ހަނދުގެ ވެލިން އޮކްސިޖަން އުފެއްދޭނެ އާ ޓެކްނޮލޮޖީއެއް ސައިންސްވެރިން ހޯދައިފި

ޖައްވީ ދަތުރުތައް ކުރުމުގައި އޮކްސިޖަނަކީ އެންމެ މުހިންމު އެއް ވަސީލަތް ---

ކޮމްޕިއުޓަރު ޗިޕް އުފެއްދުމުގައި ބޭނުންކުރާ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން، ހަނދުގެ ވެލިން އޮކްސިޖަން އުފެއްދިދާނެ ކަމަށް ސައިންސްވެރިންގެ އާ ދިރާސާއަކުން ދައްކައިފިއެވެ.

ޑަބްލިން ސިޓީ ޔުނިވާސިޓީއާއި ޔޫރަޕިއަން ސްޕޭސް އޭޖެންސީ (އީއެސްއޭ) ގެ ދިރާސާވެރިން ގުޅިގެން ކުރި މި ދިރާސާގައި ބޭނުންކޮށްފައިވަނީ ސެމީކޮންޑަކްޓަރު އުފެއްދުމުގައި އާންމުކޮށް ބޭނުންކުރާ "ޕްލާޒްމާ-ޕްރޮސެސިން" ޓެކްނޮލޮޖީއެވެ. މި ޓެކްނޮލޮޖީގެ އެހީގައި ހަނދުގެ ވެއްޔާ އެއްގޮތަށް ތައްޔާރުކޮށްފައިވާ މަސްނޫއީ ވެލިން އޮކްސިޖަން އަދި އޮކްސިޖަން އެކުލެވޭ ގޭސްތައް ވަނީ އުފައްދާފައެވެ.

މުސްތަގުބަލުގައި ޖައްވީ ދަތުރުތައް ކުރުމުގައި އޮކްސިޖަނަކީ އެންމެ މުހިންމު އެއް ވަސީލަތެވެ. އެސްޓްރޮނޯޓުން ނޭވާލުމުގެ އިތުރުން ރޮކެޓް ތެލުގެ މައިގަނޑު ބައެއްގެ ގޮތުގައިވެސް އޮކްސިޖަން ބޭނުންކުރާއިރު، ދުނިޔެއިން ގިނަ އަދަދެއްގެ އޮކްސިޖަން ހަނދަށް ގެންދިއުމަކީ އިންތިހާއަށް ޚަރަދު ބޮޑު ކަމެކެވެ.

https://sun.mv/222344

ހަނދުގެ ބިމުގެ ފަށަލައިގައި ގިނަ އަދަދަކަށް އޮކްސިޖަން އެކުލެވިގެންވީ ނަމަވެސް، އެ ހުންނަނީ ހަނދުގެ މައުދަންތަކާ ވަރުގަދައަށް ގުޅިފައެވެ. މީގެ ކުރިން ހަނދުގެ ވެލިން އޮކްސިޖަން ވަކިކުރުމަށް ހޯދާފައިވާ ގިނަ ގޮތްތަކަކީ އިންތިހާއަށް ގިނަ ހަކަތައާއި މަތީ ހޫނުމިން ބޭނުންވާ ގޮތްތަކެއް ނަމަވެސް، ޕްލާޒްމާ ޕްރޮސެސިން އަކީ މާ ދަށް ފިނިހޫނުމިނެއްގައި ކުރެވޭ، އަދި އެއްވެސް ދިޔާ ކެމިކަލެއް ބޭނުންކުރަން ނުޖެހޭ ހިކި މަރުހަލާއެކެވެ.

މި ދިރާސާގައި ސައިންސްވެރިން ވަނީ ސެމީކޮންޑަކްޓަރު އިންޑަސްޓްރީގައި ބޭނުންކުރާ ފްލޮރިން ގޭހުން އުފައްދާ ޕްލާޒްމާ، ހަނދުގެ މަސްނޫއީ ވެއްޔަށް ފޮނުވައިގެން ތަހުލީލުކޮށްފައެވެ. މި ތަހުލީލުގެ ނަތީޖާއިން ދެއްކި ގޮތުގައި ޕްލާޒްމާގެ ސަބަބުން ވެލީގައި ހުރި އޮކްސިޖަން އެކުލެވޭ މައުދަންތަކަށް ކެމިކަލް ބަދަލުތައް އައިސް، އޮކްސިޖަން ބޭރުވާން ފެށިއެވެ.

ސައިންސްވެރިން ފާހަގަކުރާ ގޮތުގައި ސެމީކޮންޑަކްޓަރު ސިނާއަތުގައި މި ޓެކްނޮލޮޖީ ބޭނުންކުރާތާ އެތައް އަހަރެއް ވެފައިވާތީ، މިއީ މުޅިން އާ ނިޒާމެއް އުފެއްދުމުގެ ބަދަލުގައި މިހާރުވެސް ތަޖުރިބާކުރެވިފައިވާ އިލްމެއްގެ ބޭނުން ހިފުމަށް ލިބޭ ބޮޑު ފުރުސަތެކެވެ. އަދި އޮކްސިޖަންގެ އިތުރުން ހަނދުގެ ވެލީގައި ހިމެނޭ ސިލިކަން، އެލްމިނިއަމް އަދި ދަގަނޑު ފަދަ މުހިންމު މައުދަންތައް ހޯދުމަށްވެސް މި ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ ކަމަށް ބެލެވެއެވެ.

"ސައިންޓިފިކް ރިޕޯޓްސް" ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާއަކީ އުންމީދީ ފެށުމެއް ނަމަވެސް، ހަނދުގައި އަމަލީ ގޮތުން މި ނިޒާމު ބޭނުންކުރަން ފެށުމުގެ ކުރިން، އުފެއްދޭ އޮކްސިޖަންގެ މިންވަރު އިތުރުކުރުމަށާއި މިކަމުގެ ކެމިސްޓްރީ އިތުރަށް ދެނެގަތުމަށް ގިނަ ދިރާސާތަކެއް ކުރަންޖެހޭ ކަމަށް ދިރާސާވެރިން ބުނެއެވެ.

comment ކޮމެންޓް