ފުވައްމުލަކަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ދިޔަވަމުންދާތީ ފުލުހުން އެހީތެރިވަނީ

ފުވައްމުލަކަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ދިޔަވަމުންދާތީ ފުލުހުން އެހީތެރިވަނީ.... ފޮޓޯ/ ފުލުހުން

ފުވައްމުލައް ސިޓީއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ސަޕްލައި ދޯންޏެއް ދިޔަވަމުންދާތީ، އެ އުޅަނދަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި "ރާސްތާ" ނަމަކަށް ކިޔާ މި މުދާ އުފުލާ ސަޕްލައި ދޯންޏަށް ދިޔަވަމުންދަނީ ފުވައްމުލައް ސިޓީއާ ގާތްގަނޑަކަށް 12 ނޯޓިކަލް މޭލު ބޭރުންނެވެ.

މި ހާދިސާގެ ރިޕޯޓު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފުލުހުންނަށް ކޮށްފައިވަނީ މިއަދު މެންދުރުފަހު 15:08 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

މި އުޅަނދުގައި ދަތުރުކުރަމުން ދިޔައީ ހަތަރު ދިވެހިންނާއި ބިދޭސީއަކާއެކު ޖުމްލަ ފަސް މީހުންނެވެ. އުޅަނދަށާއި އޭގައި ތިބި މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި ހާދިސާ ހިނގާފައިވާއިރު، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ވަނީ ގޯސްވެފައެވެ. އެގޮތުން ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް މޫސުން ގޯސްވެ ވައިގަދަވާނެ ކަމަށް ލަފާކޮށް މިއަދު ހަވީރު 17:00 އިން ފެށިގެން މިރޭ 21:00 އާ ހަމައަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ.

މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ރީނދޫ ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެއެވެ.

މޫސުން ގޯސްވެ ވިއްސާރަވާ ދުވަސްވަރު ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

comment ކޮމެންޓް