ހިރުގަނޑުގެ ބަލިތަކަށް ފަރުވާދިނުމަށް ޓަކައި ދެ މާއްދާއެއް އެއްފަހަރާ ހަށިގަނޑަށް ފޯރުކޮށްދޭ ޚާއްސަ ޑީއެންއޭ ޓެކްނޮލޮޖީއެއް ސައިންސްވެރިން އީޖާދުކޮށްފިއެވެ.
ޗައިނާގެ ސިޗުއާން ޔުނިވަރސިޓީގެ ދިރާސާ ޓީމަކުން އުފެއްދި މި އާ ފަރުވާއަކީ ބޮޑެތި މީހުންގެ ދަތްތައް ވެރުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބު ކަމަށްވާ 'ޕީރިއޮޑޮންޓައިޓިސް' ނުވަތަ ހިރުގަނޑުގެ ބަލިތަކަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ފަރުވާއެކެވެ.
ހިރުގަނޑުގެ ބަލިތައް އުފެދެނީ ދަތްތަކުގެ ބުޑުގައި ބެކްޓީރިއާ ޖަމާވުމުގެ ސަބަބުންނެވެ. މީގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމުން ދޭ ރައްދުގެ ތެރޭގައި ދަތްތައް ހިފަހައްޓައިދޭ މަސްގަނޑާއި ކަށިތައް ހަލާކުވަމުން ދެއެވެ. މިހާރު މި ބައްޔަށް ދެވޭ ފަރުވާތަކުން ބެކްޓީރިއާ މަދުކުރެވުނު ނަމަވެސް، ހަލާކުވެފައިވާ ޓިޝޫތައް އަލުން އިއާދަކުރުމާއި ބަލި އިތުރަށް ފެތުރުން ހުއްޓުވުމުގައި އެދެވޭ ނަތީޖާއެއް ނުނެރެވެއެވެ.
ގޭރު ޒަންގް، ޔުންފެންގް ލިން އަދި ޝިއާއޮޝިއާއޮ ކައި އިސްވެ ތިއްބަވައިގެން ކުރެއްވި މި ދިރާސާގައި ބޭނުންކޮށްފައިވަނީ ކަރކިއުމިން އާއި އެންޓިމައިކްރޯބިއަލް ޕެޕްޓައިޑެއް ކަމަށްވާ ޑިފެންސިންއެވެ. މި ދެ މާއްދާ ހިރުގަނޑުގެ ޓިޝޫތަކަށް ސީދާ ފޯރުކޮށްދިނުމަށްޓަކައި ސައިންސްވެރިން ބޭނުންކުރީ ހަތަރު ފަރާތް ހުންނަ ކުދިކުދި ޑީ.އެން.އޭ އޮނިގަނޑުތަކެކެވެ. މި ދެ މާއްދާ އެއްކޮށްލައިގެން އުފެއްދި މި ފަރުވާއަށް ދީފައިވާ ނަމަކީ 'ކަރ-ޑީ-ޓީ.އެފް.އެން.އޭ'އެވެ.

ދިރާސާވެރިން ވިދާޅުވި ގޮތުގައި މި ޑީއެންއޭ އުޅަނދުގެ ސަބަބުން ކަރކިއުމިން ހަށިގަނޑުގެ ސެލްތަކަށް ނަގައިގަތުމުގެ ބާރު އިތުރުވެ، ޑިފެންސިން ހަލާކުވުމުން ރައްކާތެރިކޮށްދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން މި ދެ މާއްދާގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ބަލިޖެހިފައިވާ ހިސާބަށް ފޯރައެވެ.
ލެބޯޓްރީގައި ކުރި ތަހުލީލުތަކުން ދެއްކި ގޮތުގައި ވަކިވަކިން މި މާއްދާތައް ބޭނުންކުރުމަށްވުރެ، މި އާ ފަރުވާގެ ނަތީޖާ މާ ބޮޑަށްވެސް ރަނގަޅެވެ. މި ފަރުވާގެ ސަބަބުން ހިރުގަނޑުގެ ބަލި ޖައްސާ ބެކްޓީރިއާތައް ނައްތާލައި، ދުޅަވުން ކުޑަކޮށްދިނުމުގެ އިތުރުން އާ ކަށި އުފެދުމަށް އެހީތެރިވެދޭ ޕްރޮޓީންތައް އިތުރުކޮށްދެއެވެ.
މީދާ ބޭނުންކޮށްގެން ކުރި ތަޖުރިބާތަކުގައި މި ފަރުވާ ދިނުމުން ދަތްތަކުގެ ވަށައިގެންވާ ކަށިގަނޑު ގިރިގެން ދިއުން ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އަދި ކަށި ހަލާކުކުރާ ސެލްތަކުގެ މަސައްކަތް މަޑުޖެހި، އާ ކަށި އުފެދުމަށް މަގުފަހިވެފައިވާކަން ސައިންސްވެރިން ވަނީ ފާހަގަކޮށްފައެވެ.
އިންޓަނޭޝަނަލް ޖާނަލް އޮފް އޯރަލް ސައިންސްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައިވަނީ ހަށިގަނޑަށް ގެއްލުމެއް ނުލިބި ނެތިގެންދާ މި ޑީ.އެން.އޭ އުޅަނދަކީ ޖަނަވާރުންގެ ގައިގައި ކުރި ތަހުލީލުތަކުގައި ވަރަށް ރަނގަޅަށް މަސައްކަތްކުރި އެއްޗެއް ކަމަށެވެ. ނަމަވެސް އިންސާނުންނަށް މި ފަރުވާ ބޭނުންކުރުމުގެ ރައްކާތެރިކަމާއި، ދަތްތައް ހިފަހައްޓައިދޭ ޓިޝޫތައް އަލުން އާލާކުރުމަށް މި ފަރުވާއިން ކުރާ އަސަރު ދެނެގަތުމަށްޓަކައި އިންސާނުންގެ ގައިގައި އިތުރު ތަހުލީލުތަކެއް ކުރަންޖެހޭ ކަމަށް ދިރާސާވެރިން ވިދާޅުވެއެވެ.