ބައިނަންސް އެކްސްޗޭންޖް ހެކްކޮށް ވަގަށް ނެގި 6.3 ބިލިއަން ޑޮލަރުގެ ތެރެއިން ބައެއް ފައިސާ ސާފުކޮށް (ލޯންޑާކޮށް) ސައްހަ އާމްދަނީއެއްގެ ގޮތުގައި ދެއްކުމަށްޓަކައި އުތުރު ކޮރިއާގެ ހެކަރުން އަމިއްލައަށް "މީމްކޮއިން" އުފެއްދުމަށްފަހު ބޭނުންކުރަން ފަށައިފިއެވެ.
ބްލޮކްޗެއިން އެނަލިޓިކްސް ފާމެއް ކަމަށްވާ އެލިޕްޓިކުން ހާމަކޮށްފައިވާ ގޮތުގައި، ހެކަރުން ވަނީ ނޮވެމްބަރު 5 އާއި 7 އާ ދެމެދު އުފެއްދި 6 މީމްކޮއިން މެދުވެރިކޮށް، ވަގަށް ނެގި 117,000 ނިއާ ޓޯކަން (ގާތްގަނޑަކަށް 430,000 ޑޮލަރު) ބަދަލުކޮށްފައެވެ.
އެލިޕްޓިކުން ބުނި ގޮތުގައި، މި ކޮއިންތަކުގެ ތެރޭގައި އެމެރިކާގެ މަހުޖަނު އީލޮން މާސްކްގެ ފޮޓޯއާއެކު "އީލޮން 2028 ޕްރެޒިޑެންޓް" ޖަހާފައިވާ ޓޯކަންއެއްވެސް ހިމެނެއެވެ. ނަމަވެސް މި ޓޯކަންތަކާ މާސްކާ އެއްވެސް ގުޅުމެއް އޮތް ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް އެ ފާމުން ބުނެއެވެ.
މި ލޯންޑަރިން ހިންގާފައިވަނީ ޑިސެންޓްރަލައިޒްޑް އެކްސްޗޭންޖްތަކުގައި އެ މީމްކޮއިންތަކާއި ނިއާ ޓޯކަން ޕެއާކޮށް، އަމިއްލަ ވޮލެޓްތަކުގެ މެދުގައި އެކަނި ވިޔަފާރިކޮށްގެންނެވެ. އެގޮތުން އެއް ވޮލެޓުން ވަގަށް ނެގި ނިއާ ކޮއިން ބޭނުންކޮށްގެން މީމްކޮއިން ގަތުމަށްފަހު، އަނެއް ވޮލެޓުން އެ މީމްކޮއިންތައް އަނބުރާ ނިއާ ކޮއިންއަށް ވިއްކާލައިގެން، އެއީ ވިޔަފާރިކޮށްގެން ހޯދި ސައްހަ ފައިސާގެ ގޮތުގައި ދެއްކުމަށް ހެކަރުން ވަނީ މަސައްކަތްކޮށްފައެވެ.
މި ޓޯކަންތަކުގެ ވިޔަފާރީގެ ތެރެއިން އާންމު އިންވެސްޓަރުންގެ ހިއްސާއަކީ އިންސައްތައަކަށްވުރެ ވެސް ކުޑަ މިންވަރެކެވެ. އަދި ނޮވެމްބަރު 8 އިން ފެށިގެން މި 6 ކޮއިންގެ ވިޔަފާރި ވަނީ މެދުކަނޑާލާފައެވެ.
އެމެރިކާގެ އެފްބީއައިއިން ހާމަކޮށްފައިވާ ގޮތުގައި އޮކްޓޯބަރު 29 ގައި ބައިނަންސްއަށް ދިން ހަމަލާގެ ފަހަތުގައިވަނީ އުތުރު ކޮރިއާގެ "ޓްރޭޑާޓްރޭޓާ" ހެކިން ގްރޫޕެވެ. މީގެއިތުރުން ވަގަށް ނެގި ފައިސާ ބިޓްކޮއިންއަށް ބަދަލުކުރުމަށް ތޯޗެއިން ޕްލެޓްފޯމްވެސް ހެކަރުން ބޭނުންކޮށްފައިވެއެވެ.
މިއީ އުތުރު ކޮރިއާގެ ހެކަރުން މިފަދަ އުކުޅެއް ބޭނުންކުރި ފުރަތަމަ ފަހަރެއް ނޫނެވެ. 2025 ވަނަ އަހަރު ބައިބިޓް އެކްސްޗޭންޖުން 1.5 ބިލިއަން ޑޮލަރު ވަގަށް ނެގުމަށްފަހުވެސް، ޓްރޮން ބްލޮކްޗެއިންގައި އާ ޓޯކަންއެއް ހަދައިގެން 24 މިލިއަން ޑޮލަރު ލޯންޑާކޮށްފައިވާކަން އެލިޕްޓިކުން ފާހަގަކުރެއެވެ.
ބައިނަންސް ހެކްގައި ވަގަށް ނެގި ނިއާ ޓޯކަންގެ ތެރެއިން 43.7 މިލިއަން ޑޮލަރަށްވާ 11.8 މިލިއަން ނިއާ ޓޯކަން ހެކަރުން އަދި ބޭނުންނުކޮށް ހުރިކަމަށްވެސް ރިޕޯޓުގައިވެއެވެ.