ސައިބާ ހަމަލާއަކާއެކު މެލޭޝިއަން އެއާލައިންސްގެ ކަސްޓަމަރުންގެ މައުލޫމާތު ލީކުވެއްޖެ

މެލޭޝިއާ އެއާލައިންސްގެ އިތުރުން ސަރަޙައްދީ އެހެން ބައެއް އެއާލައިންތަކަށްވެސް މިކަމުގެ އަސަރުވަނީ ކޮށްފައި ---

މެލޭޝިއަން އެއާލައިންސްގެ ރެޒަވޭޝަން ސިސްޓަމް ބަލަހައްޓާ ޓެކްނޮލޮޖީ ކުންފުނި އެމަޑެއަސްއަށް ކުރިމަތިވި ސައިބާ ސެކިއުރިޓީ ނުރައްކަލަކާ ގުޅިގެން، އެ އެއާލައިންގެ ބައެއް ކަސްޓަމަރުންގެ މައުލޫމާތު ލީކުވެފައިވުން އެކަށީގެންވާ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

މެލޭޝިއަން އެއާލައިންސްގެ އިތުރުން ސަރަޙައްދީ އަދި ބައިނަލްއަގްވާމީ އެހެން އެއާލައިންތަކެއް ކަމަށްވާ ކެތޭ ޕެސިފިކް، ޖަޕާން އެއާލައިންސް، ދެކުނު ކޮރެއާގެ އޭޝިއާނާ އެއާލައިންސް، އޯލް ނިއްޕޮން އެއާވޭސް (އޭއެންއޭ) އަދި ކޮރިއަން އެއާގެ ކަސްޓަމަރުންގެ މައުލޫމާތު ވެސް އެމަޑެއަސްގެ ސިސްޓަމަށް ދިން ހަމަލާގައި ލީކުވެފައިވާ ކަން ފަހުގެ ދުވަސްތަކުގައި ވަނީ ހާމަވެފައެވެ.

މެލޭޝިއާގެ ޤައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ސައިބާ ހަމަލާގެ އަސަރު ކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެމަޑެއަސް ސިސްޓަމް މެދުވެރިކޮށް ޕްރޮސެސްކޮށްފައިވާ ދަތުރުވެރިންގެ މައުލޫމާތުތަކަށް ކަމަށެވެ.

https://sun.mv/229558

މި ހާދިސާއާ ގުޅިގެން އެމަޑެއަސްއާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން މައްސަލަ ތަޙުޤީޤުކޮށް، އޭގެ އަސަރު ކުރި މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މެލޭޝިއަން އެއާލައިނުން ބުނެއެވެ. އަދި މެލޭޝިއަން އެއާލައިންސްގެ އަމިއްލަ އައިޓީ ސިސްޓަމްތަކަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެފައި ނުވާ ކަމަށާއި، ދަތުރުވެރިންގެ މާލީ ނުވަތަ ފައިސާގެ މައުލޫމާތުތަކަށް އެކްސެސްވެފައިވާ ކަމުގެ އެއްވެސް ހެކިލިބިފައި ނުވާ ކަމަށްވެސް އެ އެއާލައިނުން ކަށަވަރުކޮށްދެއެވެ.

ނަމަވެސް، އޮޅުވާލައިގެން މައުލޫމާތު ހޯދަން ކުރާ މުއާމަލާތްތަކަށް ސަމާލުވުމަށާއި، ޚާއްޞަކޮށް އަމިއްލަ ނުވަތަ މާލީ މައުލޫމާތު ހޯދުމަށް އެދޭ ނުދަންނަ މެސެޖުތަކާއި އީމެއިލްތަކަށް ޖަވާބުުނުދީ، ކަސްޓަމަރުން ރައްކާތެރިވެ ތިބުމަށް އެއާލައިނުން ވަނީ އިލްތިމާސްކޮށްފައެވެ.

މިކަމާ ގުޅިގެން އެމަޑެއަސް އިން ބުނެފައިވަނީ، ދަތުރުތައް ބުކްކުރުމުގެ ޑިސްޕްލޭ އެންވާރަންމަންޓުން ނުރައްކާތެރި ސެކިއުރިޓީ ހީނަރުކަމެއް ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް މި ހަމަލާގައި ޖުމްލަ ކިތައް ކަސްޓަމަރުންގެ މައުލޫމާތަށް އަސަރުކުރިކަން އެ ކުންފުނިން ސާފުކޮށްދީފައެއް ނުވެއެވެ.

މި ހަމަލާއާ ގުޅިގެން ކެތޭ ޕެސިފިކް އެއާވޭސްއިން ހާމަކޮށްފައިވާ ގޮތުގައި އެ އެއާލައިންގެ 53,000 ބުކިންއެއްގެ މައުލޫމާތު ލީކުވެފައިވެއެވެ. އަދި ޖަޕާން އެއާލައިންސް (ޖޭއޭއެލް) އިން ބުނެފައިވަނީ އެ ކުންފުނީގެ 92,000 ކަސްޓަމަރުންގެ މައުލޫމާތަށް މި ހަމަލާގެ އަސަރުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް