ރާއްޖެ އެތެރެކުރަން އުޅުނު 3.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް 3.3 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ހައްޔަރުކުރި ތިން މީހުން... ފޮޓޯ/ ފުލުހުން

ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް 3.3 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މަސްތުވާތަކެތި އަތުލައިގެންފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސް އިންނެވެ.

ކަސްޓަމްސްއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި އަތުލައިގެންފައި ވަނީ މިދިޔަ އަންގާރަ ދުވަހެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބާވަތަކީ ކެނެބިސްއެވެ. އަދި އޭގެ ޖުމްލަ ބަރުދަނުގައި 3345 ގްރާމް (3.3 ކިލޯ) ހުއްޓެވެ.

މިތަކެތި ފެނިފައި ވަނީ މި މަހުގެ 22 ވީ އަންގާރަ ދުވަހު އިންޑިއާއިން ރާއްޖެ އައި އިންޑިއާގެ ދެ ފަސިންޖަރުންގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އެމީހުންގެ ލަގަޖް ބަލައިފާސްކުރުމުގެ ތެރެއިން ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މި މައްސަލައާއި ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ. ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ދެ ރައްޔިތުންނާއި ދިވެއްސެކެވެ. އެގޮތުން ހައްޔަރުކުރި އިންޑިއާގެ ދެ މީހުންނަކީ ވިވެކް އަމްބަން (24އ) އަދި ޝަހްމިލް ޕަލި ޕަރަމްބަތް (32އ) އެވެ. އަދި ހައްޔަރުކުރި ދިވެހި މީހަކީ ޏ. ފުވައްމުލައް، ހޯދަޑު، ކުމެރީގެ، ޢަބްދުﷲ އިބްރާހީމް (36އ) އެވެ.

މި މައްސަލައިގައި ހިމެނޭ އިންޑިއާގެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ކަސްޓަމްސް އިން ދިން މައުލޫމާތަކާ ގުޅިގެންކަމަށް ފުލުހުން ބުނެއެވެ. އަދި ދިވެހި ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ ސައުތު ޕޮލިސް ސީރިއަސް ކްރައިމް އިންވެސްޓިގޭޝަނާއި، ކައުންޓަ ނާކޮޓިކްސް އޮޕަރޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަބްދުﷲ އިބްރާހީމްގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.

https://sun.mv/228018

އަދި އިންޑިއާގެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ މިއަދު އެންމެ ކަންބޮޑުވާ އެއް މަސަލައަށް ވަނީ ވެފައެވެ. ދުވަހެއް ދުވަހަކަށް މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވަމުން އަންނައިރު، މިކަމުގައި ބިދޭސީން ގިނަ އަދަދަކަށް ޝާމިލްވާކަން ފާހަގަކޮށްލެވެއެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވުމަށާއި އެފަދަ ކަންކަމުގައި ބައިވެރިވާ ބޭރު މީހުންނަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން ޚާއްޞަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން އެއާޕޯޓްތަކާއި ކަނޑުގެ ސަރަހައްދުތަކުގެ ސެކިއުރިޓީ ކަސްޓަމްސް އަދި ފުލުހުން ގުޅިގެން ވަރުގަދަކޮށްފައިވާއިރު، ކުށްކުރާ ބޭރު މީހުން ހައްޔަރުކޮށް، ގާނޫނީ ފިޔަވަޅު އަޅައި ޑީޕޯޓްކުރުމާއި ޖަލު ހުކުމް ތަންފީޒުކުރުން ކުރިއަށްދެއެވެ.

މީގެއިތުރުން މަސްތުވާތަކެތީގެ ނެޓްވޯކްތައް ހުއްޓުވުމަށް ސަރަހައްދީ ގައުމުތަކުގެ އިންޓެލިޖެންސް އިދާރާތަކާ ގުޅިގެން މައުލޫމާތު ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރެވެމުންދެއެވެ.

comment ކޮމެންޓް