ކެލިފޯނިއާގެ އެތައް މިލިއަން ދަރިވަރުންގެ މައުލޫމާތު ހެކަރެއްގެ އަތްދަށަށް ގޮސްފި

އީޓީއެސްއިން ވަނީ ހުކުރު ދުވަހުން ފެށިގެން މި ޑޭޓާ ބްރީޗްގެ މައުލޫމާތު ދަރިވަރުންނަށާއި އެކުދިންގެ އާއިލާތަކަށް އަންގަން ފަށާފައި ---

ކެލިފޯނިއާގެ އެތައް މިލިއަން ދަރިވަރުންގެ މައުލޫމާތު ހެކަރެއްގެ އަތްދަށަށް ގޮސްފައިވާކަމަށް ކެލިފޯނިއާގެ އެޑިއުކޭޝަން ޑިޕާޓްމަންޓުން ހާމަކޮށްފިއެވެ.

އެ ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، އެ ސްޓޭޓްގެ އެކްސްޓަނަލް ނޮން-ޕްރޮފިޓް ކޮންޓްރެކްޓަރެއްގެ ސިސްޓަމްގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ހެކަރަކު ވަނީ މިލިއަނަކަށްވުރެ ގިނަ ދަރިވަރުންގެ ޒާތީ އަމިއްލަ މައުލޫމާތު ހޯދާފައެވެ. މިގޮތުން ހެކަރުގެ އަތްދަށަށް ގޮސްފައިވާ މައުލޫމާތުތަކުގެ ތެރޭގައި ދަރިވަރުންގެ ނަމާއި، އުފަންތާރީޚާއި، އެޑްރެސް އަދި ނުކުޅެދުންތެރިކަން ހުރި މިންވަރުގެ މައުލޫމާތު ހިމެނެއެވެ.

އެޑިއުކޭޝަން ޑިޕާޓްމަންޓުން ބުނެފައިވަނީ ހެކަރު ހޯދާފައިވަނީ ވޭތުވެދިޔަ ތިން ދިރާސީ އަހަރުގައި އެންރޯލްވި ހުރިހާ ދަރިވަރުންގެ މައުލޫމާތެވެ. އެ މުއައްސަސާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025-2026 ވަނަ އަހަރު އެކަނިވެސް ކެލިފޯނިއާގައި 5.7 މިލިއަނަށްވުރެ ގިނަ ދަރިވަރުން އެންރޯލްވެފައިވެއެވެ.

https://sun.mv/228995

މި މައުލޫމާތުތައް ހެކްވެފައިވަނީ ކެލިފޯނިއާ ސްޓޭޓާއެކު މަސައްކަތްކުރާ ނޮން-ޕްރޮފިޓް ޖަމްއިއްޔާއެއް ކަމަށްވާ އެޑިއުކޭޝަނަލް ޓެސްޓިން ސާވިސް (އީޓީއެސް) ގެ ސެކިއުރިޓީ ފައިލް ޓްރާންސްފާ ޕްރޮޓޯކޯލް ސައިޓެއް މެދުވެރިކޮށެވެ.

މި ސައިބާ ހަމަލާ ދީފައިވާކަން ސެޕްޓެމްބަރު 25 ގައި ކަށަވަރުވެގެން ތަޙުޤީޤު ފަށާފައިވާއިރު، ހެކަރު ވަނީ މޭ 22 އިން ސެޕްޓެމްބަރު 18 ގެ ނިޔަލަށް އެކި ފަހަރު މަތިން، ކޮމްޕްރޮމައިޒްވެފައިވާ ލޮގިން ކްރެޑެންޝިއަލް ބޭނުންކޮށްގެން ސައިޓަށް ވަދެ، ދަރިވަރުންގެ މައުލޫމާތުތައް ކޮޕީކޮށްފައެވެ.

އީޓީއެސްއިން ވަނީ ހުކުރު ދުވަހުން ފެށިގެން މި ޑޭޓާ ބްރީޗްގެ މައުލޫމާތު ދަރިވަރުންނަށާއި އެކުދިންގެ އާއިލާތަކަށް އަންގަން ފަށާފައެވެ. އެޑިއުކޭޝަން ޑިޕާޓްމަންޓުން ބުނި ގޮތުގައި މިހާތަނަށް ބެލިބެލުމުން އެއްވެސް މައުލޫމާތެއް އާންމުކޮށްފައިވާކަން ސާބިތުވެފައެއް ނުވެއެވެ. އަދި ދަރިވަރުންގެ ސޯޝަލް ސެކިއުރިޓީ ނަންބަރާއި މާލީ ސެންސިޓިވް މައުލޫމާތުތަކަށް ހެކަރުންނަށް ވާސިލުވެވިފައެއް ނުވެއެވެ.

އޮކްޓޯބަރު 2 ގައި ކައުންޓީ އަދި ޑިސްޓްރިކްޓް ސްކޫލް އޮފިޝަލުންނަށް ފޮނުވި ސިޓީއެއްގައި ކެލިފޯނިއާގެ އެޑިއުކޭޝަން އެޖެންސީން ވަނީ އީޓީއެސްއިން "އާންމު އެންރޯލްމަންޓް ޑޭޓާ ޕްރޮސެސްކުރުން" ވަގުތީގޮތުން ހުއްޓާލާފައިވާކަން ހާމަކޮށްފައެވެ.

އެޑިއުކޭޝަން ޑިޕާޓްމަންޓުން ބުނީ މިކަމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ކުޑަކޮށް، އަސަރުކޮށްފައިވާ ވަޒަންކުރުމުގެ (އެސެސްމަންޓް) ހަރަކާތްތައް އަވަސް މުއްދަތެއްގެ ތެރޭގައި އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ކެލިފޯނިއާގައި އީޓީއެސްއަކީ އިނގިރޭސި ބަހުގެ ޤާބިލުކަން ވަޒަންކުރުމުގެ އިމްތިޙާނުތައް ހިމެނޭ ގޮތަށް ސްޓޭޓް ފެންވަރުގެ އެސެސްމަންޓްތައް ހިންގާ ފަރާތެވެ.

ރޮއިޓާސްއަށް ދިން ބަޔާނެއްގައި އީޓީއެސްއިން ބުނެފައިވަނީ، ރައްކާތެރިކަން ވަރުގަދަކުރުމުގެ ގޮތުން އިތުރު ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އެގޮތުން މޮނިޓާކުރުން ވަރުގަދަކުރުމާއި، އެކްސެސް ކޮންޓްރޯލްތައް ބާރުގަދަކުރުމާއި، އަދި ތިންވަނަ ފަރާތެއް މެދުވެރިކޮށް ސެކިއުރިޓީ އުޞޫލުތައް އިތުރަށް ރިވިއުކުރުން ހިމެނޭ ކަމަށް ބުނެފައިވެއެވެ. އަދި އެފަރާތުގެ އެންމެ ބޮޑު އިސްކަމެއް ދެނީ ދަރިވަރުންނާއި އާއިލާތަކާއި މުދައްރިސުންނަށް ޚިދުމަތްކުރުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދޭ އެސެސްމަންޓް ޕްރޮގްރާމްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށްވެސް އީޓީއެސްއިން ބުނެފައިވެއެވެ.

comment ކޮމެންޓް