މިވަގުތު ހުސްކޮށް އޮތް ވ. ތިނަދޫ ކައުންސިލު ރައީސްގެ ގޮނޑިއަށް ވާދަކުރަން އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވައިލައިފިއެވެ.
އެ ކޮމިޝަނުން ކުރި އިއުލާނެއްގައިވަނީ، ތިނަދޫ ކައުންސިލު ރައީސްކަމަށް ކުރިމަތިލާން އެދޭ މީހުން މިއަދުން ފެށިގެން މި މަހުގެ 26ވަނަ ދުވަހުގެ މެންދުރު ދޭއް ޖެހުމާ ހަމައަށް ކުރިމަތިލުމަށް ހުޅުވައިލައިފައެވެ.
އިއުލާނުގައިވާ ގޮތުން މި މުއްދަތުގެ ތެރޭގައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 2:00 ޖެހުމާ ހަމައަށް، އަދި ހުކުރު ދުވަހު މެންދުރުފަހު 3:30އިން ފެށިގެން އިރުއޮއްސި ހައެއް ޖަހަންދެން އިލެކްޝަންސް ކޮމިޝަނުން ފޯމު ބަލައިގަންނާނެއެވެ.
އެ ބައި-އިލެކްޝަން އޮންނާނީ އަންނަ މަހުގެ 28ވަނަ ދުވަހުގެ ހެނދުނު އަށަކުން ފެށިގެން ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.
ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާޢު ޢަލީގެ ގޮނޑި ހުސްވީ މި ހިނގާ ފަސްވަނަ ކައުންސިލުގެ ދައުރު ފެށުނު ފަހުން ޕާޓީ ބަދަލުކުރިކަމަށް ބުނެ، ގޮނޑި ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައެޅުމާ ގުޅިގެންނެވެ. މިހާރު އުވައިލައިފައި އޮތް ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި އިންތިޚާބުވި ޝުޖާޢުގެ ގޮނޑި ގެއްލިއްޖެ ކަމަށް އެލްޖީއޭއިން ކަނޑައެޅީ މިދިޔަ ޖުލައި މަހުގެ ކުރީކޮޅެވެ.
މީގެ ކުރިން ވ. އަތޮޅު ކައުންސިލުގެ ވެސް ރައީސްކަން ކުރެއްވި ޝުޖާޢު 'ސަން'އަށް އޭރު ވިދާޅުވީ ދިމާވެގެން އުޅެނީ ގާނޫނުގައި ނެތް ހާލަތެއް ކަމަށާއި، އޭނާ މަގާމުން ވަކިކުރަން އެލްޖީއޭއިން ނިންމީ އިޖުރާއަތުތައް ފުރިހަމަނުކޮށް، ގާނޫނު ރަނގަޅަށް ނުބަލާ ކަމަށެވެ. ހަމަ އެހެންމެ، އިލެކްޝަންސް ކޮމިޝަނުން ބައި-އިލެކްޝަނަށް ހުޅުވާލައިފިނަމަ އަލުން ވާދަކުރައްވައި މަގާމު އަލުން ހޯއްދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.