ފުލުހުންނަށް ނުކިޔަމަންތެރިވެ ހުޅުމާލޭގައި ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ނަގައި ދެވަނަ ސައިކަލު ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ ރޭ ދަންވަރު 1:20 ހާއިރު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ދިއްގާމަގުން ބާރު ދުވެލީގައި ދުއްވައިފައި ދެ ސައިކަލެއް ދިޔަ ކަމަށާއި ދެ ސައިކަލު މަޑުކުރަން ފުލުހުން އެންގި ކަމަށެވެ. ނަމަވެސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ އިތުރަށް ބާރު ދުވެލީގައި ދުއްވައި ދެ ސައިކަލުގައި ތިބި މީހުން ފިލަން މަސައްކަތްކުރި ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން ހުޅުމާލޭގެ ނިރޮޅު މަގުގެ 10 ނަންބަރު ގޯޅިއަށް އަޅައި، އެ މަގުން ހުޅަނގަށް ގޮސް ނިރޮޅުމަގަށް އަރައި އުތުރުން ދެކުނަށް ޒިގްޒެގްކޮށް، ނުރައްކާތެރިކޮށް އޯވަޓޭކް ކުރަމުން ދަނިކޮށް، ފުލުހުންގެ ޕެޓްރޯލް ޓީމުން ވަނީ އޭގެ ތެރެއިން އެއް ސައިކަލު ނިރޮޅުމަގު 11 ނަންބަރު ގޯޅި ކައިރިން ހުއްޓުވައިފައި ކަމަށް، ފުލުހުން ބުންޏެވެ.
އެ ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުްނ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށް ފަހު ދޫކޮށްލައިފައިވާ ކަމަށާއި، ބާރު ދުވެލީގައި ނުރައްކާތެރިކޮށް ދުއްވައިފައިވާތީ އެ ސައިކަލު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ނަގައިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ދެވަނަ ސައިކަލާ ގުޅޭ ގޮތުން ސުވާލުކުރުމުން ފުލުހުން 'ސަން'އަށް ބުނީ އެ ސައިކަލު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ފުލުހުންނަށް ބޮޑެތި ބާރުތަކަކާއި ޒިންމާތަކެއް މަތިކޮށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި ބަދަލުތަކަށް މި މަހު އަމަލުކުރަން ވަނީ ފަށައިފައެވެ. އެ ގާނޫނުގައިވާ ގޮތުން ފަރުވާކުޑަކޮށް ނުވަތަ ނުރައްކާކޮށް ދުއްވައިގެން މީހަކަށް އަނިޔާއެއް ވެއްޖެނަމަ އެއްލައްކަ ރުފިޔާއާއި ބައި މިލިއަން ރުފިޔާއާ ދެމެދުގެ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަން ވެސް އާ ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.
އާންމު ގޮތެއްގައި އެއްގަމު އުޅަނދުފަހަރު ބާރަށް ދުއްވަނީ ބްރިޖުތަކާއި ހައިވޭތަކުގެ އިތުރުން ބޮޑެތި މަގުތަކުގައެވެ. އޭގެ ތެރެއިން ވެސް ހައިވޭގައި ދުއްވުމަށް ކަނޑައަޅައިފައިވާ ގަޑިއިރަކު 60 ކިލޯމީޓަރުގެ ބާރުމިނަށް ވުރެ ބާރަށް ދުއްވުމާއި ވައަތްފަރާތުން އޯވަޓޭކްކުރަން އުޅުމަކީ އާންމުކޮށް ފާހަގަވާ ކަންކަމެވެ.