ކިޔެވުން ފެށޭ ގަޑިއާއި ނިމޭ ގަޑީގައި ސްކޫލުތައް ކައިރީ ބަރު އުޅަނދު ދުއްވުން މަނާކޮށްފި

ދަރިވަރުންތަކެއް ސްކޫލް ޔުނިފޯމުގައި: ސްކޫލުތައް ފެށޭ ގަޑިއާއި ނިމޭ ގަޑިތަކުގައި އެ ސަރަހައްދުގައި ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފަ -- ސަން ފޮޓޯ/ މުހައްމަދު ހަމްޒާ

ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި، ސްކޫލުތައް ފެށޭ ގަޑިއާއި ނިމޭ ވަގުތުތަކުގައި މާލެ ސަރަޙައްދުގައި މުދާ އުފުލާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުން މަނާކޮށްފިއެވެ.

ވިޔަފާރިއާ ބެހޭ ވުޒާރާއިން މިއަދު ނެރުނު އިޢުލާނެއްގައި ބުނީ، މާލެ ސަރަޙައްދުގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ މީހުންނަށާއި އުޅަނދުފަހަރު ދުއްވާ މީހުންނަށް ފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ސްކޫލް އޮންނަ ދުވަސްތަކުގައި، ސްކޫލްތައް އާންމުކޮށް ފެށޭ ގަޑިއާއި ނިމޭ ގަޑިތަކުގައި ސްކޫލްތައް ހުންނަ ސަރަޙައްދުތަކުގައި ބަރު އުޅަނދުތައް ދުއްވުމާއި އެފަދަ އުޅަނދުތަކުގައި މުދާ އުފުލުމަކީ މަނާކަމެއް ކަމަށް އެ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ.

އެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި އެފަދަ އުޅަނދުތައް ދުއްވުން މަނާ ގަޑިތަކަކީ ހެނދުނު 06:00 އިން ހެނދުނު 08:30 އަށް އަދި ހެނދުނު 11:30 އިން މެންދުރު 01:30 އަށް ކަމަށެވެ.

https://sun.mv/224574

އެ ވަގުތުތަކުގައި ދުއްވުން މަނާކޮށްފައިވަނީ 350 ކިލޯއަށްވުރެ މަތީގެ މުދާ އުފުލާ އުޅަނދުތަކާއި، ފޯކްލިފްޓް، ޓްރަކް، ކްރޭން އަދި ޓްރެއިލާ ފަދަ ބަރު އުޅަނދުފަހަރެވެ. އަދި މި އުޅަނދުފަހަރަށް އެ ގަޑިތަކުގައި ދަތުރުކުރެވޭނީ ހަމައެކަނި މާލޭގެ ބޮޑުތަކުރުފާނު މަގުގައެވެ.

އެ ވަގުތުތަކުގައި މާލޭގެ އެތެރޭގެ މަގުތަކާއި، ހުޅުމާލޭގެ މަގުތަކުގެ އިތުރުން ސިނަމާލެ ބްރިޖާއި ހައިވޭގައި ދުއްވުމަކީ މަނާކަމެކެވެ.

އިގްތިސާދީ ތަރައްއާގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ މިފަދަ އުޅަނދުތައް ދުއްވާ ފަރާތްތަކުން މި އެންގުމަށް ފުރިހަމައަށް އިޙްތިރާމްކޮށް، އެ ގަޑިތަކަށް ޢަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން މި އެންގުމާ ޚިލާފުވާ ފަރާތްތަކާ މެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

މިދިޔަ އަންގާރަ ދުވަހު ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު ސައީދު ވަނީ، ވަކި ގަޑިތަކެއްގައި ބަރު އުޅަނދު ނުދުއްވޭ ގޮތަށް ހަދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ބަރު އުޅަނދު ދުއްވުމުގައި ވަކި ގަޑިތަކެއް ކަނޑައަޅަން މިނިސްޓްރީން ވިޔަފާރިވެރިންނާއެކު މަޝްވަރާކުރާތާ ހަތަރު މަސް ވެއްޖެ ކަމަށާއި މަސައްކަތް ކުރަނީ ގިނަ ބަޔަކަށް ކަމުދާނެ ހައްލެއް ގެނައުމަށް ކަމަށެވެ.

މާލެ ސަރަހައްދު އުޅަނދުން ތޮއްޖެހިފައިވާއިރު، ބާރު ބޮޑުވާ ގަޑިތަކުން ބަރު އުޅަނދުތައް ދުއްވުމަކީ ނުރައްކާތެރި ކަމެއްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. އެފަދަ އުޅަނދުތަކުގައި ޖެހި، މީގެ ކުރިން ނުރައްކާތެރި އެކްސިޑެންޓުތައް ވެސް ހިނގައިފައި އެބަހުުއްޓެވެ.

comment ކޮމެންޓް