ޔޫރަޕުގެ ސުޕާމާކެޓުތަކުގެ ފްރިޖުތަކަށް ސައިބާ ހަމަލާތަކެއްދީ ބޮޑެތި ގެއްލުންތަކެއް ދީފި

މި ހަމަލާ އަމާޒުވެފައިވަނީ ޑެންމާކްގެ ޑެންފޮސް ކުންފުނިން އުފައްދާފައިވާ ފިނިކުރާ ނިޒާމުތަކުގެ ފިނިހޫނުމިން ކޮންޓްރޯލްކުރާ ސޮފްޓްވެއާއަށް ---

ޔޫރަޕުގެ ގިނަ ގައުމުތަކެއްގެ ސުޕާމާކެޓުތަކުގައި ބަހައްޓާފައި ހުރި ފްރިޖުތަކާއި ފްރީޒަރުތަކުގެ ފިނިހޫނުމިން ކުއްލިއަކަށް މަތިކޮށް، ގިނަ އަދަދެއްގެ ކާބޯތަކެތި ހަލާކުކޮށްލި ނުރައްކާތެރި ސައިބާ ހަމަލާއެއް ޔޫރަޕުގެ އެކި ކަންކޮޅުތަކަށް ފެތުރެން ފަށައިފިއެވެ.

މި ހަމަލާގައި ސްވިޑަން، ބެލްޖިއަމް، ލަގްޒެމްބާގް އަދި އަޔަލޭންޑްގެ ސުޕާމާކެޓުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އަހޯލްޑް ދެލްހައިޒް، ކޮލްރައިޓް، ސްވިޑަންގެ އައިސީއޭ އަދި ކޫޕް ފަދަ މަޝްހޫރު ނެޓްވޯކްތަކުގެ ފިހާރަތައް ހިމެނެއެވެ. މީގެއިތުރުން އައިކިއާގެ ބެލްޖިއަމްގައި ހުންނަ ފިހާރައަކާއި، އަޔަލޭންޑްގެ ސުޕަވާލޫގެ 13 ފިހާރައަކާއި، ބެލްޖިއަމްގެ ކާރްފޫރްގެ 15 ފިހާރައަކަށްވެސް މި ހަމަލާގެ އަސަރު ވަނީ ކޮށްފައެވެ.

ސްވިޑަންގެ ސްޓޮކްހޯމްގައި ހުންނަ އައިސީއޭ ފިހާރައެއްގެ ސޭލްސް މެނޭޖަރު އެންގްލާ އިންގްވާލް ބުނި ގޮތުގައި، ދާދިފަހަކުން ހިނގި މި ހަމަލާގައި އެ ފިހާރައިގެ ފްރީޒަރުތަކުގެ ފިނިހޫނުމިން ވަނީ 50 ޑިގްރީ ސެލްސިއަސް އަށް މަތިވެފައެވެ. އޭގެ ސަބަބުން ފްރީޒަރުތަކުގައި ހުރި ގިނަ އަދަދެއްގެ ކާބޯތަކެތި ހަލާކުވެ، އުކާލަން ޖެހުނު ކަމަށް އޭނާ މައުލޫމާތު ދިނެވެ.

https://sun.mv/228995

ބެލްޖިއަމްގެ އެންޓްވާޕް ކައިރީގައި ހުންނަ މަސް ވިއްކާ މަޝްހޫރު ފިހާރައެއް ކަމަށްވާ "ޑެ ލެޓް އެންޑް ވަން ހާވާ" ގެ ވެރިޔާ ލޫކް ޑެ ލެޓް ބުނި ގޮތުގައި، ރޭގަނޑު ފްރިޖުތަކުގެ ފިނިހޫނުމިން 18 ޑިގްރީ ސެލްސިއަސް އަށް އުފުލުމުގެ ސަބަބުން 15،000 ޔޫރޯ (ގާތްގަނޑަކަށް 16،800 އެމެރިކާ ޑޮލަރު) ގެ މަސް ވަނީ ހަލާކުވެފައެވެ. އޭނާ ސިފަކުރި ގޮތުގައި މިއީ ޔޫރަޕުގެ އިގްތިސާދު ގަނޑުބަޑުކޮށްލުމަށް ބަޔަކު ގަސްދުގައި ހިންގާ ނުރައްކާތެރި އަމަލެކެވެ.

މި ހަމަލާ އަމާޒުވެފައިވަނީ ޑެންމާކްގެ ޑެންފޮސް ކުންފުނިން އުފައްދާފައިވާ ފިނިކުރާ ނިޒާމުތަކުގެ ފިނިހޫނުމިން ކޮންޓްރޯލްކުރާ ސޮފްޓްވެއާއަށެވެ. މީގެ މަސްދުވަސް ކުރިން ފްރާންސްގެ ސުޕާމާކެޓުތަކަށް ދިން ހަމަލާގައިވެސް ބޭނުންކޮށްފައިވަނީ މި ސިސްޓަމެވެ. ފްރާންސްގެ ހަމަލާގައި ސެންޓްރަލް ފްރީޒަރުތަކުގެ ހޫނުމިން 50 ޑިގްރީއަށް މަތިވެ، ބައެއް ފިހާރަތަކުގައި ރޯވުމާއި ބޮޑެތި މާލީ ގެއްލުންތަކެއް ލިބުނެވެ.

ބެލްޖިއަމްގެ ސައިބާ ސެކިއުރިޓީ ސެންޓަރުގެ ތަރުޖަމާނު ކެޓްރީން އެގާސް ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ސިސްޓަމްތަކުގެ ނާޒުކު ތަންތަން ހޯދައިގެން ހަމަލާދިނުން އިތުރުވަމުންދާތީ ކަންބޮޑުވާ ކަމަށެވެ. އަދި ޔޫރަޕިއަން ޔޫނިއަންގެ އެގްރިކަލްޗާ ކޮމިޝަނަރު ކްރިސްޓޮފް ހަންސެން ވަނީ، މިއީ ޔޫރަޕުގެ ކާބޯތަކެތި ފޯރުކޮށްދޭ ނިޒާމު ހަލާކުކޮށްލުމަށް ގަސްދުގައި ދޭ ހަމަލާއެއް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ސެންޓިނެލްވަންގެ ރިސާޗަރު ޓޮމް ހެގެލް ފާހަގަކުރި ގޮތުގައި، މި ހަމަލާގައި ފައިސާއަށް އެދިފައި ނުވާތީ، މިއީ މާލީ މަންފާއަކަށްވުރެ ބޮޑަށް ސިޔާސީ ނުވަތަ ގައުމީ ފެންވަރުގެ ފިއްތުންތަކެއް ކުރިމަތިކުރުވުމުގެ ނިޔަތުގައި ދީފައިވާ ސަބޮޓޭޖް ހަމަލާއެއް ކަމަށް ބެލެވެއެވެ. ނަމަވެސް މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.

މާހިރުން އިރުޝާދު ދޭ ގޮތުގައި، ވިޔަފާރިތަކުގެ އިތުރުން އާންމުންގެ ގޭގޭގައި ބޭނުންކުރާ އިންޓަނެޓާ ގުޅިފައިވާ ރައުޓަރުތަކާއި، ފްރިޖު އަދި ހީޓިން ސިސްޓަމްތައް ރައްކާތެރިކުރުމަށްޓަކައި ޑިފޯލްޓް ޕާސްވޯޑް ބަދަލުކުރުމާއި، ޓޫ-ފެކްޓާ އޯތެންޓިކޭޝަން ބޭނުންކުރުމާއި، ގަވާއިދުން ސޮފްޓްވެއާ އަޕްޑޭޓްކުރުން މުހިންމެވެ.

comment ކޮމެންޓް