޕާޓީގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ނިންމައިފައެވެ. އެހެންވެ، އެ ނިންމުން ތަންފީޒު ކޮށްދިނުމަށް ޕާޓީގެ އިދާރާގައި އެދެން އެ ކޮމެޓީން ވަނީ ނިންމައިފައެވެ. އެކަމަކު، ނިންމުން ރަސްމީކޮށް ހާމަކުރަން ހަމަޖެހިފައިވަނީ މާދަމައެވެ.
ކުރިން އެމްޑީޕީގެ ޕީޖީ ލީޑަރުކަން ވެސް ކުރެއްވި އާޒިމް ވަކިކުރަން ނިންމީ، އެ ޕާޓީގެ އަސާސީ ގަވާއިދުގެ 19ވަނަ މާއްދާ އާއި 20ވަނަ މާއްދާގެ ދަށުންނެވެ.
އެ ޕާޓީގެ އަސާސީ ގަވާއިދުގެ 19ވަނަ މާއްދާގެ ހ.ގައި ބުނެފައިވަނީ އެހެން ޕާޓީއެއްގެ ސިޔާސީ ހަރަކާތެއްގައި ބައިވެރިވާނަމަ ޕާޓީން ވަކިވާނެ ކަމަށެވެ. އަދި، 20ވަނަ މާއްދާގައި ވަނީ މެންބަރުންނާ މެދު ބެލޭ މައްސަލަތަކަށް ފަހުގައި ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީއަށް މެންބަރު ވަކިކުރެވޭނެ ކަމަށެވެ.
އެކަމަކު، އާޒިމް ވަކިކުރަން ނިންމިކަން އަދި އާޒިމަށް ވެސް ނާންގައެވެ. ކޮމެޓީގެ ނިންމުން ހާމަކުރަން ނިންމާފައިވަނީ މާދަމައެވެ.