މާލޭ ވިޔަފާރި ބަނދަރުން ދެމުން އަންނަ ޚިދުމަތްތައް ތިލަފުށްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ވިޔަފާރި ބަނދަރުތަކާ ބެހޭ ކުންފުނި އެމްޕީއެލުން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ވަނީ ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ތިލަފުށްޓަށް ބަދަލުކުރުމަށްޓަކައި ކުރާ މަސައްކަތުގެ ފުރަތަމަ ފިޔަވަޅުގެ ދަށުން، މުދާ ހުރި ގޮތަށް ކްލިއާކުރާ ކޮންޓެއިނަރުތައް ތިލަފުށީ ކާގޯ ޓާމިނަލަށް ގެންގޮސްފައިވާ ކަމަށެވެ.
https://x.com/Portmv/status/2115049301500178861
ކައިރި މުސްތަގުބަލެއްގައި ތިލަފުށީ ޓާމިނަލުގައި ކޮންޓެއިނަރުތައް ކަނޑައި ހުސްކުރުމުގެ ޚިދުމަތް ފެށޭނެ ކަމަށް ވެސް އެމްޕީއެލްގެ ޕޯސްޓުގައިވެއެވެ.
މިދިޔަ ސެޕްޓެންބަރު މަހު ފަހުކޮޅު އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު އާންމުކުރެއްވި އެމްޕީއެލްގެ ވީޑިއޯއެއްގައި ވަނީ، ޑޮމެސްޓިކް ކީގެ މަސައްކަތް އަންނަ ނޮވެންބަރު މަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށާއި އިންޓަނޭޝަނަލް ކީގެ މަސައްކަތް އަންނަ ޖުލައި މަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް ލަފާކޮށްފައެވެ.
ތިލަފުށީ ބަނދަރުގައި އެމްޕީއެލްގެ ބައެއް މުވައްޒަފުން -- ފޮޓޯ: އެމްޕީއެލްތިލަފުށީގައި ތަރައްގީކުރާ އާ ބަނދަރަކީ ގާތްގަނޑަކަށް 250 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މި އަހަރުގެ ފެބްރުއަރީ މަހު ވަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ ހަވާލުކޮށްފައެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މައުލޫމާތު ދީފައިވާ ގޮތުގައި، 20 ހެކްޓަރުގެ ބިމެއްގައި ތަރައްގީކުރާ މި ބަނދަރު ނިމުމުން، އަހަރަކު ތިން ލައްކަ ޓީއީޔޫ (ކޮންޓެއިނަރު) ހެންޑްލް ކުރުމުގެ ގާބިލުކަން ލިބިގެންދާނެއެވެ.
މިއީ މިދިޔަ އަހަރު މާލޭގެ ބަނދަރުން ހެންޑްލްކުރި 135،000 ޓީއީޔޫއާ އަޅައި ބަލާއިރު ދެގުނައަށް ވުރެ ބޮޑު އަދަދެކެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ނޮވެންބަރު 11ގެ ނިޔަލަށް މާލޭގެ ވިޔަފާރި ބަނދަރު އެއްކޮށް ތިލަފުއްޓަށް ބަދަލުކުރުމަށެވެ.
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ، މިހާރު މާލޭގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ތޮއްޖެހުމުގެ މައްސަލައަށް އޮތް ދާއިމީ ހައްލު ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ. އެންމެ ފަސް ހެކްޓަރުގެ ބިމެއްގައި 1980 ގެ އަހަރުތަކުގައި ތަރައްގީކޮށްފައިވާ މާލޭގެ ބަނދަރު ތޮއްޖެހުމުގެ ސަބަބުން، މުދާ ކްލިއާ ކުރުމަށް ބައެއް ފަހަރު ދެ ހަފުތާއަށް ވުރެ ގިނަ ދުވަސް ނަގައެވެ.
މިކަމުގެ ސަބަބުން ޑެމަރޭޖް ޗާޖުގެ ގޮތުގައި ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހި، މުދަލުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ތިލަފުށީ ބަނދަރުގައި އެމްޕީއެލްގެ ބައެއް މުވައްޒަފުން --- ފޮޓޯ: އެމްޕީއެލްމި ދަތިތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް، ޑެމަރޭޖް ފްރީ މުއްދަތު 80 ގަޑިއިރުން 124 ގަޑިއިރަށް މި ސަރުކާރުން ވަނީ އިތުރުކޮށްދީފައެވެ. މި އަހަރުގެ ކުރީކޮޅު ބަނދަރު ތޮއްޖެހުމުގެ ސަބަބުން ރާއްޖެއަށް މުދާ ހިފައިގެން އައި 4،200 އެއްހާ ކޮންޓެއިނަރު ސްރީލަންކާގެ ކޮލަމްބޯ ބަނދަރުގައި ތާށިވެފައި އޮތްކަން ވެސް ފާހަގަކޮށްލެވެއެވެ. އާ ބަނދަރު ހުޅުވުމާއެކު، މުދާ ކްލިއާ ކުރުމަށް މިހާރު ނަގާ ހަތް ދުވަހުގެ މުއްދަތު 48 ގަޑިއިރަށް ކުޑަކުރެވޭނެ ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.
އެމްޕީއެލުން ވަނީ، މާލޭ ވިޔަފާރި ބަނދަރުގެ ޚިދުމަތްތައް އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން ތިލަފުށްޓަށް އެއްކޮށް ބަދަލުކުރެވޭނެ ކަމަށް ލަފާކޮށްފައެވެ.