ފްރާންސްގެ ސުޕަމާކެޓުތަކުގެ އައިސްއަލަމާރިތަކަށް ސައިބާ ހަމަލާއެއްދީ ގިނަ އަދަދެއްގެ ކާބޯތަކެތި ހަލާކުކޮށްލައިފިއެވެ.
ފްރާންސްގެ ބޮޑެތި ސުޕަމާކެޓު ޗެއިންތަކެއްގެ ކަނެކްޓެޑް ރެފްރިޖަރޭޝަން ސިސްޓަމްތަކަށް ހެކަރުން ދިން މި ސައިބާ ހަމަލާތަކުގައި އައިސްއަލަމާރިތަކުގެ ފިނިހޫނުމިން 50 ޑިގްރީ ސެލްސިއަސް އަށް މަތިކޮށްފައިވާއިރު، ރޭގަނޑުގެ ވަގުތެއްގައި ދިން މި ހަމަލާގެ ސަބަބުން ކާބޯތަކެތި ހަލާކުވެ، ބައެއް ފިހާރަތަކުގައި އަލިފާނުގެ ހާދިސާތައްވެސް ވަނީ ހިނގާފައެވެ.
ޕެރިސްގެ ޕްރޮސެކިއުޓަރުގެ އޮފީހުން ބުނި ގޮތުގައި މިއީ ފްރާންސްގެ ކާބޯތަކެތި ވިއްކާ ބޮޑެތި ވިޔަފާރިތަކަށް އަމާޒުކޮށްގެން ދީފައިވާ ފުޅާދާއިރާއެއްގެ ހަމަލާއެކެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފްރާންސްގެ ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫ ވަނީ އެ ގައުމުގެ ނޭޝަނަލް ސައިބަސެކިއުރިޓީ އެޖެންސީ (އޭއެންއެސްއެސްއައި) އަށް އަންގަވާފައެވެ. އަދި ވިލާތުގެ އެހެން ގައުމުތަކަށްވެސް މިކަމުގެ އަސަރުކޮށްފާނެތީ އެ ގައުމުތަކާއެކު ފްރާންސުން ދަނީ މަސައްކަތް ކުރަމުންނެވެ.
މިހަމަލާގެ ސަބަބުން ބައެއް ފިހާރަތަކުގައި އަލިފާނުގެ ހާދިސާތައް ވެސް ވަނީ ހިނގާފައި ---މި ހަމަލާގައި ފްރާންސްގެ އިންޓަމާޝޭގެ 150 އަށްވުރެ ގިނަ ފިހާރައިގެ އައިސްއަލަމާރިތަކުގެ ފިނިހޫނުމިން ހަ ގަޑިއިރަށް މަތިކޮށްފައިވާ އިރު، ކާރްފޫރްގެ 80 ފިހާރައަކަށާއި މޮނޯޕްރިކްސްގެ ފިހާރަތަކުގެ ފަސް އިންސައްތައަށް ވަނީ އަސަރުކޮށްފައެވެ. މީގެ އިތުރުން ސުޕެއިން، ޕޯޗުގަލް، ޕޯލަންޑް، ޖަރުމަނު އަދި ބެލްޖިއަމްގެ ބައެއް ވިޔަފާރިތަކަށްވެސް މިކަމުގެ އަސަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޓަމާޝޭގެ ސީއީއޯ ތިއެރީ ކޮޓިލާާޑް ވިދާޅުވި ގޮތުގައި މިއީ ކުރިން ފާހަގަކުރެވިފައި ނުވާފަދަ ނުރައްކާތެރި ހަމަލާއެއް ކަމަށާއި، މިކަމުގެ ސަބަބުން އެކަނިވެސް އެއް ދުވަސް ތެރޭގައި އެތައް މިލިއަން ޔޫރޯއެއްގެ ގެއްލުން ވެފައިވާ ކަމަށެވެ. އަދި އާންމުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި އަސަރުކުރި ގިނަ ކާބޯތަކެތި ވަނީ އުކާލާފައެވެ.
މި ހަމަލާ ދީފައިވަނީ އިންޓަނެޓް މެދުވެރިކޮށް އައިސްއަލަމާރިތައް ކޮންޓްރޯލް ކުރާ ސިސްޓަމްތަކުގައި ހުރި ނާޒުކުކަމެއްގެ ބޭނުންހިފައިގެންނެވެ. ތަހުގީގުތަކުން ދައްކާ ގޮތުގައި، ޑެންމާކުގެ ޑެންފޮސް ކުންފުނިން އުފައްދާފައިވާ ރެފްރިޖަރޭޝަން މެނޭޖްމަންޓް ސިސްޓަމްތަކުގެ މުއްދަތު ހަމަވެފައިވާ ސޮފްޓްވެއާ ބޭނުންކުރަމުންދިޔަ ސިސްޓަމްތަކަށް ހެކަރުން ވަނީ ވަދެފައެވެ.
ޑެންފޮސް ކުންފުނިން ބުނީ އެ ނުރައްކަލުން ރައްކާތެރިވުމަށްޓަކައި ސިސްޓަމްތަކުގެ ސޮފްޓްވެއާ އަދާހަމަކުރުމަށް މީގެ ކުރިންވެސް ކަސްޓަމަރުންނަށް އިރުޝާދު ދީފައިވާނެ ކަމަށެވެ. މީގެ އިތުރުން ނެދަލޭންޑްސްގެ އެންމެ ބޮޑު ސުޕަމާކެޓު ޗެއިން އޮޕަރޭޓަރު އަހޯލްޑް ޑެލްހައިޒޭއަށްވެސް ސައިބާ ހަމަލާއެއް އަމާޒުވެ އޮންލައިން ހިދުމަތްތައް މެދުކެނޑިފައިވާއިރު، އެމެރިކާގެ ބައެއް އަސްކަރީ ފިހާރަތަކަށްވެސް ނިމިދިޔަ އޮގަސްޓް މަހު މިފަދަ ހަމަލާއެއް ވަނީ ދީފައެވެ.