އެމްޕީއެލްގެ 6 މިލިއަން ރުފިޔާގެ ތެލަށް ޚިޔާނާތްތެރިވި ދެ މުވައްޒަފުން 8 އަހަރަށް ޖަލަށްލައި ޖޫރިމަނާކޮށްފި

އެފްއެސްއެމްގެ ބައުޒަރެއް -- ފައިލް ފޮޓޯ/ އެފްއެސްއެމް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ލިބެންޖެހޭ 783،100 ލީޓަރުގެ ޑީސަލަށް ޚިޔާނާތްތެރިވި މައްސަލައިގައި، އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓުމަންޓުގެ ޗީފް މެނޭޖަރާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ އުފުލާ ބައުޒަރުގެ ޑްރައިވަރު އަށް އަހަރަށް ޖަލަށް ލުމާއެކު، ހަ މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިއެވެ.

މި މައްސަލައިގައި ޚިޔާނާތްތެރިވުމާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ސައްހަ ނޫން ލިޔެކިއުމެއް އުފެއްދުމުގެ ދައުވާ ކުރީ އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓުމަންޓުގެ ޗީފް މެނޭޖަރު، ސ. ފޭދޫ ވާރުގެ، މުހައްމަދު އައިމަން އާއި އެފްއެސްއެމްގެ ތެޔޮ ބައުޒަރު ދުއްވާ ބަންގްލަދޭޝްގެ ޑްރައިވަރު ސޮޖިބްގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ގައެވެ.

އެ ދެ މީހުންގެ މައްޗަށް ދައުވާ ސާބިތުވުމުން ކްރިމިނަލް ކޯޓުން އިއްވީ އަށް އަހަރާއި ނުވަ މަހާއި 18 ދުވާލުގެ ޖަލު ހުކުމެކެވެ. މީގެއިތުރުން، މި މައްސަލައިގައި ޚިޔާނާތްތެރިވި ތެލުގެ އަގަށްވާ 6.7 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ.

ދައުވާގައިވާ ގޮތުން، އައިމަން ވަނީ އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓުމަންޓުގެ އިސް މެނޭޖަރުގެ ގޮތުގައި ހުރެ 2019 ވަނަ އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ނުލިބޭ ތެޔޮ ލިބިފައިވާ ކަމަށް ބަޔާންކޮށް، 2020 ވަނަ އަހަރުގެ ޖެނުއަރީ 13 އިން އޮކްޓޫބަރު 10 ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ 119 ޑެލިވަރީ ނޯޓު ބަލައިގަންނަން އިރުޝާދުދީފައެވެ.

އެ ޑެލިވަރީ ނޯޓުތައް ސިސްޓަމުން ބަލައިގަނެ ޕްރޮސެސްކޮށް، އެމްޕީއެލްއަށް ލިބިފައިނުވާ 783،100 ލީޓަރުގެ ޑީސަލް ލިބިފައިވާ ކަމަށް ދައްކައިގެން، އެ ތެލުގެ އަގަށްވާ 6.7 މިލިއަން ރުފިޔާ ވަނީ އެފްއެސްއެމްއަށް ދައްކާފައެވެ. އަދި އެފްއެސްއެމްގެ ތެޔޮ ބައުޒަރު ޑްރައިވަރުގެ ގޮތުގައި ހުރި ސޮޖިބް ވަނީ، އެމްޕީއެލްއަށް ތެޔޮ ޑެލިވަރީކުރުމުގެ މުއާމަލާތުގެ ތެރެއިން އެ މުއްދަތުގެ ތެރޭގައި 119 ޑެލިވަރީ ނޯޓު ތައްޔާރުކޮށް ސޮއިކޮށްގެން، ޑެލިވަރީކުރަންޖެހޭ ޑީސަލަށް ޚިޔާނާތްތެރިވުމުގައި ބައިވެރިވެފައެވެ.

comment ކޮމެންޓް