މާލޭގައި ބަނގުރާ އުފައްދައި، ވިއްކައި ވިޔަފާރިކުރުމުގެ ތުހުމަތުގައި އިންޑިއާގެ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ. އެގޮތުން ދެ މީހުން މާލޭ މަގުމަތިން ހުއްޓުވައި، އެ މީހުން ދުއްވި ސައިކަލާއި މާލޭގެ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށް އެ މުއައްސަސާއިން ހާމަކުރިއެވެ.
ފުލުހުން ބުނި ގޮތުގައި އެ ބަލައިފާސްކުރުމުގެ ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 906 ފުޅިއާއި، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 16 ޓައްޕާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވެއެވެ. އެ މައްސަލައާ ގުޅިގެން، އެ މީހުން ދުއްވި ސައިކަލު ޓޯކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޕްރަވީން ސެންތިލްކުމާރް (30އ) އާއި, ކަންނަން އިރުލައްޕަން (23އ) އެވެ.
އެ މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު ދެ މީހުން ވެސް މިހާރު ވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅުއެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ރާއްޖޭގައި ބިދޭސީން މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅުމުގެ މައްސަލަތަކާއި އޭގެ ވިޔަފާރި ކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.