އިންސާނުންގެ އެތެރެ ކަންފަތުން އަޑު ދެނެގަންނަ ގޮތާމެދު ޒަމާނުއްސުރެ ސައިންސްވެރިން ގަބޫލުކުރަމުން އައި ނަޒަރިއްޔާއަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވާފަދަ އައު ހޯދުމެއް އޮރެގަން ހެލްތު އެންޑް ސައިންސް ޔުނިވަރސިޓީ (އޯއެޗްއެސްޔޫ) ގެ ސައިންސްވެރިން ހޯދައިފިއެވެ.
ސައިންސް އެޑްވާންސަސް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން ދައްކާގޮތުގައި، ދަށް ފްރީކުއެންސީގެ އަޑުތަކުގެ ސަބަބުން އެތެރެ ކަންފަތުގެ (ކޮކްލިއާގެ) ދުރުދުރުގައިވާ ސަރަހައްދުތަކުގައި ގާތްގަނޑަކަށް އެއްވަގުތެއްގައި ވައިބްރޭޝަން ނުވަތަ ގުޑުން އުފައްދައެވެ. މީގެ ކުރިން 1960 ގެ އަހަރުތަކުން ފެށިގެން ސައިންސްވެރިން ގަބޫލުކުރަމުން އައީ، ޕިޔާނޯއެއްގެ ކީތަކުން ވަކި ނޯޓުތައް ފާހަގަވާ ފަދައިން، އެކި ފްރީކުއެންސީގެ އަޑުތައް ދެނެގަންނަނީ ކޮކްލިއާގެ ވަކިވަކި ސަރަހައްދުތަކުން ކަމަށެވެ.
މި ދިރާސާ ކުރުމަށް ސައިންސްވެރިން ބޭނުންކޮށްފައިވަނީ ލޮލުގެ ބަލިތައް ދެނެގަތުމަށް އާންމުކޮށް ބޭނުންކުރާ "އޮޕްޓިކަލް ކޮހެރެންސް ޓޮމޮގްރަފީ" (އޯސީޓީ) ޓެކްނޮލޮޖީއާއި، އަޑުގެ ސިގްނަލްތައް ސާފުކުރާ ޒަމާނީ ޓެކްނިކްތަކެވެ. ގިނީ ޕިގް ބޭނުންކޮށްގެން ކުރި މި ތަޖުރިބާއިން ހާމަވިގޮތުގައި، ދަށް ފްރީކުއެންސީގެ އަޑުތަކުން ކޮކްލިއާގެ ދުރު ހިސާބުތަކުގައި އެއްގޮތް އަދި އެއްހަމައެއްގައި ގުޑުން އުފައްދައެވެ.
ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޑރ. ޖޯޖް ބަރވުޑް ވިދާޅުވި ގޮތުގައި، ދަށް ފްރީކުއެންސީގެ އަޑުތައް ދެނެގަންނަ ގޮތް ފަހުމްވުމަކީ ޚާއްޞަކޮށް އިންސާނުންގެ ވާހަކަދެއްކުމުގެ އަޑުތައް ދެނެގަތުމަށް ނުހަނު މުހިންމު ކަމެކެވެ. އަދި އަޑުގަދަ މާހައުލުތަކުގައި ވާހަކަ ދައްކާ އަޑު ސާފުކޮށް އިވުމަށް އަޑުއިވުމުގެ މައްސަލަ ހުންނަ މީހުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މި ހޯދުމުގެ ސަބަބުން ބޮޑު އެހީއަކަށް ވާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިންސާނާގެ އެތެރެ ކަންފަތުގެ އޮނިގަނޑު ދައްކުވައިދޭ ނަމޫނާއަކާއި، އަޑުއިވުމަށް އެހީތެރިވެދޭ ކޮކްލިއާ އިމްޕްލާންޓް އާލާތްތަކެއް ---މި އައު ހޯދުމުގެ ސަބަބުން، އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންނަށް ލައްވާ "ކޮކްލިއާ އިމްޕްލާންޓް" ފަދަ އާލާތްތައް އިތުރަށް ތަރައްގީކުރުމަށް އައު ދޮރެއް ވަނީ ހުޅުވިފައެވެ. މިހާރު ބޭނުންކުރާ ކޮކްލިއާ އިމްޕްލާންޓްތައް ފަރުމާކޮށްފައިވަނީ ކޮކްލިއާގެ ވަކިވަކި ސަރަހައްދުތަކަށް އިލެކްޓްރޯޑް މެދުވެރިކޮށް ސިގްނަލް ފޮނުވާ ގޮތަށެވެ. ނަމަވެސް، ކަންފަތުގެ ގުދުރަތީ ވައިބްރޭޝަން ހުންނަ ގޮތާ އެއްގޮތަށް މި އާލާތްތައް ބަދަލުކުރެވިއްޖެނަމަ، އަޑު އިވުމުގެ ފެންވަރު މާބޮޑަށް ރަނގަޅުކުރެވޭނެ ކަމަށް ސައިންސްވެރިން ލަފާކުރެއެވެ.
މީގެ އިތުރުން، ކޮކްލިއާގެ އެކި ހިސާބުތަކުން އެއްފަހަރާ ގުޑުން އުފެދޭއިރު، ސިކުނޑިން އެ އަޑުތައް ވަކިކޮށް ދެނެގަންނަނީ ކިހިނެއްކަމާމެދު މި ދިރާސާއިން އައު ސުވާލުތަކެއް އުފެދިފައިވާ ކަމަށް އޮރެގަން ހިއަރިންގ ރިސާޗް ސެންޓަރުގެ ޑިރެކްޓަރ ޑރ. ލެރީ ޓްރަސެލް ވިދާޅުވިއެވެ. އަދި ކޮކްލިއާގެ ވަކި ތަނަކަށް ބަރޯސާވުމެއް ނެތި، އަޑުގެ ފްރީކުއެންސީތައް ވަކިކޮށް ދެނެގަތުމުގެ ޚާއްޞަ ނިޒާމެއް ސިކުނޑީގައި ހުންނަކަން މި ހޯދުމުން ހާމަވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.