މީހެއްގެ ބީއެމްއެލް އެކައުންޓުން ފައިސާ ނެގުމަށް އޯޓީޕީ ކޯޑު ހޯދައި، އެ އެކައުންޓުން 63،000 ރުފިޔާއާއި 21،000 ޑޮލަރު ފޭރުނު ސްކޭމެއް، ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނި ގޮތުގައި މިދިޔަ މަހުގެ 24ވަނަ ދުވަހު ކާކުކަން ނޭނގޭ ފަރާތަކުން މީހަކަށް ގުޅައިގެން އޯޓީޕީ ކޯޑު ހޯދައި، އެ ކޯޑު ބޭނުންކޮށްގެން ބެންކު އެކްސެސް ހޯދުމަށްފަހު އޭނާގެ އެކައުންޓުން 63,000 ރުފިޔާއާއި، 21,000 ޑޮލަރު މަކަރާއި ހީލަތުން ފޭރުނު މައްސަލައެއް ވަނީ ހުށަހަޅާފައިވެއެވެ.
އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ:
- ޏ. ފުވައްމުލައް / ދޫޑިގަން. ގޯލްޑަންގޭޓް، އިބްރާހީމް ޝާރިފް (34އ)
- ފ. ފީއަލި / މަތަރެސްމާގެ، ޖިނާޙު އަޙްމަދު (29އ)
- ފ. ނިލަންދޫ / ނަޒުމު، އިބްރާހީމް މުޢާޒު (38އ)
- ލ. ގަން / މަތިމަރަދޫ. ލިލީނައިޓް، ޢަލީ ދާއިން (21އ)
އެމީހުންގެ ތެރެއިން ތިން މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށާއި އަނެއް މީހާ ހައްޔަރުކޮށްފައިވަނީ ބުރާސްފަތި ދުވަހު ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޖިނާހު އަޙްމަދު 10 ދުވަހަށް އަދި ދެންތިބި ތިން މީހުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
ރާއްޖޭގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ވޭތުވެދިޔަ އަހަރުތަކުގައި ވަނީ އިތުރުވެފައެވެ. ޚާއްސަކޮށް ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ ހޯދުން ވަނީ އިތުރުވެފައެވެ.
މިދިޔަ މަހުގެ 18ވަނަ ދުވަހު ފުލުހުންގެ ކޮމިޝަނަރު އަޙްމަދު މުޙައްމަދު ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅައިބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި ސައިބާ ކުށުގެ މައްސަލަތައްވަނީ ދެގުނައަށް އިތުރުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި އޭގެ ސަބަބަކީ އާންމުން ފަރުވާކުޑަވުމާއި ސައިބާ ކުށްތަކާ މެދު އަދިވެސް ހޭލުންތެރިވެފައިނުވުމެވެ.