މަގުމަތީގެ ގަވައިދުތަކާ ޚިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކަކުން ޖޫރިމަނާކުރެވޭ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން 35 އެކްސިޑެންޓް ހިނގައިފައިވާއިރު، އެ ގާނޫނުގެ ދަށުން 653 މީހަކަށް ފިޔަވަޅު އަޅައި، 183 އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީފައިވާ، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާހުތަކަށް އަމަލުކުރަން ފެށީ މި މަހުގެ އެއް ވަނަ ދުވަސް ކަމަށްވާ، މިދިޔަ ބުރާސްފަތި ދުވަހެވެ. އެ ގާނޫނުގައި ވަނީ، ޓްރެފިކް ގާނޫނާ ޚިލާފުވާ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމާއި، ކުށް ތަކުރާރު ކުރާ ނަމަ އިތުރު ފިޔަވަޅުތައް އެޅޭ ގޮތަށް އިސްލާހުތައް ހިމަނައިފައެވެ.
ފުލުހުން "ސަން"އަށް މައުލުމާތު ދިން ގޮތުގައި އެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން މިވީ ހަތް ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ އުޅަނދުތަކެއް ޓޯކުރުމާއެކު، ގިނަ ބަޔަކަށް ފިޔަވަޅުތައް އަޅާފައިވެއެވެ. އެގޮތުން މިހާތަނަށް ޖުމްލަ 183 އުޅަނދު ޓޯކޮށްފައިވާއިރު، 653 މީހަކާމެދު ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުން ބުނެއެވެ.
އެހެންނަމަވެސް، އެ ފިޔަވަޅުތައް އަޅައިފައިވަނީ ކޮން މާއްދާތަކަކާ ޚިލާފުވުމުން ކަމެއް، އަދި ޖޫރިމަނާތައް ކޮށްފައިވަނީ ކޮން އަދަދަކުން ކަމެއް މިހާތަނަށް ފުލުހުން ހާމަކޮށްފައިނުވެއެވެ.
އެ ގާނޫނު އިސްލާހު ކުރުމުގެ މައިގަނޑު އެއް ބޭނުމަކީ މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރުން ކަމަށްވާއިރު، ފުލުހުންގެ ވެބްސައިޓުގައި ހިއްސާކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މި ހަތް ދުވަހުގެ ތެރޭ އެކަނި ވެސް ރާއްޖޭގައި 35 އެކްސިޑެންޓު ހިނގައިފައިވެއެވެ.
މީގެ ކުރިން މާލޭގައި ހިނގި އެކްސިޑެންޓެއް: މި މަހުގެ ފުރަތަމަ ހަތް ދުވަހު 35 އެކްސިޑެންޓް ހިނގައިފައިވޭ -- ސަން ފޮޓޯ/ ފާތިމަތު ސައުނާ މުހައްމަދުއެ 35 އެކްސިޑެންޓުގެ ތެރޭގައި މާލެ ސަރަހައްދުގައި ހިނގައިފައިވާ ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިމެނެއެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހު ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ނިރޮޅުމަގުގައި މަޑުކޮށްގެން އޮތް ޕިކަޕެއްގެ ދޮރު ހުޅުވާލި ވަގުތު، އެ ދޮރުގައި ސައިކަލެއް ޖެހި، ސައިކަލު ދުއްވަން އިން މީހައަށް އަނިޔާވެފައިވެއެވެ. އަދި ޖެހިގެން އައި ދުވަހުގެ ރޭ، މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި، ދިވެހި ޒުވާނަކަށް އަނިޔާވެއްޖެއެވެ. އޭގެ ތެރެއިން އެއް ސައިކަލު ދުއްވަން އިނީ ލައިސެންސް ނެތް، ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއް ކަމަށް ފުލުހުން ހާމަކުރިއެވެ.
އެއަށްފަހު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރޭ ދަންވަރު ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ފަސް މީހަކަށް އަނިޔާވެފައެވެ. އެ ފަސް މީހުންނަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނައިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގައިފައިވާ ސައިކަލެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ސައިކަލަށް ތިން މީހުން އަރައި ތިބިއިރު، ދުއްވަން އިނީ ލައިސެންސް ނެތް މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ޓްރެފިކް ގާނޫނުގެ ދަށުން، ލައިސަންސް ނެތި ދުއްވައިފިނަމަ ފުރަތަމަ ފަހަރު 1,000 ރުފިޔާއިން، ދެވަނަ ފަހަރު 1,500 ރުފިޔާއިން، އަދި ތިންވަނަ ފަހަރު 2,000 ރުފިޔާއިން ޖޫރިމަނާކުރުމާ އެކު އުޅަނދުގެ ވެރިމީހާ 2,000 ރުފިޔާއިން ޖޫރިމަނާކޮށް އުޅަނދު 30 ދުވަހަށް ހިފެހެއްޓޭނެއެވެ. އަދި، ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް ދުއްވައިގެން މީހަކަށް އަނިޔާއެއް ވެއްޖެނަމަ 100,000 އާއި 500,000 ރުފިޔާއާ ދެމެދުގެ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމަށްވެސް އައު ގާނޫނުގައި ކަނޑައަޅާފައިވެއެވެ.
މަގުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުން މާލެ ސަރަހައްދުގައި އިންތިހާއަށް އިތުރުވެ، އެކްސިޑެންޓުތަކުގައި މަރުވާ މީހުންގެ އަދަދުތައް ވެސް އަންނަނީ އިތުރުވަމުންނެވެ.