ފެބުރުވަރީ މަހަށް ފަހު ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރީ މިދިޔަ މަހު

ފަތުރުވެރިންތަކެއް ރާއްޖޭގައި: ފެބުރުވަރީ މަހަށް ފަހު ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރީ މިދިޔަ މަހު -- ފޮޓޯ/ ޓްރެވެލް ޓްރޭޑް މޯލްޑިވްސް

މި އަހަރުގެ ފެބުރުވަރީ މަހަށްފަހު، ފަތުރުވެރިން އެންމެ ގިނައިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ނިމުނު ޖުލައި މަހު ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް 184،734 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅައިބަލާއިރު 1.9 ޕަސެންޓްގެ ދަށްވުމެކެވެ. ނަމަވެސް އެއީ، މި އަހަރުގެ އޭޕްރިލް މަހާއި މެއި މަހާއި ޖޫން މަހު ފަތުރުވެރިން ޒިޔާރަތްކުރި އަދަދަށްވުރެ އިތުރު އަދަދެކެވެ.

މި އަހަރުގެ އެހެން މަސްތަކުގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދުތައް:

  • ޖަނަވަރީ: 227،403
  • ފެބުރުވަރީ: 254،556
  • މާރިޗް: 166،616
  • އޭޕްރިލް: 152،861
  • މެއި: 142،555
  • ޖޫން: 125،891

ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރީ ފެބުރުވަރީ މަހު ކަމަށްވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 17.7 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރާ އަޅައިބަލާއިރު، ފަތުރުވެރިން އެންމެ މަދުވި މަހަކީ އޭޕްރިލް މަހެވެ. އެގޮތުން މި އަހަރުގެ އޭޕްރިލް މަހު ފަތުރުވެރިން އައި އަދަދަކީ، މިދިޔަ އަހަރުގެ އެ މަހާ އަޅައިބަލާއިރު 24.4 ޕަސެންޓް ދަށް އަދަދެކެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވަނީ 1.26 މިލިއަން ފަތުރުވެރިން ކަމަށްވާއިރު، އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 4.5 ޕަސެންޓްގެ ދަށްވުމެކެވެ. އަދި ރާއްޖެއަށް ދުވާލަަކަށް އަންނަނީ 5،924 މީހުން ކަމަށްވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ހުރީ 6،202ގައެވެ.

ފަތުރުވެރިންތަކެއް ރާއްޖެ އައުން: ފެބުރުވަރީ މަހަށް ފަހު ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރީ މިދިޔަ މަހު -- ފޮޓޯ/ އެމްއޭސީއެލް

ރާއްޖެއަށް އަންނަ ގިނަ ފަތުރުވެރިން ދަނީ ރިސޯޓުތަކަށްކަން ވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން 902،228 މީހުން ރިސޯޓުތަކަށް ގޮސްފައިވާއިރު، 277،894 މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ މީހުން ނިސްބަތްވާ ގައުމުތަކަކީ:

  • ޗައިނާ: 218،721 ފަތުރުވެރިން
  • ރަޝިއާ: 181،092 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 98،154 ފަތުރުވެރިން
  • އިޓަލީ: 79،877 ފަތުރުވެރިން
  • ޖަރުމަނު: 77،211 ފަތުރުވެރިން
  • އިންޑިއާ: 72،087 ފަތުރުވެރިން

ފާހަގަކޮށްލެވޭ ގޮތުގައި، ފެބުރުވަރީ 28ގައި އެމެރިކާއިން ކުއްލި ގޮތަކަށް އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ދަތުރުތައް ހުއްޓުމަކަށް އައެވެ. އެއީ ރާއްޖެއަށް އަންނަ ގިނަ އަދަދެއްގެ ފަތުރުވެރިން ބޭނުންކުރާ ރޫޓެއް ކަމުން، އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ބުރުލެއް އެރިއެވެ.

އެއަށްފަހު މެދުއިރުމަތީގައި ހަމަލާތައް ބަދަލުކުރަމުން ދިޔުމުން ގިނަ އަދަދެއްގެ ފަތުރުވެރިންގެ ދަތުރުތައް ލަސްކޮށް، ކެންސަލް ވެސް ކުރިއެވެ. އަދި ހަނގުރާމަ ދެމިގެންދިޔަ ވަރަކަށް ދަތުރުފަތުރުގެ އަގު ވެސް އުފުލި، ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް އިތުރުވިއެވެ.

comment ކޮމެންޓް