އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އަށް އެފްއޭއެމުން ދައްކަންޖެހޭ 253،030 ޑޮލަރު (3.9 މިލިއަން ދިވެހި ރުފިޔާ) އެއްކޮށް މައާފުކޮށްދީ، ރާއްޖޭގެ ފުޓްބޯޅައަށް އަޅާފައިވާ މާލީ ފިޔަވަޅުތައް އޭއެފްސީން އުވާލައިފިއެވެ.
މިއީ މާލީ ގޮތުންނާއި އިދާރީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ ދިވެހި ފުޓްބޯޅައަށް ލިބިގެންދިޔަ ވަރަށް ބޮޑު އުއްމީދެކެވެ.
މި ފައިސާއަކީ 2023 ވަނަ އަހަރުގެ ތެރޭގައި އޭއެފްސީގެ އެހީގެ ޕްރޮގްރާމުގެ ދަށުން އެފްއޭއެމްގެ ހިންގުމަށާއި ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ދޫކުރި ފައިސާއެކެވެ.
ނަމަވެސް، އެފްއޭއެމްގެ ކުރީގެ މެނޭޖްމަންޓުންނާއި، އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި އެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، ހިޔާނާތްތެރިވެފައިވާކަން އޭއެފްސީން ކުރިއަށްގެންދިޔަ ހާއްސަ އޮޑިޓުން ވަނީ ފާހަގަވެފައެވެ.
އޮޑިޓް ރިޕޯޓަށްފަހު، އެ ފައިސާއަކީ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ފައިސާއެއްކަން ކަށަވަރުވުމުން، އޭއެފްސީން ވަނީ އެ 253،030 ޑޮލަރު އަނބުރާ އެ ޖަމިއްޔާއަށް ދެއްކުމަށް އެފްއޭއެމަށް އަންގައިފައެވެ. އަދި އެ އަދަބުގެ ތަންފީޒެއްގެ ގޮތުން، 2024 ވަނަ އަހަރުން ފެށިގެން އޭއެފްސީ މެދުވެރިކޮށް ރާއްޖެއަށް ދެމުންއައި މާލީ އެހީތެރިކަމުގެ ޕްރޮގްރާމްތައް އެއްކޮށް ހުއްޓާލައި، މާލީ ސަސްޕެންޝަނެއް ކޮށްފައިވެއެވެ.
ފްއޭއެމުން މިއަދު ނެރުނު ރަސްމީ ނޫސް ބަޔާނުގައި ބުނެފައިވަނީ، އޭއެފްސީން އެ ދަރަނި މައާފުކޮށްދީ، މާލީ ފިޔަވަޅުތައް އުވާލަދިނީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ރަނގަޅުކޮށް، އަލުން ފުޓްބޯޅަ އާރާސްތުކުރުމަށް އެފްއޭއެމުން އޭއެފްސީގައި އެދުމުންނެވެ.
މި ނިންމުމާއެކު، އަދަބުން ސަލާމަތްވެ، ކުރިއަށް އޮތް އަހަރުން ފެށިގެން އޭއެފްސީގެ މާލީ އެހީތެރިކަމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެ، ފަންޑިންގް ހޯދުމަށް ކުރިމަތިލުމުގެ ފުރުސަތު ރާއްޖެއަށް އަލުން ވަނީ ހުޅުވިފައެވެ.
"މި ނިންމުމަކީ ދިވެހި ފުޓްބޯޅަ އަލުން، އާރާސްތުކޮށް، މާލީގޮތުން ހަމަމަގަށް އަޅުވައި، ކުރިއަށް އޮތް ތަނުގައި، އޭއެފްސީގެ އެހީތެރިކަމާއެކު، ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވައި، ތަރައްގީކުރުމަށް ލިބުނު މުހިންމު ފުރުސަތެއް" އެފްއޭއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
އޭއެފްސީގެ ފައިސާގެ އިތުރުން، ބައްސާމުގެ ރިޔާސަތުގައި ދުނިޔޭގެ ފުޓްބޯޅަ މައި ޖަމިއްޔާ (ފީފާ) އިން އެފްއޭއެމަށް ދިން އެތައް މިލިއަން ޑޮލަރަކަށް ވެސް އޭނާ ވަނީ ހިޔާނާތްތެރިވެފައެވެ. މި މައްސަލަތައް ފީފާގެ އެތިކްސް ކޮމިޓީން ބެލުމަށްފަހު، ބައްސާމް ވަނީ ފުޓްބޯޅައިގެ އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށްފައެވެ.
މީގެއިތުރުން، އެފްއޭއެމްގެ ފައިސާއިން އެޕާޓްމަންޓް ގަތުމާއި، އަމިއްލަ ކަންކަމަށް ފައިސާ ބޭނުންކުރި މައްސަލައިގައި ދިވެހިރާއްޖޭގެ ޝަރީއަތުން ވަނީ ބައްސާމުގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވެ، ޖަލު ހުކުމެއް ވެސް އިއްވައިފައެވެ. އަދި އޭނާއާ ދެކޮޅަށް މަނީ ލޯންޑަރިންގް އާއި ހިޔާނާތުގެ އިތުރު ގިނަ މައްސަލަތަކެއްގެ ޝަރީއަތްތައް ކޯޓުތަކުގައި މިހާރުވެސް ދަނީ ހިނގަމުންނެވެ.