ރާއްޖޭގެ އެންމެ އުތުރުން ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުވާލި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ސުންގަޑި އަންނަ މަހުގެ ފަސްވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.
މި މަޝްރޫއަށް އީއޯއައި ހުށަހެޅުމަށް ކުރިން ހަމަޖެހިފައި އޮތީ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. ނަމަވެސް އެމްޕީއެލްއިން މިއަދު ނެރުނު އިއުލާނުގައި ވަނީ އެ މުއްދަތު އަންނަ މަހުގެ ފަސްވަނަ ދުވަހަށް ފަސްކޮށްފައެވެ.
އެ ކުންފުނިން ބުނި ގޮތުގައި، މި މަޝްރޫއާ ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
އެމްޕީއެލްއިން ބުނި ގޮތުގައި މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ އުލިގަމަކީ ފެންވަރު ރަނގަޅު މެރިޓައިމް އަދި ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމަށްޓަކައި ތަޖުރިބާކާރު މާސްޓަރު ޑިވެލޮޕަރެއް ނުވަތަ އޮޕަރޭޓަރެއް ހޯދުމެވެ.
މި މަޝްރޫއަށް ބޭނުންވާ 70،471 އަކަމީޓަރުގެ ބިން އުލިގަމު ކައުންސިލާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މިހާރު ވަނީ ހަމަޖައްސާފައެވެ. އުލިގަމުގައި ޔޮޓް މެރީނާއެއް އެޅުމަށް އެމްޕީއެލާއި އެ ރަށު ކައުންސިލާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ 1 އޮގަސްޓު 2024 ގައެވެ.
މެރީނާގެ އަސާސީ އުމްރާނީ މަސައްކަތްތައް އެމްޕީއެލްއިން ކުރިއަށްގެންދާއިރު، އޭގެ ތެރޭގައި ފަސް މީޓަރު ފުންމިނުގެ ބޭސިނަކާއި، ބޭރުތޮށި ލުމާއި، ޖެޓީ އަދި ފްލޯޓިންގ ޕޮންޓޫންގެ އިތުރުން އައިއެސްޕީއެސް މިންގަނޑަށް ފެތޭ ބައިނަލްއަގުވާމީ އެންޓްރީ ފެސިލިޓީއެއް ހިމެނެއެވެ.
މި މަޝްރޫއާ ހަވާލުވާ ފަރާތުން މެރީނާ އޮޕަރޭޓްކުރުމުގެ އިތުރުން، ހޮޓާ ނުވަތަ ބުޓީކް ރިސޯޓާއި، ރެސްޓޯރެންޓްތަކާއި، ފަޅުވެރިންނަށް ޚާއްސަ ވަސީލަތްތަކާއި، ވޯޓަސްޕޯޓްސް އަދި ވެލްނެސް ފެސިލިޓީތައް ތަރައްގީކޮށް، މި މަންޒިލް ބައިނަލްއަގުވާމީ ފެންވަރުގައި އިޝްތިހާރުކުރަން ޖެހޭނެއެވެ.
އިންޑިއާ ކަނޑުގެ މައި ޔޮޓް ރޫޓުތަކުގައި އުލިގަން އޮންނަނީ ވަރަށް މުހިންމު ސަރަހައްދެއްގައެވެ. އިރުދެކުނު އޭޝިއާއާއި، މެދުއިރުމައްޗާއި، އެފްރިކާ އަދި މެޑިޓަރޭނިއަން ގުޅުވައިދޭ މި ރޫޓުން ދަތުރުކުރާ ގިނަ އަދަދެއްގެ ޔޮޓުތައް ކޮންމެ އަހަރަކުވެސް އުލިގަމަށް މަޑުކުރެއެވެ.
ސަރުކާރުގެ އަދި އެމްޕީއެލްގެ އަމާޒަކީ މިހާރުވެސް އަންނަ ޔޮޓުތަކަށް ރަނގަޅު ނިޒާމެއްގެ ތެރެއިން ޚިދުމަތްދީ، އެކަން ރަސްމީ، ދެމެހެއްޓެނިވި މެރީނާ އިގުތިސާދަކަށް ބަދަލުކުރުމެވެ.
އެމްޕީއެލްއިން ބުނިގޮތުގައި ވަކިވަކި ކުންފުނިތަކަށާއި ޖޮއިންޓް ވެންޗާތަކަށްވެސް މި މަޝްރޫއަށް އީއޯއައި ހުށަހެޅޭނެއެވެ. ޝައުގުވެރިވާ ފަރާތްތަކުން ފާއިތުވި ތިން އަހަރުގެ އޮޑިޓް ރިޕޯޓާއި ބޭންކް ރެފަރެންސް ސިޓީއާއެކު ޕީޑީއެފް ފޯމެޓުގައި އެމްޕީއެލްގެ ޓެންޑަ އީމެއިލަށް ޕްރޮޕޯސަލް ހުށަހަޅަންޖެހޭކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.
މިއީ ވާދަވެރި ބީލަމުގެ ފުރަތަމަ މަރުހަލާ ކަމަށްވާއިރު، މި މަރުހަލާއިން ޝޯޓްލިސްޓުވާ ފަރާތްތަކަށް ތަފުސީލީ ޕްރޮޕޯސަލް ހުށަހެޅުމަށް ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ) ދޫކުރާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.