ފަސް މީހުންނަށް އަނިޔާވި އެކްސިޑެންޓް: އެއް ސައިކަލު ދުއްވީ ތިން މީހުންނާއެކު ނުރައްކާތެރިކޮށް

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓް: މި ނުރައްކާތެރި އެކްސިޑެންޓްގައި ފަސް މީހަކަށް އަނިޔާވި---

ހުޅުމާލޭގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ފަސް މީހަކަށް އަނިޔާވިއިރު، އެކްސިޑެންޓްވި އެއް ސައިކަލު ދުއްވާފައިވަނީ ތިން މީހުންނާއެކުކަން "ސަން" އަށް އެނގިއްޖެއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ތިން މީހުން އަރުވައިގެން ދުއްވި ސައިކަލެއް، ދެ މީހުންނާއެކު ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެންނެވެ.

އެނގިފައިވާ ގޮތުގައި ތިން މީހުންނާއެކު ދުއްވި ސައިކަލް ރޭ ވަނީ ހުޅުމާލޭގައި ވަރަށް ނުރައްކާތެރިކޮށް ދުއްވައިފައެވެ. އެގޮތުން ވަންވޭއާ އިދިކޮޅަށް ބާރު ސްޕީޑުގައި ދުއްވާފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވެއެވެ.

https://www.sun.mv/228690

ފުލުހުން މައުލޫމާތުދޭ ގޮތުގައި، ހުޅުމާލެ ފޭސް ދޭއްގެ ނިރޮޅުމަގުގައި ހިނގި މި އެކްސިޑެންޓް ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 2:55 ހާއިރުއެވެ. މި ހާދިސާގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ތިން މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.

އަނެއް ދެ މީހުން ވެސް އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އަނިޔާވި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގައި ވަނީ ނުރައްކާތެރި އެކްސިޑެންޓުތައް ގިނަވެފައެވެ. އެހެންވެ، އެއްގަމު އުޅަނދުތައް ނުރައްކާތެރިކޮށް ދުއްވުމާއި ފަރުވާކުޑަކޮށް ދުއްވުމަކީ ކުށެއް ކަމަށް ކަނޑައަޅައި، ގާނޫނާ ޚިލާފުވާ ފަރާތްތަކާ މެދު ބޮޑެތި ފިޔަވަޅު އެޅޭ ގޮތަށް ފާސްކުރި އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނަށް އަމަލުކުރަން މި މަހު ވަނީ ފަށައިފައެވެ.

comment ކޮމެންޓް