ފޯނެއް ޚިޔާރުކުރުމުގައި ޔޫރަޕް މީހުން ބޮޑަށް ބަލަނީ ބެޓެރި ލައިފަށާއި ޕްރައިވެސީއަށް: ރިޕޯޓް

ކަސްޓަމަރުންގެ ބޭނުންތަކަށް ބިނާކޮށް ސެމްސަންގުންދަނީ ފޯނުގެ ޑިޒައިނަށާއި، ފީޗާތަކަށް ބަދަލުތައް ގެންނަމުން ---

ޔޫރަޕުގެ ގައުމުތަކުގައި ދިރިއުޅޭ މީހުން އާ ސްމާޓްފޯނެއް އިޚްތިޔާރުކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ފޯނުގެ ބެޓެރީގެ އުމުރަށާއި އަމިއްލަ މައުލޫމާތުގެ ރައްކާތެރިކަން ނުވަތަ ޕްރައިވެސީއަށްކަން ސެމްސަންގުން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކައިފިއެވެ.

ޔޫރަޕުގެ ފްރާންސް، ޖަރުމަނު، އިޓަލީ، ސްޕެއިން އަދި އިނގިރޭސިވިލާތް ހިމެނޭހެން 5،001 މީހުން ބައިވެރިކޮށްގެން ހެދި މި ދިރާސާއިން އެނގުނު ގޮތުގައި، ސްމާޓްފޯނުތައް ޚިޔާރުކުރުމުގައި އާންމުންގެ އަމިއްލަ ޝައުގުވެރިކަމާއި ބޭނުންތައް ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ.

މި ދިރާސާގެ ނަތީޖާއަށް ބަލާއިރު، ސާވޭގައި ބައިވެރިވި މީހުންގެ 66 އިންސައްތަ މީހުން މިހާރު ގެންގުޅޭ ފޯނު ގަނެފައިވަނީ އުފެއްދުންތެރި މަސައްކަތްތަކުން ފެށިގެން މުނިފޫހިފިލުވުމުގެ ކަންކަމާ ހަމައަށް އެމީހުން ޙާޞިލުކުރަން ބޭނުންވާ މަގުސަދަކަށް ބަލައިގެންނެވެ. އަދި އާ ޓެކްނޮލޮޖީ އިޚްތިޔާރުކުރުމުގައި 46 އިންސައްތަ މީހުން އެމީހުންގެ މުސްތަގުބަލުގެ އުންމީދުތަކަށް ވިސްނާއިރު، 24 އިންސައްތަ މީހުން ބުނެފައިވަނީ އެމީހުންގެ ނިންމުންތަކަށް އެމީހުން އުޅެން ބޭނުންވާ ދިރިއުޅުމުގެ އަސަރު ވަރަށް ބޮޑަށް ފޯރާ ކަމަށެވެ. މީގެއިތުރުން، 28 އިންސައްތަ މީހުން އިސްކަންދެނީ ފޯނުގެ ފަރުމާއާއި ރީތިކަމަށް ކަމަށާއި، އެމީހުން ފޯނު ގަންނަނީ އަމިއްލަ ސްޓައިލް ދެއްކުމުގެ ބޭނުމުގައި ކަމަށްވެސް ދިރާސާގައި ބުނެފައިވެއެވެ.

https://sun.mv/228287

އެކި ކަންކަމަށް އަމާޒުކޮށް ފޯނު ގަތްކަމުގައި ވީނަމަވެސް، ކޮންމެ ދުވަހަކު ފޯނު ބޭނުންކުރުމުގައި ދިމާވާ ދަތިތަކަކީ ފޯނު ބަދަލުކުރުމަށް މީހުންނަށް ބާރުއަޅާ މުހިންމު ސަބަބެކެވެ. އެގޮތުން، ފޯނުގެ ބެޓެރީ އަވަހަށް ހުސްވެ ގިނައިން ޗާޖުކުރަންޖެހުމަކީ 36 އިންސައްތައަށްވުރެ ގިނަ މީހުންގެ އެންމެ ބޮޑު ޝަކުވާއެވެ. މީގެއިތުރުން، އެއްފަހަރާ ގިނަ އެޕްލިކޭޝަންތައް ހުޅުވައިގެން ބޭނުންނުކުރެވުމުގެ ކަންބޮޑުވުން 18 އިންސައްތަ މީހުން ފާޅުކޮށްފައިވާއިރު، 14 އިންސައްތަ މީހުން ބޭނުންވަނީ ބޮޑެތި ސްކްރީންތަކެވެ. އަދި ފޯނުން ފެށި މަސައްކަތް ނިންމާލުމަށްޓަކައި ބޮޑެތި ސްކްރީން ހުންނަ އެހެން ވަސީލަތްތަކަށް 13 އިންސައްތަ މީހުން ބަދަލުވާކަންވެސް އެނގިފައިވެއެވެ.

ޕްރައިވެސީ ނުވަތަ އަމިއްލަ މައުލޫމާތުގެ ރައްކާތެރިކަމަކީވެސް ޔޫރަޕުގައި ބޮޑު ކަންބޮޑުވުމެކެވެ. ދިރާސާގައި ބައިވެރިވި މީހުންގެ 27 އިންސައްތައަށްވުރެ ގިނަ މީހުން ބުނެފައިވަނީ، އެހެން މީހުންނަށް ފޯނުގެ ސްކްރީން ފެނިދާނެތީ ބިރުން، އާންމު ތަންތަނުގައި މޮބައިލް ބޭންކިން އެޕްލިކޭޝަންތައް ފަދަ ޒާތީ މައުލޫމާތު ހިމެނޭ އެޕްތައް ބޭނުންކުރުން ހުއްޓާލާފައިވާ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި އާ ފޯނެއް ޚިޔާރުކުރާއިރު މީހުން ބަލާނެ ކަންތައްތަކަށް ބަލާއިރު، 22 އިންސައްތަ މީހުންގެ އެންމެ ބޮޑު އިސްކަމަކީ ފޯނުގެ ސްޕީޑާއި ފެންވަރެވެ. އަދި 20 އިންސައްތަ މީހުން ސްކްރީން ބޮޑުނުކޮށް އިތުރު ކަންކަން ކުރެވޭނެ ގޮތްތައް ބޭނުންވާއިރު، 15 އިންސައްތަ މީހުން ބޭނުންވަނީ ލުއި، ތުނި އަދި ގެންގުޅެން ފަސޭހަ ފޯނުތަކެވެ. އަދި ގަވާއިދުން ކުރާ ކަމަކަށް ޚާއްސަ ފީޗާއެއް ހިމެނޭނަމަ އެހެން ބާވަތެއްގެ ފޯނަކަށް ބަދަލުވާން 23 އިންސައްތަ މީހުން ތައްޔާރަށް ތިބިއިރު، ލުއި އަދި ތުނި ފޯނަކަށް ބަދަލުވާންވެސް 23 އިންސައްތަ މީހުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. މީގެއިތުރުން 18 އިންސައްތަ މީހުންނަށް އިތުރު ރައްކާތެރިކަން ލިބުމަކީ ފޯނު ބަދަލުކުރަން ލިބޭ ހިތްވަރެކެވެ.

ޒުވާނުންގެ ޝައުގުވެރިކަމަށް ބަލާއިރު، އުމުރުން 18 އާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ 21 އިންސައްތަ މީހުން ބޭނުންވަނީ އާންމު ފޯނެއްގެ ގޮތުގައި ގެންގުޅެފައި ޓެބްލެޓަކަށް ބަދަލުކޮށްލެވޭ ފޯލްޑަބަލް ފޯނުތަކެވެ. މި ދިރާސާގެ ނަތީޖާއަށް ރިއާޔަތްކޮށް، ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށީގެންވާ ފޯނުތައް ސެމްސަންގުން ވަނީ އިރުޝާދު ދީފައެވެ.

އެގޮތުން ޕްރައިވެސީއަށް އިސްކަންދޭ ފަރާތްތަކަށް "ޕްރައިވެސީ ޑިސްޕްލޭ" ފީޗާ ހިމެނޭ ގެލެކްސީ އެސް26 އަލްޓްރާ، އަމިއްލަ ސްޓައިލް ދެއްކުމަށް ގެލެކްސީ ޒެޑް ފްލިޕް 8، ފުރިހަމަ ތަޖުރިބާއަކަށް ގެލެކްސީ ޒެޑް ފޯލްޑް 8 އަދި އެއްފަހަރާ ގިނަ މަސައްކަތްތައް ކުރަން ބޭނުންވާ ފަރާތްތަކަށް ގެލެކްސީ ޒެޑް ފޯލްޑް 8 އަލްޓްރާ ބޭނުންކުރުމަށް ސެމްސަންގުން އިރުޝާދުދެއެވެ.

comment ކޮމެންޓް